މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤު އަދިވެސް ރައްޔިތުންނަށް ކަށަވަރުނުވޭ

1 ޖޫން 2021 - 10:25

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ގިނަ ހައްޤުތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަކީވެސް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނު ބުނާގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންދާ އަދި ތަންފީޒުކުރެވޭނެ ޤާނޫނީ ހައްޤެކެވެ.

މި ހައްޤު ކަށަވަރުކޮށްދިނުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ވަނީ ޤާއިމްކޮށްފައެވެ. މި އޮފީސް މެދުވެރިކޮށް މައުލޫމާތު ހޯދަން ބޭނުންވާ ކޮންމެ މީހަކަށް އެއީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ.

advertisement

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވާތާ މިހާރު 2 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެޕްރީލްމަހު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 3 ނަމެއް ވަނީ ފޮނުއްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ އެއްވެސް ނަމެއް ފާސްވެފައެއް ނުވެއެވެ.

ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ވޯޓަށް އެހުމުން މި 3 ބޭފުޅުންގެތެރެއިން އެއްވެސް ނަމެއް ފާސްނުވީ މަޖިލީހުގެ ޤަވައިދުގައި ބުނާ އަދަދަށް އެއްވެސް ބޭފުޅަކަށް ވޯޓް ލިބިފައިނުވާތީއެވެ.


މަޖިލީހުގެ ޤަވައިދު ބުނާގޮތުން މިނިވަން މުވައްސަސާއަކަށް އައްޔަންކުރާ ބޭފުޅަކަށް 12 މެމްބަރުން ތިއްބަވާ ކޮމެޓީންގެ ތިންބައިކުޅަ ދެ ބައިވޯޓް ޖުމްލަ 8 ވޯޓް ލިބެންޖެހޭނެއެވެ. އެހެންނަމަވެސް މި ތިން ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 7 ވޯޓެވެ. ކޮމެޓީން އެއްވެސް ބޭފުޅަށް ލިބެންޖެހޭ މިންވަރަށް ވޯޓް ނުލިބުމުން އެ ނަންތައް މަޖިލީހުން ބޭރުވާނެއެވެ. ދެން ޖެހޭނީ އަނެއްކާވެސް ރައީސް އަލުން ނަންތަކެއް ފޮނުއްވާށެވެ.

މިކަމާއިމެދު ބައެއް އާންމުންވެސް ވަނީ ކަންބޮޑުވުން ސޯސަލް މީޑިއާގައި ފާޅުކޮށްފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު މިހާ ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތުމުން އެފަރާތްތަކުން ވަނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ފާހަގަކޮށްފައެވެ. މި ކަންބޮޑުވުންތަކުގެ އަސްލުތަކުގެ ތެރޭގައި އިންޕޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މުހިންމު ހައްޤެއް ހޯދައިދޭ މުއައްސަސާއަކަށްވުން ހިމެނެއެވެ. ޓްވިޓަރގައި މީހަކު ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައި އޮންނަތާ 60 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މަޤާމަށް މީހަކު އައްޔަންކުރުމަށް މަޖިލީހުން މާބޮޑު މަސައްކަތެއްކުރާތަން ނުފެންނަ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ އެންމެ ފަހުން އެ މަޤާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ މާރޗް މަހުގެ 21 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0