ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
18 މެއި 2021 - 11:20
މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ ފުރުސަތު މި މޭ މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު މިއަދު، މޭ މަހުގެ 18 ވާ އަންގާރަ ދުވަހުން ފެށިގެން މޭ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު9:00 އިން މެންދުރުފަހު 2:00 އާ ދެމެދު ރައީސް އޮފީހުގެ ރިސެޕްޝަނުން ބަލައިގަންނާނެއެވެ.
ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އީމެއިލް މެދުވެރިކޮށްވެސްވަނީ ހުޅުވާފައެވެ. އީމެއިލް ކުރާނަމަ، ފޮނުވާނީ info@po.gov.mv އަށެވެ. ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން އެދެއެވެ.
ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސައިފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ވެބްސައިޓް އެޑްރެހަކީ https://presidency.gov.mv/Downloads/dv/47 އެވެ.