ރިޕޯޓް: ހިޔާ ފްލެޓުގެ އަހްލުވެރިން އެދެނީ ކުރީ ސަރުކާރުން ހެދި ގޯހެއްގެ އަދަބު މިސަރުކާރުން ނުދިނުމަށް!

1 ޖުލައި 2021 - 11:17

ތަރައްޤީގެ މަޝްރޫޢުތަކުގެ ނިސްބަތަށް ބަލާއިރު، ރައީސް ޔާމީންގެ ސަރުކާރުން ގިނަގުނަ ކަންތައްތަކެއް ކޮށްދީފައި ވަނިކޮށް ރައްޔިތުން ނުކުމެ ވޯޓުން ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ ގައިމު ވެސް މުޅިން އެހެން އުންމީދުތަކެއް އޮތީމައެވެ. ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި އަދި އެ ތަނުގައި ހަދާފައި ހުރި 25 ބުރީގެ 16 ޓަވަރު ފެންނަން ހުއްޓައި ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ ރައީސް ޔާމީނަށް ނޫނެކޭ ބުނީ ގައިމު ވެސް ތަރައްޤީ ނުގެނިވެގެންނޭ ބުނާނެ ދިވެއްސަކު ނުހުންނާނެއެވެ. ގިނަބަޔަކު ދެކޭގޮތުގައި، މިބަދަލުގެ ސިއްރަކީ ރައްޔިތުންީ އަދުލުވެރި އިންސާފާއި ހަމަހަމަކަން ތަރައްޤީއަށް ވުރެ ބޮޑަށް ބޭނުންވުމެވެ. ދެން ވެރިކަމާ ހަވާލުވާ ބަޔަކު އިންސާފާ ހަމަހަމަ އުސޫލަކުން އެކަންކަން ރަނގަޅުކުރާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތީމަތާއެވެ.

“ހިޔާ” މަޝްރޫއަކީ ކުރީގެ ސަރުކާރުން ހަދާފައިވާ ބޮޑު ގޯހެއް ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ. އެއީ ކޮތަރު ކޮށްޓެއް ކަމާއި އެތަނުގެ އަގު ސޯޝަލް ހައުސިންގެ އަގަށް ވުރެ މާބޮޑު ކަމާއި އެ ތަނަށް ވަންނަ ގިނަ މީހުން އެތަނުގައި ނޫޅޭނެ ކަމަށް ވެސް މި ސަރުކާރުގެ ވެރިން އައީ ބުނަމުންނެވެ. މިހެން ގޮސް ނުދައްކާކަށް ވާހަކައެއް ނެތެވެ. އެކަމުގެ ހެކިތައް ވެސް މި ސަރުކާރުން އަންނަނީ ދައްކަމުންނެވެ. ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސް ސޯލިހް އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު ވެސް ވިދާޅުވީ ހިޔާ މަޝްރޫއަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ބޭކާރު ހަރަދެއް ކަމަށެވެ. އަދި އެ ތަނުގެ މަހު ކުލި 11،000 ވަރަކަށް ރުފިޔާ އަށް އަރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

advertisement

ސަރުކާރުގެ އެ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި އެ ބަހުސް ކުރެވުނެވެ. ނޫސްވެރިން ލައްވައި ފޮޓޯތަކާއި ރިޕޯޓްތައް ހެދި އިރު ގިނަ ބަޔަކަށް އެކަން ގަބޫލު ވެސް ކުރެވުނެވެ. ކުޑަ އާއިލާއެއް އުޅެން 550 އަކަ ފޫޓުގައި ދެ ކޮޓަރިއަކީ ކުޑަ ތަނަކަށް ވެދާނެއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ފްލެޓްތަކުގެ އަހުލުވެރިންނަށް އެ ތަންތަން ދައްކަން ފަށާފައެވެ. ތަނުގެ ކުޑަބޮޑުމިނާ މެދު އަދިވެސް ހިޔާލު ތަފާތުވުން އެބަ އޮތެވެ. އެއީ އެކަން ވާނެ ވެސް ގޮތެވެ.

