ރިޕޯޓު: ގަރާޖް ސިޓީ އުވާލައި ޕާކިން އަށް އިންވެސްޓްކޮށް، ހަރުދަނާ ނިޒާމެއް ބޭނުންވޭ!
2 މެއި 2021 - 12:17
މާލޭގައި ހަތަރު ފޮރޮޅުލީ އިންޖީނު އުޅަނދެއް ރަޖިސްޓްރީކުރެވެނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. މިއީ އުސޫލު ހަމަޖެހިފައި އޮތް ގޮތެވެ. އުސޫލު އޮތް ގޮތަށް ބަލާއިރު މިއީ މާލޭގެ ރައްޔިތުންނަށް އެކަނި އޮތް ހައްގެކެވެ. މާލޭގެ ރަށްވެހިންނަށް ވުރެ ރަށްތަކަށް ނިސްބަތްވާ މީހުންގެ އާބާދީ މިތަނުގައި ކިތަންމެ ގިނަ ނަމަވެސް އެއިން މީހަކަށް އުޅަނދެއް ރަޖިސްޓްރީކުރެވޭނީ މާލޭ މީހާގެ ގަރާޖުން ތަންކޮޅެއް ދީފި ނަމައެވެ. އެހެން ގޮތަކަށް ބުނާ ނަމަ މާލޭގައި ދުއްވާ އުޅަނދު ރަޖިސްޓްރީކުރެވޭނީ ހަމައެކަނި މާލޭގައި ގޯތި ހުރި މީހުންނަށެވެ. އަޖައިބެއް ކަހަލަ ކަމެކެވެ.
ދެން ހިތަށް އަރާފާނެއެވެ. އުސޫލު މިހާ ހަރުކަށިކޮށް އޮތް ނަމަވެސް ރަށްރަށަށް ނިސްބަތްވާ އެތައް ބަޔަކު ކާރާއި ޕިކަޕާއި މި ނޫން ވެސް އުޅަނދުފަހަރު ގެންގުޅެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ މާލޭގެ ގެދޮރު ހުރި ރަށްވެހިންނަށް ވުރެ ރަށްރަށުން އައިސް މާލޭގައި ވަޒަންވެރިވެގެން އުޅޭ މީހުންގެ ތެރެއިން އުޅަނދުފަހަރު ގެންގުޅޭ މީހުން މާ ގިނައެވެ. އެކަން އެހެން ވަނީ ގާނޫނާއި ގަވާއިދާއި އުސޫލްތައް އޮތްތާކު އޮއްވައި ހިޔާނާތާއި ފަސާދައިގެ ތެރެއިން އެކަމަށް މަގު ފަހިވެފައި އޮތުމެވެ.
ނުފޫޒު ގަދަ މީހާ އާއި ރިޝްވަތު ދޭން ކެރޭ މީހާ އަށް އުޅަނދެއް ރަޖިސްޓްރީކުރުމަކީ އެހާ އުނދަގޫ ކަމަކަށް ނުވުމުންނެވެ. މާލޭ މީހާ އަށް ބޮޑު އަގު ދީފައި ލިޔުމެއް (ގަރާޖް ސިޓީ) ހޯދުމުން އެކަން އެ ނިމުނީއެވެ. އެއަށް ވުރެ ވެސް ފަސޭހަ ގޮތްތައް ވެސް ހުރެއެވެ. ރިސްކާއި އަގު ތަންކޮޅެއް ބޮޑުވާނެއެވެ. ޓްރާންސްޕޯޓްގައި އެކަން ކުރަން އުޅޭ މީހާއާ ގުޅާލަންވީއެވެ.
އުޅަނދުފަހަރު ރަޖިސްޓްރީކުރުމަކީ ބޮޑު ވިޔަފާރިއެކެވެ. ދިހަ ވަރަކަށް އުޅަނދު ރަޖިސްޓްރީކޮށްގެން އުޅަނދެއް 70،000 ރުފިޔާގެ ރޭޓުން 700،000 ރުފިޔާ ލިބެއެވެ. މުނިސިޕަލްޓީގައި ރަޖިސްޓްރީކުރާ ގަރާޖްގައި ޖާގަ އޮންނަ މިންވަރަކުން ނޫނީ އެ ގަރާޖެއްގައި އުޅަނދުފަހަރު ރަޖިސްޓްރީނުކުރެވޭނެއެވެ. ނަމަވެސް 12 ފޫޓު 15 ފޫޓުގެ ޖާގައަކަށް ވިހިތިރީސް އުޅަނދު ރަޖިސްޓްރީކޮށްފައި އެބަ ހުއްޓެވެ. ބުނެވޭ ގޮތުގައި އެއް ގަރާޖަކަށް އެތައް ސަތޭކަ އުޅަނދު ވެސް ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. އަދި މިކަމުން އެތައް މިލިއަން ރުފިޔާއެއް ހޯދައިގެން މުއްސަނދިންނަށް ވެފައި ވެސް އެބަ ހުއްޓެވެ.
