ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ކޮޕް26 ގެ ސަރަހައްދީ އެމްބެސެޑަރާ ބައްދަލުކުރައްވައިފި
11 އޯގަސްޓް 2021 - 11:53
ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން، އިނގިރޭސި ސަރުކާރުން އޭޝިއާ ޕެސިފިކް ސަރަޙައްދާއި ދެކުނު އޭޝިއާ ސަރަޙައްދުގެ ކޮޕް26ގެ ސަރަޙައްދީ އެމްބެސެޑަރަކަށް ކަނޑައާފައި ހުންނަވާ މިސްޓަރ ކެން އޯ ފްލަހަޓީއާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޞަބްރާގެ އިތުރުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ކެރޮން ރޮސްލަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިއްޔެ ހެނދުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައެވެ.
މިބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި، އެކަމަށް ޓެކްނޯލޮޖީގެ ގޮތުންނާއި މާލީގޮތުން އެހީތެރިކަން ލިބުމަކީ ރާއްޖެ ފަދަ ޤައުމުތަކަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ޞަބްރާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން 2030 ވަނަ އަހަރު ދިވެހިރާއްޖެ ނެޓް-ޒީރޯ ޤައުމަކަށް ހެދުމަށް އަމާޒު ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދިއުން ކޮންޓްރޯލުކުރުމުގައި، ހަމައެކަނި ރާއްޖެއިން ކުރާ މަސައްކަތުން އެކަނި ނުފުދޭނެކަން މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގެ ބައިވެރިން ވަނީ، ކުރިޔަށްއޮތް ނޮވެންބަރުމަހު، އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް26ގެ ބައްދަލުވުމަށް ކަންކަން މަގުފަހިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. އަދި، އެންމެފަހުން އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދަ އެދެވޭ ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޢަމަލީގޮތުން މަސައްކަތް ފެށުމުގެ މުހިންމުކަން މި ބައްދަވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.