ކޯވިޑްގެ އަސަރު މުޅި ދުނިޔެއިންވެސް އެންމެ ބޮޑަށް ކޮށްފައިވާ ބަޔަކީ އުމުރުން ދުވަސްވީ މީހުން

16 ޖޫން 2021 - 16:36

އިއްޔެއަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަހެވެ. ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އުމުރުން ދުވަސްވީ ފަރާތްތަކަށް މުޅިދުނިޔޭގައި ތަފާތު ގޮންޖެހުންތަކާ ދިމާވަމުންދެއެވެ. މިގޮތުން ނަފްސާނީ އުނދަގޫތަކާއި އިޤްތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. ހަމައެހެންމެ ކޮވިޑް-19ގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތައް ގިނަ ކަމުގައި ފާހަގަ ކުރަމެވެ. އަދި މި ބަލީގެ އެންމެ ނާޒުކު ހާލަތަށްގޮސް ދުނިޔެއާއި ވަކިވެގެންދާ މީހުންގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީވެސް އުމުރުން ދުވަސްވީ ފަރާތްތަކެވެ.

ކޮވިޑްގެ ނުރައްކާތެރިކަމުން އުމުރުން ދުވަސްވީ މީހުން ރައްކާތެރިކުރުމަށް ކޮންމެ އާއިލާއަކުންވެސް މުހިއްމު މަސައްކަތްތަކެއް މި ދަނޑިވަޅުގައި ކުރަންޖެހެއެވެ. މިގޮތުން އުމުރުން ދުވަސްވީ ފަރާތްތަކާ ހަމައަށް ވައިރަސް އުފުލާ މީހުންކަމުގައި އަޅުގަނޑުމެން ނުވުމަކީ މިވަގުތަށް ކުރެވޭނެ މުހިއްމު ކަމެކެވެ.

advertisement

މި ދުވަސް ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރެވެނީ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބޭ ގޯނާއާއި ހާނިއްކަ އާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުން އެފަރާތްތައް ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިމަތިވާ ތަފާތު މައްސަލަ ތަކާމެދު މުޖުތަމަޢުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރުމަށެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެހެންކަމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާ އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ މަންމަ އިންނާއި ބައްޕަ އިންނާއި، މާމަ އިންނާއި، ކާފައިންނަށް ހެޔޮކަށް ހިތައި، ރައްކާތެރިކަމާ އަބުރުވެރިކަމާއެކު، ކަރާމާތްތެރި ދިރިއުޅުމެއް އެފަރާތްތަކަށް ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށް ދިނުމަކީ މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެކެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައިވެސް ތަފާތު ނަފްސާނީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބުމަކީ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ދިމާވާ މިފަދަ އަނިޔާވެރި ޢަމަލު ތަކުން ސަލާމަތްކޮށް އިންސާފު ހޯދައި ދިނުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބިގެންވާ އިންސާނީ ވަރަށް މުހިއްމު ޙައްގެކެވެ. އަދި މިއީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްވެސްމެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0