އުޅަނދެއް ރަޖިސްޓްރީކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ މުނިސިޕަލްޓީގައި ގަރާޖެއް ރަޖިސްޓްރީކުރުމެވެ. އެތަނުން ދޭ ހުއްދައާ އެއްގޮތަށް ކުރެހުމުގައި މިން އަޅައި ޖާގަ ކަނޑައަޅައެވެ. މީގެ ކުރިން ހަމައެކަނި ލިޔެކިޔުމަށް ބަލާފައި ރަޖިސްޓްރީގެ ކަންކަން ހަމަޖެހެއެވެ. އެހެންކަމުން މުނިސިޕަލްޓީން ފާސްކުރާ ކުރެހުން އެކި ގޮތްގޮތަށް ބަދަލުކޮށް ޖާގަ ބޮޑުކޮށް އެތައް ސަކަރާތެއް ޖަހައި އެއް ގަރާޖެއްގައި އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. މިކަމުގައި ގޭގެ ވެރިންނަށް އެނގުމަކާ ނުލައި މުނިސިޕަލްޓީ އާއި ޓްރާންސްޕޯޓްގެ އޮފިޝަލުންނަށް ބައި އަޅައިގެން ވެސް އެކަން ކޮށްފައި އެބަހުއްޓެވެ. ގަރާޖް ކޮންމެހެން ވުޖޫދުގައި ހުރުމަކީ ލާޒިމް ކަމެއް ނޫނެވެ.
ގަރާޖް ސިޓީގެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމަށް މި ސަރުކާރުގައި އާ ވަޒީރު، އާއިޝަތު ނަހުލާ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖް ޗެކްކުރުން މަޖުބޫރުކުރުވިއެވެ. ނަމަވެސް އެވަރުން ވެސް މައްސަލައަށް ހައްލެއް ނުލިބެއެވެ. ގަރާޖް ބަލަންދާ މީހާގެ ލޯމަތީގައި ނޫޓު ބޮނޑިއެއް އެޅީމައި އެކަން ނިމުނީއެވެ. އެ ގަރާޖަކީ ވުޖޫދުގައި ހުންނަންޖެހޭ ތަނަކަށް ނުވެއެވެ. އެހެންކަމުން އުޅަނދުފަހަރު ރަޖިސްޓްރީކުރުން އަދިވެސް އޮތީ ކުރިން ވެސް އޮތްގޮތަށެވެ. އެކަން އަދިވެސް ކުރިއަށް ދަނީ ރިޝްވަތާއި ހިޔާނާތުގެ ތެރެއިންނެވެ. އަދި ކިތަންމެ ރަނގަޅު ސިސްޓަމެއް އެކުލަވައިލި ނަމަވެސް އެކަން ބަލަން ތިބޭ މީހުން އިހްލާސްތެރި ނޫން ނަމަ ގަރާޖް ސިޓީގެ މައްސަލައަށް ހައްލެއް ނުލިބެއެވެ.
ގަރާޖް ސިޓީއަކީ އުވާލަންޖެހޭ އެއްޗެއް ކަމަށް ވާހަކަ ދެކެވޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބިފައެއް ނުވެއެވެ. މިވާހަކަ އަނެއްކާ ވެސް ގަދަވެފައި މި ވަނީ ގާނޫނީ ގޮތުން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް މަޖިލީހުގެ ތެރޭގައި ފެށި ހިސާބުންނެވެ. ގަރާޖް ސިޓީ އުވާލުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެކި ގޮތްގޮތަށް މަޝްވަރާކުރުމަށް ފަހު އެ މައްސަލަ ބެލި ކޮމިޓީ މިދިޔަ ހަފުތާގެ ތެރޭގައި އެގޮތަށް ރުހި ފާސްކޮށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވިއެވެ. ނަމަވެސް މާލޭގެ މެންބަރުންނަށް އެއީ ހަޖަމުކުރެވޭ ކަމަކަށް ނުވިއެވެ. މާލެ ތޮއްޖެހިދާނެ ކަމަށް ބުނެ އެ ބިލް އަނެއްކާ ވެސް އަނބުރާ ކޮމިޓީ އަށް ފޮނުވާލިއެވެ.
އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ފާސްކުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުގެ ހިޔާލު ވެސް ހޯދިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލުން ވެސް ލަފާދިނީ އެފަދަ ފިޔަވަޅެއް އަޅާ ނަމަ ޕާކް ކުރާނެ ޖާގަ ދިނުމުގެ ހަރުދަނާ ނިޒާމެއް ކަނޑައެޅުމަށެވެ. ފުލުހުންގެ ފަރާތުން ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވެފައި ވަނީ އެއް ގަރާޖެއްގައި އެތަކެއް ސަތޭކަ އުޅަނދެއް ރަޖިސްޓްރީކުރުން ފަދަ ކަންކަން ކުރިމަތިވަނީ، ތަންފީޒީ އިދާރާތަކަށް އެކަން ބެލެނޭ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުން ކަމަށެވެ. އެހެން އިދާރާތަކުގެ ބޭފުޅުން ވެސް ވިދާޅުވީ އެކަމުގައި ރަނގަޅު ނިޒާމެއް ގާއިމުކުރެވެންޖެހޭ ކަމަށެވެ.
ގަރާޖް ސިޓީ އުވާލަންޖެހޭ ކަމަށް މަޖިލީހުގެ ގިނަ މެންބަރުން ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް އޮތް ކަންބޮޑުވުމަކީ މިހާރު ވެސް ތޮއްޖެހި ހިރިލަން އުނދަގޫ މާލޭގެ މަގުތައް އިންތިހާ އަށް ތޮއްޖެހުމެވެ. މި ބަހުސްގެ ތެރެއިން ފާހަގަކުރެވުނު އެއްކަމަކީ ހަގީގީ މައްސަލައަކީ ގަރާޖް ސިޓީއެއް ނޫން ކަމެވެ. މެންބަރުންގެ ވެސް ކަންބޮޑުވުމަކީ މާލެ އިތުރަށް ތޮއްޖެހުމެވެ. އެހެންކަމުން ހައްލު ހޯދަންޖެހިފައި ވަނީ އުޅަނދުފަހަރު ޕާކްކުރެވޭނެ ގޮތްތަކެއް ހޯދުމާއި މާލެ އަށް އެކަށޭނަ މިންވަރެއް ކަނޑައެޅުމުގެ މައްސަލައަށެވެ. އަދި އެކަމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ވެހިކަލް ރަޖިސްޓްރީކުރާ އިރު ގަރާޖް ސިޓީގެ ބަދަލުގައި އެކަށީގެންވާ ޕާކިން ފީއެއް ނަގައި އުޅަނދުފަހަރު ޕާކްކުރެވޭނެ ގޮތްތަކެއް ހޯދުމަށް އެ ފައިސާ އިންވެސްޓްކުރެވިދާނެއެވެ. މިސާލަކަށް ޕާކިން އަށް ޖާގަތަކެއް ކަނޑައެޅުމުގެ ބަދަލުގައި ޕާކިން އޭރިއާތަކުގައި ޕާކިން އިމާރާތްތަކެއް ހެދުމުން އެކަމަށް ހައްލު ލިބޭނެއެވެ. މިއީ ތަހުޒީބީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އުޅަނދެއްގެ އުމުރަށް ބަލާފައި ޕާކިން އަށް ކަނޑައަޅާ ފީ އެއްފަހަރާ ނުވަތަ އަހަރީ ފީއެއްގެ ގޮތުގައި ނުވަތަ މަހުން މަހަށް ދައްކަންޖެހޭ ފީއެއްގެ ގޮތުގައި ކަނޑައަޅައި ވަކި މުއްދަތަކަށް ފީ ނުދައްކައިފި ނަމަ ރަޖިސްޓްރީ ބާތިލްވާގޮތަށް ހެދުން ފަދަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ޕާކިން އިމާރާތްތަކެއް މުހިންމެވެ. މާލޭގައި މިހާތަނަށް ޕާކިން އޭރިއާތަށް ކަނޑައެޅި ނަމަވެސް އެކަމަށް ހާއްސަ އިމާރާތްތަކެއް ހަދާފައެއް ނުވެއެވެ. ޕާކިން ބިލްޑިންގ ހެދުމަށް މީގެ ކުރިން އެމްޓީސީސީ ފަދަ ބައެއް ކުންފުނިތަކާ ހަވާލުކުރި ނަމަވެސް އެ މަޝްރޫއުތަކަށް އަމަލީ ސިފަ އައިސްފައެއް ނުވެއެވެ. އަދި މިދިޔަ ސަރުކާރު މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް މާލެ ސަރަހައްދުގެ ބައެއް ތަންތަނުގައި ބެހެއްޓި ނަމަވެސް އެ ތަންތަނުގެ ބޭނުން ނުކުރެވި އުޅެނިކޮށް މިހަރު ވަނީ ދަބަރަށް ގޮސް ހަލާކުވެފައެވެ.
