ޖޫންމަހު މީރާއަށް ލިބުނު އާމްދަނީ 1.19 ބިލިއަނުގައި
13 ޖުލައި 2021 - 10:11
ވޭތުވެ ދިޔަ އަހަރު ޖޫން މަހަށްވުރެ %300 އިތުރަށް މިއަހަރުގެ ޖޫންމަހު ފައިސާ ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ޖޫން މަހު މީރާއަށް 1.19 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ މިއަހަރު ޖޫންމަހު ލިބޭނެކަމަށް އަނދާޒާކުރި އަދަދަށް ވުރެ %3.2 އިތުރު އަދަދެއް ކަމަށް މީރާއިން ހާމަކުރެއެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ %326.2 އިތުރު ޢަދަދެކެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %44.6 ނުވަތަ 529.38 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %31.1 ނުވަތަ 369.53 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ ލިބުނެވެ. ގްރީން ޓެކްސްގެ ގޮތުގައި 59.90 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރަށް މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 54.98 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި، ޖޫން 2020ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރު މިމުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމެވެ. މިދިޔަ އަހަރު މާލެ ފުރަބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން އާމްދަނީ ދަށްވެފައިވެއެވެ. އެގޮތުން، މިދިޔައަހަރު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރު ޖޫން މަހުގެ ނިޔަލަށް އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ ޢާމްދަނީ ވަނީ އިތުރުވެފައެވެ.