ކައިވެނީގެ ހަދިޔާއިން ޓެކްސްނެގޭ އިސްލާހެއް ހުށައަޅައިފި

3 ޖޫން 2021 - 14:12

ކައިވެނި ކުރުމުން ދެވޭ ހަދިޔާއިން ޓެކްސް ނަގަން ޖެހޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށައަޅާފައިވަނީ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރުއެވެ. އަލަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ އެވެ. އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެ އެވެ.

advertisement

ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީއިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުން ކަމަށެވެ. ހަމައެއާއެކު މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ވެސް އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

މި ބައި އިތުރު ކޮށްފައި ވަނީ ޓެކްސް ނެގުމުން އިސްތިސްނާވާ އާމްދަނީއަށެވެ. މީގެ ކުރިން އެ މާއްދާގައި ވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާއިން ޓެކްސް ނުނެގޭނެ ކަމެވެ. އެކަމަކު މިހާރު އިތުރުކޮށްފައިވާ މާއްދާގައިވާ މުއްދަތުގެ ކުރިން ނުވަތަ ފަހުން ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގާނެއެވެ.

މި ބިލުގައި ހިމެނޭ މިފަދަ މާއްދާތަކަށް އަންނަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރެއްވި ބައެއް މެންބަރުން ވެސް ވަނީ ބިލުގައި ހިމެނޭ މިފަދަ މާއްދާތައް އުނިކުރަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އެކަމަކު ބިލު ބަލައިގަނެ ކޮމިޓީއަކަށް ދިރާސާ ކުރަން ފޮނުވަން އެމްޑީޕީގެ މެންބަރުން ތާއީދު ކުރައްވައެވެ.
ދެހާސް ނަވާރަވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެއްކުން އިސްތިސްނާވެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0