އެޕާޓްމަންޓްތައް ޝެއާކޮށްގެން، ޑިއުޓީ ބަހައިގެން ނިދައި ހަދާ އާއިލާތަކަށް، ދެ ކޮޓަރި އާއި ސިޓިން ރޫމަކީ ރަންގަނޑެކެވެ. އެ މީހުންނަށް ބޭނުން ވަނީ މިހާރު ވެސް ބޯހިޔާވަހިކަމަށް ކުރާ ހޭދަކޮށްގެން އެ އަށް ވުރެ ތަނަވަސް ތަނެއްގައި އުޅެވޭނެ ގޮތެކެވެ. ކިތަންމެ މަދުން އާމްދަނީ ލިބުނަސް ޖާގަ ތަނަވަސް ތަނެއްގައި ދިރިއުޅެން ބޭނުންވާތީ ބޮޑު ކުލީގައި ދެ ކޮޓަރި އަދި ތިން ކޮޓަރީގައި އުޅޭ މީހުންނަށް ހިޔާ ފްލެޓްތައް ވަރަށް ކުޑަ ވެދާނެއެވެ. އެ މީހުން ބޭނުން ވަނީ ދައްކަމުން ދާ ބޮޑު ކުލީގެ ބަދަލުގައި ކުޑަ ކުއްޔަކަށް ޖާގަ ތަނަވަސް ތަނެކެވެ.

މި ދެ ބައި މީހުންގެ ބޭނުން ތަފާތު ނަމަވެސް ހިޔާ މަޝްރޫއަކީ މި ދެ ފަންތީގެ މީހުން ވެސް އެއް ހަމައަކުން ބަލައިގެން 550 އަކަފޫޓުގެ ޖާގައަކަށް ފިޓްކުރުމުގެ ވިސްނުމުގައި ހިންގާ މަޝްރޫއެކެވެ. އެހެންކަމުން ޝަކުވާ ހުންނާނެއެވެ. އެކަމަށް ވިސްނައި މި ސަރުކާރުން ޖާގަ އަށް ބަދަލު ގެނައުމުގެ ވިސްނުމެއް ގެންގުޅުނެވެ. ބައެއް އެޕާޓްމަންޓްތައް ތިން ކޮޓިއަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރި ނަމަވެސް 25 ބުރިއަށް ހަދައި ބޭރުން ބޮޑު ބައެއް ނިންމާފައި ހުރުމުން ސްޓްރަކްޗަރ ބަދަލު ގެނައުމަށް ކުރި މަސައްކަތުގައި ސަރުކާރަށް އަލިމަގެއް ނުފެނުމުން ނިންމީ ކުރިން ވެސް އޮތް ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

ހިޔާ މަޝްރޫއާ މެދު އެތައް ވާހަކައެއް ދެއްކެވި ނަމަވެސް ރައީސް ސޯލިހް ވިދާޅުވީ ހިޔާ މަޝްރޫއުގެ ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހިޔާގެ އަހުލުވެރިންނަށް އެ މަނިކުފާނު ވައުދެއްވެ ވަޑައިގެންނެވިއެވެ. “އަޅުގަނޑު ކުރިން ވެސް ދަންނަވާފައި ވާނެ އެ ތަނުގައި މައްސަލަތަކެއް ހުރި ވާހަކަ. އެތަނަށް ވަދެ ދިރިއުޅެން ދަތި ހާލެއްގައި ހުރި ވާހަކަ. އަދި އޭގެ އަގުތައް ބޮޑު ވާހަކަ. އަޅުގަނޑުމެން މިހާރު އެޗްޑީސީއާ އެކުގަ މަޝްވަރާކޮށްފައި އޮންނާނެ ރަނގަޅު އަޅުގައި، އަޅުގަނޑުމެން މި ދަންނަވާ ހަހާސް ރުފިޔާގެ ތެރޭގައި، ހަތްހާހަށް ވުރެ ބޮޑު ނުވާ ގޮތަށް ދެވޭނެ ގޮތެއް ތިޔަ ބޭފުޅުން ހޯއްދަވައިދެއްވާށޭ. އެއީ މުއްދަތު އިތުރުކޮށްގެން ވިޔަސް. އެހެންވީމާ ރައްޔިތުންނަށް އެ ލުއި ދިނުމަށް ފަހުގައި އެ ގޮތަށް ބަދަލުކޮށްގެން އެ ތަންތަނަސް ބަދަލު ގެނެސް އެކަން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،” ވެރިކަމުގެ ކުރީކޮޅު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި އޮތުމާއި އެހާ ބޮޑު ހޭދައެއް ކޮށްގެން ވިޔަސް ކުރީގެ ސަރުކާރުން ހިޔާގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5،600ރ. ކަމަށް އިއުލާނުކޮށްފައި އޮތުމުން ގިނަ ބަޔަކަށް ރައީސްގެ އެ ވާހަކަތަކުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ކުރީގެ ސަރުކާރެކޭ އެއްގޮތަށް ރައްޔިތުންގެ ހައްގުގައި ބޮޑު ގެއްލުމެއް ބޮލުގައި އަޅައިގެން ވިޔަސް ރައްޔިތުން ދައްކަންޖެހޭ ކުލި 7،000ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް ގިނަ ބަޔަކު ޔަގީންކުރިއެވެ. އެ ވާހަކަ ގަބޫލުނުކުރާ ބަޔަކު ވެސް ތިއްބެވެ. އެއީ މީގެ ކުރިން ވެސް ސަރުކާރުން އެހެން އިއުލާނުކުރާ ކަންކަން ދިމާނުވާތީ ޝައްކުމަތީގައި ތިބޭ ބައެކެވެ. ނަމަވެސް އެއީ ރައީސްގެ ވައުދުފުޅަކަށްވާތީ ކޮންމެ ވެސް ވަރެއްގެ އުންމީދެއް އެ މީހުންގެ ވެސް އޮތެވެ.

