ހަކަތައިގެ ދާއިރާ ސިންދަފާތުކުރަންޖެހޭ – މިނިސްޓަރ ޝައުނާ
24 ޖޫން 2021 - 15:56
ހަކަތައިގެ ދާއިރާ ސިންދަފާތުކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވި އެނާރޖީ އިންވެސްޓަރ ކޮންފަރެންސް ފެށުމުގެގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، ހަކަތައިގެ ދާއިރާ ސިންދަފާތުކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަން ފާހަގަކުރައްވާ، މިކަމުގައި ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އެހީތެރިކަމާއި ބައިވެރިވުން ރާއްޖެއަށް ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އެނާރޖީ އިންވެސްޓަރ ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވަނީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދިނުމަށާއި މުޅި ހަކަތައިގެ ސިނާޢަތްހެން ބަރޯސާވަނީ ތެލަށްކަމަށާއި، މިއީ ޚަރަދުގެގޮތުން ބެލިޔަސް ދަޢުލަތުގެ ބަޖެޓަށް ބުރަ، އަދި ތިމާވެށީގެގޮތުންވެސް އެންމެ ރައްކާތެރިގޮތް ނޫންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި ކޮންފަރެންސްގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމައިލްވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.