ރިޕޯޓު: ރައީސް ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް ގެއްލުނީތަ؟

29 ޖުލައި 2021 - 14:28

ރާއްޖޭގެ ސިޔާސީ މައިދާނަށް މިހާރު އައިސްފައިވާ ބަދަލުތަކުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ ފަރާތަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި، މުހައްމަދު ނަޝީދެވެ. އަދި އެމްޑީޕީގެ ކާމިޔާބީގެ ވެސް އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ވެސް އެމަނިކުފާނުކަމާ މެދު ދެބަސްވުމެއް ނެތެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެ ނޫން ވެސް އަސާސީ އެތައް ހައްގެއް މިއަދު ދިވެހިންނަށް ލިބިފައިވުމުގެ އަސްލަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ގުރުބާނީއެވެ. އެއީ ގިނަ ދިވެހި ރައްޔިތުންތަކެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް ސުވާލަކީ ކުރިއެކޭ އެއްގޮތަށް އެ ލޯބި އެ ގޮތުގައި ދެމި އެބަ އޮތް ހެއްޔެވެ؟ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ލޯބި ދެމެހެއްޓުމަށް އެމަނިކުފާނަށް އެވަރަށް މަސައްކަތް ކުރެއްވުނު ހެއްޔެވެ؟

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ފުރޮޅައިލެއްވުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ބޭފުޅަކީ ރައީސް ނަޝީދެވެ. ނަމަވެސް 2008 ވަނަ އަަހަރުގެ އިންތިހާބުގައި ރައީސް ނަޝީދަށް ކުރި ލިބިވަޑައިގެންނެވި ހަމައެކަނި އެމަނިކުފާނަށް ދިވެހިންގެ މެދުގައި އޮތް ލޯތްބެއްގެ ބޮޑުކަމަކުން ނޫނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެ އިންތިހާބު ދެ ވަނަ ބުރަކަށް ދާންޖެހުމެވެ. ވޯޓު ލީ މީހުންގެ އާބާދީގެ ދެ ބައިކުޅަ އެއްބައި ވެސް އެމަނިކުފާނަށް ތާއީދެއް ނުކުރެއެވެ. ނަތީޖާ އެނބުރިގެން ދިޔައީ ރައީސް މައުމޫނުގެ ވެރިކަން ނިންމަން އޭރު އޮތް އެތައް ފިކުރެއް އެއް ލަވައެއް ކިޔައިގެންނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ އެ މަނިކުފާނާ ވާދަކުރެއްވި އެތައް ލީޑަރުންނެއް އެމަނިކުފާނުގެ ފަހަތްޕުޅަށް ވަޑައިގަތުމުންނެވެ.

advertisement

ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދާ މެދު ފުލުހުންނާއި ސިފައިން އަދި ސިޔާސީ ވަރަށް ގިނަ ބައެއްގެ މެދުގައި ހިތްހަމަނުޖެހުން އޮތެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް އަތުގުޅައިލި ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ކޯލީޝަންގައި ރެނދުލުމުގެ އަސްލަކީ ވެސް އެ ހަސަދަ އާއި ފިކުރުގެ ތަފާތެވެ. ނަތީޖާއަކަށްވީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އަތުގުޅައިލި އެތައް ސިޔާސީ ބޭފުޅުންނެއް އެމަނިކުފާނާ ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ވެސް ފާޅުގައި ނުކުތުމެވެ. އޭރު ވެސް އިދިކޮޅު ފަރާތްތަކުން ރައީސް ނަޝީދާ މެދު ނަފްރަތު އުފެއްދުމަށް ބޭނުންކުރީ ދީނާއި ގައުމިއްޔަތެވެ. އެ ފަރާތްތަކުން ސިފަކުރަމުން ގެންދިޔައީ ރައީސް ނަޝީދަކީ ދީނާ ދުރު “ލާދީނީ” ބޭފުޅެއްގެ ގޮތުގައެވެ. އަދި އިންޑިއާއާ ބަދަހިކުރަމުން ދިޔަ ގުޅުމުގެ ސަބަބުން އެއީ ގައުމިއްޔަތެއް ނެތް ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކުރަމުން ގެންދިޔައެވެ. ނަތީޖާއަކަށްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބޮޑެތި ހަމަނުޖެހުންތައް ހިނގައި ލޭއޮހޮރުމަކަށް ދާން ފެށުމުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމެވެ.