ނަމަވެސް ކަންވީ މުޅިން އެހެން ގޮތަކަށެވެ. ހިޔާ ފްލެޓްތަކުގެ އަގު ސަރުކާރުން ހާމަކުރި އިރު އަގުހުރީ ރައީސް ސޯލިހް އޭރު ވިދާޅުވި ރޭންޖަކު ނޫނެވެ. މަހެއްގެ މައްޗަށް މެއިންޓަނެންސް ފީއާއެކު 8،500ރ. މަހަކު ދައްކަންޖެހެއެވެ. މިއީ 550 އަކަފޫޓުގެ ދެ ކޮޓަރީގެ ތަނަކަށް ބޮޑު ކުއްޔެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ ފެނާއި ކަރަންޓް ބިލާއި އެ ނޫން ވެސް އަސާސީ ޚިދުމަތްތަކުގެ ބިލްތަކާ އެކު ޖުމްލަކޮށް ދެ ކޮޓަރީގެ އެޕާޓްމަންޓަށް ބާރަވަރަކަށް ހާސް ރުފިޔާ ހޭދަކުރަންޖެހޭނެ އެވެ. ކޮވިޑްގެ މިހާލަތުގެ ކުލިތަކާ ބަލާއިރު ސޯޝަލް ހައުސިން އަށް އެއީ ބޮޑު ކުއްޔެކެވެ.

އަނެއްކޮޅުން ހިޔާ ފްލެޓްތައް ހަވާލުކުރާ އިރު ކޮޓަރިތަކާއި ފާހަނާތަކުގެ ދޮރެއް ނެތެވެ. ތަށިމުށި ނުޖަހައެވެ. ބޮތްކެއް ފަންކާއެއް ބަދިގެއެއް ނެތެވެ. އެހެންކަމުން މި މަސައްކަތްތަކަށް ވެސް އެންމެ އާދައިގެ ގޮތަށް ކުރިޔަސް ބައިލައްކަ ރުފިޔާ ހަރަދުވާނެއެވެ. އެއް ފަހަރާ އެ ފައިސާ ދެއްކުމަކީ ވެސް ގިނަ ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހާއްސަކޮށް ކޮވިޑްގެ މިހާލަތުގައި އެއީ މަދު މީހަކަށް ނޫނީ ވާނެ ކަމެއް ނޫނެވެ. ދެން އޮތް ހައްލަކީ ދަރަނިވެރިވުމެވެ. އެހެންކަމުން ފިނިޝިންގެ މަސައްކަތް ކުރުމަށް ކުރާ ހޭދަ ވެސް އިންސްޓޯލްމަންޓަށް ދައްކަންޖެހޭ ބަޔާއެކު މަހެއްގެ މައްޗަށް 15،000-18،000ރ. އާ ދެމެދުގެ އަދަދެއް ހިޔާ ފްލެޓްތަކުގެ އަހުލުވެރިން ދައްކަންޖެހޭނެއެވެ. ދެ ކޮޓަރީގެ އެހާ ކުޑަ އެޕާޓްމަންޓަކަށް އެއީ ބޮޑު ކުއްޔެކެވެ. ހާއްސަކޮށް ސޯޝަލް ހައުސިން ބޭނުންވެފައި ތިބި، އަދި ހާލުގައި ދިރިއުޅޭ އެތައް އާއިލާއަކަށް މިއީ ކުޅަދާނަ ކަމެއް ނޫނެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ސަރުކާރުން ހަދާފައިވާ ބޮޑު ގޯހެެއް ކަމަށް ސަރުކާރުން ބުނާ އިރު އެ ގޯސް ރަނގަޅުކުރުމަށް ހަވާލުވި ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ ނަމަ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހަފުތާގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް މިހާރު ވެސް ސަރުކާރުން 3.2 ބިލިއަން ރުފިޔާއާ ހަވާލުވެފައިވާ ކަމަށެވެ.