މާލޭގެ ޕާކިން މައްސަލައަށް ހައްލުކުރުމަށް ހީނާމާގެ ފަދަ ބޮޑެތި ބިންތަކުގައި ޕާކިން ޒޯންތައް ކަނޑައެޅި ނަމަވެސް އެތަންތަނުން ޖާގަ ދެވެނީ މަދު އުޅަނދުފަހަރަކަށެވެ. އޭގެ ބަދަލުގައި ވިޔަފާރި އުސޫލުން އިންވެސްޓްކޮށްގެން އެފަދަ ބިންތަކުގައި ބުރިބުރިއަށް ޕާކިން އިމާރާތްތަކެއް ހަދައިފި ނަމަ މާލޭގެ މަގުތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެނގިފައިވާ ގޮތުގައި ބައެއް އަމިއްލަ ފަރާތްތަކުން މީގެ ކުރިން ވަނީ އެފަދަ ކޮންސެޕްޓްތައް ސަރުކާރަށް ހުށަވެސް ހަޅާފައެވެ.
ޕާކިން އިމާރާތްތަކުގެ އިތުރުން ސަރުކަރާއި އަމިއްލަ ފަރާތްތަކުން ހަދާ ފްލެޓް އިމާރާތްތަކާއި ބޮޑެތި ބިންތަކުގައި ހަދާ އިމާރާތްތަކުގައި އެ އިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކަށް ޕާކިން ޖާގަ ލިބޭނެ ގޮތަށް އިމާރާތުގެ ވަކި ބައިތަކެއް އެ ކަމަށް ހާއްސަކުރުން ފަދަ ކަންކަމަކީ ވެސް މި މައްސަލައަށް ހައްލެއް ލިބޭނެ ކަންކަމެވެ.
މީގެ އިތުރުން މާލޭގެ ކެޕޭސިޓީ އާއި އުޅަނދުފަހަރުގެ އުމުރެއް ކަނޑައަޅައި ގިނަ ދުވަސްވީ އުޅަނދުފަހަރު ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ވެސް ތޮއްޖެހިފައިމިވާ މާލެއަށް ކޮންމެހެން މުހިންމުވެފައިވާ ކަމެކެވެ. އެކަންކަމާ އެކު ހަގީގަތުގައި ގަރާޖް ސިޓީގެ ބޭނުން ކެނޑިގެންދާނެއެވެ. އަދި އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ބާރު ހަމައެކަނި މާލޭ މީހުންގެ އަތްމަތީގައި އޮތް އޮތުމަށް ނިމުން އައިސް މާލޭގައި ވަޒަންވެރިވެގެން އުޅޭ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މިކަމުގައި އޮތް ކޮރަޕްޝަންގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަމިއްލަ ގަރާޖެއް ނެތް ހާލަތެއްގައި ގަރާޖް ސިޓީ ގަތުމަށް މިހާރު ވެސް ކުރާ ހޭދަ ދައުލަތަށް ދެއްކުމުން އެފައިސާ ބޭނުންކޮށްގެން އެ އުޅަނދު ޕާކްކުރާނެ ޖާގަ ހަމަޖެހޭނެ އިންތިޒާމެއް ކަނޑައެޅުމުން މުޅި މައްސަލައަށް ހައްލެއް ލިބުނީއެވެ. އޭރުން މާލޭގެ މެންބަރުންގެ ކަންބޮޑުވުމަށް ވެސް ހައްލެއް ލިބުނީއެވެ. މާލެ އަށް އޮތް ކަންބޮޑުވުމަކީ ގަރާޖް ސިޓީއެއް ނޫނެވެ.
ހަގީގަތުގައި ހައްލުކުރަންޖެހެނީ ވެސް އެ މައްސަލައެއް ނޫނެވެ. ހައްލުކުރަންޖެހެނީ ގަރާޖް ސިޓީއަކުން ރަޖިސްޓްރީކޮށްގެން މަގުމަތިވެފައިވާ ވެހިކަލްތައް މަގުތަކުގައި ޕާކް ކޮށްފައި އޮންނަ މައްސަލައެވެ. މާލޭގެ މަގުތައް ތޮއްޖެހިފައިވާ މައްސަލައެވެ.