އޭގެ އެއް ދުވަސް ފަހުން އިސްތިއުފާ ދެއްވީ މަޖުބޫރުވެގެން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މަގުމައްޗަށް ނުކުމެވަޑައިގަތުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ތަނެއްގައި ހުޅުޖަހައި ރޯކޮށް، އެތައް ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އޭގެ ސަބަބުން އެ މަނިކުފާނުގެ ސަޕޯޓަރުންގެ މެދުގައި އެ މަނިކުފާނުގެ މަގޫބުލުކަން ބޮޑުވި ނަމަވެސް އެއީ ދިވެހިންގެ ތެރެއިން އެއް ބަޔަކަށް ކަމުނުދިޔަ އަމަލުތަކެކެވެ. އޭގެ ފަހުން ވަރުގަދަ ކެމްޕެއިނެއް ކުރެއްވި ނަމަވެސް 2013 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބައްޔަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިރު 2008 ވަނަ އަހަރާ ހިލާފަށް ދެން ތިއްބެވި ސިޔާސީ ލީޑަރު އެ މަނިކުފާނުގެ ކޮޅަށް އަރާވަޑައެއް ނުގެންނެވިއެވެ.

ރައީސް ނަޝީދުގެ މަގުބޫލުކަން އަނެއްކާ ވެސް ބޮޑުވާން ފެށީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައެވެ. ހާއްސަކޮށް ރައީސް ނަޝީދާ ދެކޮޅަށް އެ ސަރުކާރުން ހިންގި އަމަލުތަކުގެ ސަބަބުންނެވެ. ތާކުންތާކު ނުޖެހޭ މައްސަލައެއްގައި އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޗަރުކޭސް ކުޅުމުގެ ނަތީޖާއަކަށްވީ އެތައް ބައެއް ލޯބި އަނެއްކާ ވެސް ރައީސް ނަޝީދަށް ލިބިވަޑައިގަތުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ނަޝީދު އެކަނި އެއްކޮޅުގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް ފަސޭހަކަމާ އެކު އެ ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީހެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވި އިރު އެ މަނިކުފާނަށް ހުންނަވަންޖެހިވަޑައިގަތީ ވެސް ގައުމުން ބޭރުގައެވެ. ރައީސް ނަޝީދުގެ ބަދަލުގައި އެމްޑީޕީން އަދި އެމްޑީޕީއާއެކު ކޯލީޝަން ހަދައިގެން ތިއްބެވި ފަރާތްތަކުގެ ހޮވުމަކަށްވީ އެމަނިކުފާނުގެ އެންމެ ގާތް މިތުރު އަދި އެމްޑީޕީ ފެށުނީއްސުރެ އެމަނިކުފާނުގެ އަރިހުގައި ދެގޮތެއް ނުވެ ހުންނެވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ނަޝީދާ އެކު 2008 ވަނަ އަހަރު ތިއްބެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބުދުﷲގެ އިތުރުން ރައީސް މައުމޫންގެ ވެސް އެހީތެރިކަމާ އެކު ރައީސް ސޯލިހް އިންތިހާބު ކާމިޔާބުކުރެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ.