އެއީ ވަރަށް ބޮޑު ހޭދައެކެވެ. ހިޔާ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އަހަރަކު 128 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭނެއެވެ. ހިޔާ ފްލެޓްތަކުގެ އަހުލުވެރިންގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާ ނަމަ އެއީ 6،720 އާއިލާ އަށް އަހަރަކު 19،047ރ. އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފްލެޓްގެ އަހުލުވެރިން މަހަކު ދައްކަންޖެހޭ މިންވަރުން 1،587ރ. ސަރުކާރު ދައްކައިދެނީއެވެ. މި ކަމަށްޓަކައި ހިޔާގެ އަހުލުވެރިން ރައީސް ސޯލިހަށް ޝުކުރު އަދާކުރާނެކަން ޔަގީނެވެ. ނަމަވެސް ސުވާލަކީ މިއީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ސަރުކާރުން ކޮށްދެވޭނެ އެންމެ ބޮޑުވަރު ހެއްޔެވެ؟

ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. އެހެންކަމުން އެތަނަށް ވަންނަ ފަރާތްތަކަކީ ބޯހިޔާވަހިކަމަކަށް އިންތިހާ އަށް ބޭނުންވެފައި ތިބި ބައެކެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ބޮޑު ކުލީގައި ދަރަނިވެރިވެގެން މާލޭގައި ދިރުއުޅޭތާ އެތައް އަހަރެއް ވެފައިވާ މީހުންނެވެ. ދެ ކޮޓަރީގެ ކުއްޔަށް މަހަކު 8،500ރ. ދެއްކުމަކީ މާބޮޑު ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް ހީނުވެދާނެއެވެ. އަދި މިހާރު މާކެޓްގެ އަގު ކަމަށްވާ 15،000-18،000ރ.ގެ ކުއްޔާ އަޅާބަލާއިރު އެއީ ވަރަށް ބޮޑު ހެޔޮވުމެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް މި ދައްކަނީ އާމްދަނީގެ ގޮތުގައި މުޅި އާއިލާ އަށް 15 ވަރަކަށް ހާސް ރުފިޔާ ވެސް ނުލިބޭ އެތައް އާއިލާއެއްގެ ވާހަކައެވެ. އެއީ ބޮޑު ކުއްޔެއްކަށް ރައީސް ސޯލިހް ވެސް ގަބޫލުކުރައްވައެވެ. ނަމަވެސް އެއަށް ވުރެ ކުޑަކުރާ ނަމަ ސަރުކާރުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތްތައް ނިންމަން އެޗްޑީސީން ވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ކުލި ހިނގަން ފަށާނީ އެ މުއްދަތަށް ފަހުއެވެ. ނަމަވެސް ގިނަ ބަޔަކު ބުނަނީ ތަން ހެދުމަށް މުއްދަތެއް ދިނުމަކުން ލުޔެއް ނެތް ކަމަށެވެ. އެޗްޑީސީން ވަނީ މިކަމުގައި ފަސޭހަ އިތުރުގޮތްތަކެއް ހޯދައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ފާހަނގަ ކޮށްލަން ޖެހޭކަމަކީ، މިތަނުގެ ކުއްޔާއި އެހެނިހެން ކަންކަން ކަނޑައަޅައނީ އެޗްޑީސީން ނޫންކަމެވެ.

“ތިން މަސް ތެރޭގައި ހަދަން ކޮންތާކުން ފައިސާ ހޯދަނީ. ތިން މަސް ދުވަހު ކުލި ނުނަގާ ވާހަކަ ބުނާ އިރު އެ ތިން މަހު ވެސް މިހާރު އުޅޭ ތަނަށް ކުލި ދައްކަންޖެހޭ. އެ ކުލި ދައްކަމުން ތަން ހަދާނެ ފައިސާ ހޯދާނެ ގޮތެއް ނުވިސްނޭ. ދެންވީ އަނެއްކާ ވެސް ލޯނެއް ނަގަން. ހިޔާ ފްލެޓްގެ ކުލި ހިނގަންފަށާއިރު ފިނިޝިން އަށް ނެގި ލޯނުގެ އިންސްޓޯލްމެންޓަށް ވެސް ފައިސާ ދައްކަންޖެހޭނެ. އެހެންކަމުން ހަމަ މިހާރު ވެސް މި ދައްކާ ކުލި ނުވަތަ އެ އަށް ވުރެ ބޮޑު އެއްޗެއް މަހަކު ހޭދަވާނެ މި ތަންތަނަށް ވަންނަ މީހުންގެ އަތުން. ކޮބައިތޯ ސޯޝަލް ހައުސިންގެ ބޭނުމެއް” ފްލެޓް ބެލުމަށް ފަހު މީހަކު އޭނާގެ ޝުއޫރު ފާޅުކުރިއެވެ.

އެއީ ކުރީގެ ސަރުކާރުން ހެދި ބޮޑު ގޯހަކުން ދިމާވި ގޮތެކެވެ. ނަމަވެސް ކުރީ ސަރުކާރު ހެދި ގޯހެއްގެ އަދަބު އާންމު ރައްޔިތު މީހާ އުފުލަންޖެހޭ ނަމަ ސަރުކާރެއްގެ ބޭނުމެއް ކޮބައިހެއްޔެވެ؟ އަދި ކުރީގެ ސަރުކާރުން މިކަމުގައި ގޯސްހަދައިފައިވާނަމަ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާނުކުރަނީ ކީއްވެތޯ މިއީ ރައްޔިތުންގެ ބޮޑު ސުވާލެކެވެ. ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހުށަހެޅި ކުންފުންޏަށް ހިޔާ މަޝްރޫޢު ހަވާލުކުރި ކުރުން ނުބެލި، އެފަރާތްތަކަށް އަދަބު ނުލިބި، ރައްޔިތުން މިކަމުގެ ތަކުލީފު އުފުލަން ޖެހުމަކީ އިންސާފެއްތޯއެވެ؟

ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ ހޭދަކުރަނީ އެންމެ 7،000 ވަރަކަށް އާއިލާއަށޭ ބުނުމަކުން ނުފުދެއެވެ. މި ދައްކަނީ 35،000 މީހުންގެ އާބާދީ ނުވަތަ ރާއްޖޭގެ 30 ވަރަކަށް ރަށުގެ އާބާދީއާ އެއްވަރުގެ އާބާދީއެއްގެ ވާހަކައެކެވެ. ދައުލަތަށް ލިބޭ އާމްދަނީއަކީ ރައްޔިތުންގެ ޓެކްސް ފައިސާ އަށްވާ އިރު އެ ފައިސާ އިން ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފްތަކަށް ލުއި ހޯދައިދިނުމަކީ ސަރުކާރަށް ބުރައަކަށް ވެގެން ނުވާނެއެވެ. މަޝްވަރާކޮށް، 35،000 މީހުންގެ ހައްގުގައި ސަރުކާރުން އަދިވެސް ތަންކޮޅެއް ބޮޑަށް ތަކްލީފް އުފުލައިގެން ވިޔަސް ރައީސް ކުރިން ވައުދުވެ ވަޑައިގެންނެވި ގޮތަށް ފްލެޓަށް މަހަކު ކުރާ ހޭދަ 7،000ރ. އަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް ކަނޑައަޅަންޖެހެއެވެ. ހިޔާގެ އަހުލުވެރިންގެ އާދޭހަކީ ކުރީގެ ސަރުކާރަކުން ހެދި ގޯހެއްގެ އަދަބު އެ ރައްޔިތުން އުފުލަން ނުޖެހޭނެ ފަދަ ގޮތަކަށް މި ސަރުކާރުން އަމަލުކޮށްދިނުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0