މި ކާމިޔާބީގެ ވެސް ވަރަށް ބޮޑު ޝުކުރެއް ހައްގުވަނީ ރައީސް ނަޝީދަށެވެ. ގައުމުން ބޭރުގައި ހުންނެވި ނަމަވެސް އެ މަނިކުފާނު ކުރެއްވި މަސައްކަތުގެ ސަބަބުން ދިވެހިންގެ ލޯބި އެ މަނިކުފާނަށް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އަނބުރާ ގައުމަށް ވަޑައިގެން މަޖިލީހުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގައި ވެސް ރައީސް ނާޝީދުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އިންތިހާބުގައި ހުދު އެމަނިކުފާނު ވާދަކުރައްވަން ނިންމެވި ހިސާބުން އެ މަނިކުފާނުގެ ނިޔަތާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފެށިއެވެ. ޕާޓީ އެތެރެއިންނާއި ވަކި އަތަކަށް ނުޖެހޭ ބޭފުޅުން ވެސް އެ ސުވާލު އުފައްދަން ފެށިއެވެ. ހާއްސަކޮށް އެމަނިކުފާނު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކުގެ ސަބަބުން އެ މަނިކުފާނާ މެދު ހިތްހަމަނުޖެހުން އިތުރަށް ބޮޑުވާން ފެށިއެވެ. ވާދަވެރި އިންތިހާބަކަށް ފަހު ގޮނޑި ލިބިވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ ރައީސްކަން ބޭނުންފުޅުނުވާ ކަމަށް އެ މަނިކުފާނު ފާޅުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މަގުސަދު ފާޅުވެގެން ދިޔައީ އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމަށް ގެންނެވުމަށް މަސައްކަތް ފެއްޓެވި ހިސާބުންނެވެ. އެ މަގާމަށް ދެން ވާދަކުރެއްވީ ވެސް އެމަނިކުފާނު ވަރަށް އިތުބާރުކުރައްވާ ގާތް ބޭފުޅެއް ކަމަށްވާ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ. އެ ކެމްޕެއިންގެ ތެރެއިން ސަރުކާރުގެ އެތެރޭގައި ކޯޅުންތައް މަޑުމަޑުން އިތުރުވާން ފެށިއެވެ. ހާއްސަކޮށް އެމްޑީޕީގެ އެތެރޭގައެވެ. ހުޅުގަނޑު ފަޅައިގެން ދިޔައީ އަފީފްގެ ދިފާއުގައި ރައީސް ސޯލިހް ފާޅުގައި ނުކުންނެވުމުންނެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދޫދިނުމެއް ނެތި ވަރަށް ވާދަވެރިކޮށް ކެމްޕެއިން ކުރިއަށް ގޮސް އަދި އެމްޑީޕީގެ މެންބަރުން ވެސް ދެ ބައިވެފައި ވަނިކޮށް އަލިފާންގަނޑަށް ފެން އެޅުއްވީ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ނޮމިނޭޓްކުރާނެ މެންބަރަކު ކަނޑައެޅުމަށް ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި އެންމެ ފަހު ވަގުތު ރައީސް ސޯލިހާއި ރައީސް ނަޝީދު މަޝްވަރާކުރެއްވުމަށް ފަހު ނިންމެވި ޝައުގުވެރިކަން ފާޅުކުރެއްވި ދެ ބޭފުޅުންގެ ބަދަލުގައި ރައީސް ނަޝީދު އެެ މަގާމަށް ވަޑައިގަތުމަށެވެ. އެއީ ޕާޓީ އަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ކުރިމަތިލެއްވުމަށް ޕާޓީން ނިންމީ އެންމެ ސަބަބަކާ ހުރެއެވެ. އެއީ އެ ދަނޑިވަޅުގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިފި ނަމަ ރައީސް ނަޝީދުގެ ކޮޅު ބަލިވާނެތީއެވެ. އެހެންވެއްޖެ ނަމަ މެންބަރުންގެ މެދުގައި އޭރު ވެސް އުފެދިފައި އޮތް ހިޔާލުތަފާތުވުން ބޮޑުވެ ޕާޓީ ރަސްމީ ސިފައެއްގައި ދެ ފަޅިވުން ގާތެވެ. އެ މައްސަލަ ހައްލުކުރުމަށް ދެ ރައީސުން ވަގުތީ ހައްލެއް ހޯއްދެވުމަށް އަލިފާންގަނޑަށް ފެންޖެއްސެވި ނަމަވެސް އަޑީގައި ހުރި އަނގުރުތަކުން އަލުން ހުޅު ރޯވާނެކަން ދެ ބޭފުޅުންނަށް ވެސް އަންދާޒާކުރެވިފައެއް އޮތްހެނެއް ހިއެއް ނުވެއެވެ.

ވެރިކަމަކާއި އާރާބާރަކީ މަސްތެކޭ ބުނާ ފަދައިން ދައުލަތުގެ އެއްބާރުގެ ވެރިއަކަށް ރައީސް ނަޝީދު ވަޑައިގެންވުމުން ވެސް ވީ އެފަދަ ގޮތެކެވެ. ސަރުކާރުގެ ތެރޭގައި ވަކި ސަރުކާރެއް ހިންގަން ފެށީއެވެ. ހާއްސަކޮށް މަޖިލީހުގެ ތެރޭގައި ނިންމާ ބައެއް ނިންމުންތަކުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްގަލަކަށް ނާރުއްވާކަން ހާމަވެ، ފާޅުވަމުން ދިޔައެވެ. މަޖިލީހުގައި ބައެއް ކަންކަން ސީދާ ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތަށް ފާސްވަމުން ދިޔުމުގެ ނަތީޖާއަކަށްވީ ރައީސް ނަޝީދަށް އެކަން ހަޖަމްކުރަން އުނދަގޫ ކަމަކަށެވެ. އަނެއްކޮޅުން އެމްޑީޕީއަކީ އެމަނިކުފާނުގެ “ހިތް” ކަމުގައި ދެކިގެން ހުންނެވި ބޭފުޅެއްގެ މުށު ތެރެއިން މަޖިލީހުގެ އެތައް މެންބަރުންތަކެއް ދެމިގެން ދިއުންވީ އެ މަނިކުފާނަށް ގަބޫލުކުރަން ދަތި ކަމަކަށެވެ.

ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ނަޝީދު ކުރިއަށް ނެރުއްވަމުން ގެންދެވި ސިޔާސަތުތަކާއި ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ އިތުރުން ރައްޔިތުންގެ މެދުގައި އެމަނިކުފާނާ މެދު އޮތް ހިތްހަމަނުޖެހުންތައް ވެސް ދިޔައީ ބޮޑުވަމުންނެވެ. ފެށުނީއްސުރެ އެ މަނިކުފާނާ މެދު އުފައްދަމުން ދިޔަ ނަފްރަތުގެ ނަތީޖާއެއްގެ ގޮތުގައި މި އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައި އެ މަނިކުފާނުގެ މަރާލަން ބަޔަކު ވަނީ މަސައްކަތް ވެސް ކޮށްފައެވެ. ހަނި ގޮތަކަށް ސަލާމަތްވެވަޑައިގެން ނަމަވެސް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ބޭރަށް ވަޑައިގެން ހުންނެވި ނަމަވެސް ގައުމުގެ ކަންކަމާ ގުޅޭ ގޮތުން އެ މަނިކުފާނު ގެންދަވަނީ ހިޔާލުތައް ފާޅުކުރައްވަމުންނެވެ. ހާއްސަކޮށް ހަރުކަށި ފިކުރާ ގުޅޭ ގޮތުންނެވެ. އެ މައްސަލާގައި ސަރުކާރާ މެދު އޮތް ނުތަނަވަސްކަމުގެ ތެރޭގައި ސިޔާސީ ގޮތުން ދެން ރައީސް ސޯލީހާ އެކު ހުންނެވެން ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ސަރުކާރާ ދެކޮޅަށް އެތައް ވާހަކަތަކެއް ގެންދަވަނީ ދައްކަވަމުންނެވެ. ނަތީޖާއަކަށް ވެފައި ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ޕާޓީ ވެސް ދެބައިވެފައި ވުމެވެ. އެކަންކަމަށް ރައީސް ސޯލިހް ރައްދު ނުދެއްވި ނަމަވެސް، ކުރީއްސުރެ މަޖިލިސް މެންބަރުންގެ މެދުގައި އޮތް ދެބައިވުން އިތުރަށް ބޮޑުވެ، އަދި އާންމު މެންބަރުން ވެސް ވަނީ ފާޅުގައި ދެބައިވެގެން ގޮސްފައެވެ.

ޓެރަރިސް ހަމަލާ އަށް ފަހު ރައީސް ނަޝީދަށް ހަމްދަރުދީގެ ލޯބި އިތުރުވާނެކަމަށް ބެލެވުނު ނަމަވެސް ގައުމުން ބޭރުގައި ހުންނަވައި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުން ގިނަ ބައެއް ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް އެމްޑީޕީގެ މެންބަރުން އެމަނިކުފާނާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތައް އިތުރުވެފައިވާ ކަމެކެވެ. އެމަނިކުފާނާ ގުޅޭ ގޮތުން ހިއްސާކުރާ ހަބަރުތަކާއި ޕޯސްޓްތަކަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލައިލުމުން އެކަން ދޭހަވާނެއެވެ. މިކަމުން ދެ ކަމެއް ފާހަގަކުރެވެއެވެ. އެއްކަމަކީ ސޯޝަލް މީޑިއާގައި ފަހަކާ ޖެހެންދެން ރަސްކަން ކުރަމުން އެމްޑީޕީގެ ސޯޝަލް މީޑިއާ ޓީމް ވެސް ވަރަށް ބޮޑަށް ދެބައިވެފައިވާ ކަމެވެ. އަދި އެ ފަރާތްތަކުން ރައީސް ނަޝީދާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ އަށް ދޫކޮށްލާ ޚަބަރުތަކާއި ޕޯސްޓްތައް ދިފާއުނުކުރާ ކަމެވެ. އަދި ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެ މަނިކުފާނުގެ ސަޕޯޓަރުން ވެސް އެ މަނިކުފާނު ދިފާއުކުރަން މާބޮޑު މަސައްކަތެއް ނުކުރާ ކަމެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މިކަމުން ދޭހަވަނީ އެމްޑީޕީގެ ލަގަން ރައީސް ނަޝީދުގެ އަތްޕުޅުން ދޫވެފައިވާ ކަމެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ “ނަފްރަތުގެ ބިލް”ގެ މައްސަލާގައި ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިޒަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރަން ރައީސް ނަޝީދު ގޮވައިލެއްވި ގޮވައިލެއްވުމާ ދެކޮޅަށް އެމްޑީޕީގެ އެތެރެއިން ވެސް ތެދުވުމެވެ. ގައުމީ މަޖިލީހަށް އެކަމާ ބެހޭ ގަރާރެއް ހުށަހެޅި ނަމަވެސް 140 އަށް ވުރެ ގިނަ މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުގެ ކޯރަމް ކިރިޔާ ހަމަވި ޖަލްސާގައި އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 39 މެންބަރުންގެ ވޯޓާއެކުއެވެ. ގަރާރެއް ފާސްކުރަން ބޭނުންވާ އަދަދަކީ 37 އެވެ. އަނެއްކޮޅުން އެ ގަރާރާ ދެކޮޅަށް ބައެއް މުހިންމު ބޭފުޅުން އެ ޖަލްސާގައި ވާހަކަ ދައްކަވާފައި ވެއެވެ. އޭގެ ތެރޭގައި އެ ގަރާރަށް ވޯޓު ނުދެއްވި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އައްޑޫ އަސްލަމް ވެސް އެ މައްސަލާގައި ނަންގަވަނީ ރައީސް ސޯލިހުގެ ކޮޅެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން އެ މަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ އެކަމަށް ރައްދު ދެއްވުމަށް އެމަނިކުފާނު އެޅުއްވި ފިޔަވަޅުން ވެސް ގިނަ ބައެއް ނަފްރަތު އެ މަނިކުފާނަށް ވަނީ ރައްދުވާން ފަށާފައެވެ. އެމްޑީޕީގެ ވައިބާ ގްރޫޕަކަށް އެމަނިކުފާނު ލެއްވި ލިޔުމެއްގައި ބަނގުރާ “ހިއްޕެވުން” އަމިއްލަފުޅަށް ހުއްޓަވާލެއްވި ކަމަށް އޮތުމުން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެމަނިކުފާނަށް ވަނީ ރައްދުވާން ފަށާފައެވެ. އަދި ދައުލަތުގެ އެއް ބާރުގެ ވެރިޔަކަށް ހުންނަވަން އެ މަނިކުފާނު ކުފޫ ހަމަނުވާ ކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ލިޔުން އެ މަނިކުފާނު ފަހުން ވަނީ ނަންގަވާފައެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މެދުގައި ރައީސް ނަޝީދުގެ ބައެއް ފަލްސަފާތަކާ މެދު ބޮޑު ހިތްހަމަނުޖެހުމެއް އޮތް އިރު އެމްޑީޕީގެ އެތެރޭގައި އެމަނިކުފާނުގެ މަގޫބޫލުކަން ކުޑަވުމަކީ ވެރިކަމަށް އެނބުރި ވަޑައިގަތުމަށް އެމަނިކުފާނު ކޮށްޓަވަމުން ގެންދަވާ މަގަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ވާނެއެވެ. ބަރުލަމާނީ ނިޒާމެއްގެ ދަށުން އަލުން ވެރިކަމަށް ވަޑައިގެންނެވުމަށް ފާޅުގައި މަސައްކަތްކުރައްވަމުން ގެންދަވާ އިރު އެކަމުގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެ ނަމަ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ ގޮތަށް ވިދާޅުވި އިރު އޭގެ ކުރިން ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމެއްގައި ދެން އެމަނިކުފާނު ރައީސްކަން ނުކުރައްވާނެ ކަމަށެވެ. އެހެންކަމުން މިއީ ވެސް ހީލަތްތެރި ވާހަކަފުޅެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަނެއްކޮޅުން ސުވާލަކީ އެހާ ހިސާބަށް ދާއިރު އެމްޑީޕީ ރަސްމީ ސިފައެއްގައި ދެބައިނުވެ އޮންނާނެބާއެވެ. މިހާރު ވެސް އެމްޑީޕީގެ މަތި ފަޑީގެ ބާރު ރައީސް ނަޝީދު އަޕްޕުޅުން ދޫވެފައިވާ އިރު އާންމު މެންބަރުންގެ ތެރޭގައި ވެސް އެމަނިކުފާނަށް އޮތް ލޯބި އޮތް ކަމާ މެދު ސުވާލު އުފެދެއެވެ. މީގެ ކުރިން ނިއު އެމްޑީޕީގެ ނަމުގަ އާއި އަދި ބައެއް އިސް ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން ގޮފިތައް ފެޅި ނަމަވެސް އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި ދެމި އޮތެވެ. ނަމަވެސް މި ފަހަރު މި ނަގާ ރާޅުގައި، މިހާރު ވެސް ކަރުތާފެނުގައި ހުންނެވި ރައީސް ނަޝީދަށް ސަލާމަތް ވެވޭނެބާއެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0