ރިޕޯޓް: ކޮންމެ ފަޅުރަށެއްގައި ރިސޯޓް ހެދުން ހުއްޓާލަންޖެހޭ

15 އޯގަސްޓް 2021 - 12:06

ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައި ވަނީ ޓުއަރިޒަމުން ލިބޭ އާމްދަނީއަށެވެ. އެހެންކަމުން ބެޑް ކެޕަސިޓީ އިތުރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު އަހަރުން އަހަރަށް އިތުރުކުރުމަކީ ސަރުކާރުތަކުގެ އަމާޒެކެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެ އަމާޒަށް ވާސިލުވުމަށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލާއި އާ ރަންވޭ ފަދަ ތަންތަން ތަރައްގީކުރުމާއި ބައިނަލްއަގުވާމީ އިތުރު އެއާޕޯޓްތައް ތަރައްގީކޮށް މިހާރު ހުރި ތަންތަނަށް އިތުރު ފްލައިޓްތައް ހޯދުމަށް ކުރާ މަސައްކަތަކީ އެ ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރާ މަސައްކަތްތަކެވެ. އަދި އިތުރު ރިސޯޓްތައް ތަރައްގީކުރުމަށް ވެސް އެތައް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ދޫކޮށްފައިވާ ރަށްތަކާއި ފިނޮޅުތަކާއި ފަޅުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް އެއީއެވެ. އަދި ރިސޯޓްތައް ތަރައްގީކުރުމަށް އިތުރު ރަށްތަކާއި ފިނޮޅުތަކާއި ފަޅުތައް ބިޑަށް ހުޅުވާލުމުގެ މަގުސަދަކީ ވެސް ވީހާ ވެސް ގިނަ ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ. ނަމަވެސް އެ ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖޭގެ ހުރިހާ ފަޅު ރަށެއްގައި ރިސޯޓް ހެދުމަކީ ކުރަން ހެޔޮވާވަރު ކަމެއް ހެއްޔެވެ؟

advertisement

ރާއްޖާގައި އޮތް 2،000 ވަރަކަށް ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 200 ވަރަކަށް ރަށުގައެވެ. ރިސޯޓް ވެސް ހިންގަނީ 200 ވަރަކަށް ރަށުގައެވެ. ބާކީ 1800 ވަރަކަށް ރަށް އަދިވެސް އޮތީ އޮތް ގޮތަށެވެ. ނިސްބަތުން ބަލާއިރު ފަޅު ރަށްތައް ގިނައެވެ. ނަމަވެސް ރިސޯޓްތައް ތަރައްގީވެފައިވާ ސަރަހައްދުތަކަށް ބަލާއިރު ބައެއް އަތޮޅުތަކުގައި ހުހަށް ފަޅު ރަށެއް ނެތޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. މިސާލަކަށް މާލެ ސަރަހައްދު ބަލަމާ ހިނގާށެވެ. މާލޭގައި އެތައް ހާސް ރައްޔިތުން ދިރިއުޅޭ އިރު ދަތުރު ގޮސް ހިތްހަމަޖައްސާލާނެ ފަޅުރަށްގަނޑެއް ވެސް ނެތެވެ. މާލޭގައި ދިރިއުޅޭ މީހުން ކުރިން ދަތުރު ގޮސް އުޅުނު ކުޑަ ބަނޑޮސް ވެސް މިހާރު ވަނީ ރިސޯޓަކަށް ދޫކޮށްލާފައެވެ. ކައިރިގައި ފަޅެއް އޮތް ނަމަ އެ ތަނެއްވެސް ވަނީ ކުޔަށް ދީފައެވެ. ކިރިޔާ ވެސް ސަލާމަތުން އޮތް ތިން ހަތަރު ފިނޮޅު ވެސް ބޭނުންކުރަނީ ޓުއަރިސްޓުންގެ ބޭނުންތަކަށެވެ.

މާލެ އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ވެސް ވަނީ ރިސޯޓް ތަރައްގީކޮށްފައެވެ. އަނެއް ބައި ރަށްތަކުގައި މަސައްކަތްތައް ކުރިއަށްދާއިރު ބައެއް ރަށްތައް ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންގެ ބޭނުމަށް އޮތީ މަދު ރަށެކެވެ. އެ ފަދަ އެއް ރަށަކީ އަންބާރާއެވެ. އެ ރަށަކީ މިހާތަނާ ޖެހެންދެން ވެސް އެ އަތޮޅު މީހުންނާއި މާލޭގެ ގިނަ ބަޔަކު ވެސް ދަތުރު ގޮސް ހިތްހަމަޖައްސާލަން ބޭނުންކުރަމުން އައި ރަށެކެވެ. ނަމަވެސް އެ ރަށަކީ ވެސް މިދިޔަ ސަރުކާރުން ރިސޯޓް ތަރައްގީކުރުމަށް ބަޔަކަށް ދީފައި އޮތް ރަށެކެވެ. ރަށުގެ މަސައްކަތް ނުފަށާތީ މިހާތަނަށް އާންމުންނަށް އެ ރަށް ބޭނުންކުރުމުގައި ހުރަސްތަކެއް ނެތެވެ. ނަމަވެސް 2013 ވަނަ އަހަރު ހަނދުވަރު އޯޝަން ހޮލިޑޭސް އަށް 50 އަހަރަށް ދޫކޮށްފައިވާ އެ ރަށުގައި ރިސޯޓް ތަރައްގީކުރާ ކޮންސެޕްޓް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފާސްކުރުމާ އެކު އެ އަތޮޅުގެ ރައްޔިތުންނާއި އަދި އާންމުންގެ އެތައް ބަޔަކު ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވ. އަތޮޅުގެ ރައްޔިތުން ވަނީ އަންބާރާގައި ރިސޯޓް ހެދުމާ ދެކޮޅަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ސިޓީއެއް ވެސް ހުށަހަޅާފައެވެ. އެ އަތޮޅުގެ ރައްޔިތުން ދެކޭ ގޮތުގައި އަންބާރާއަކީ ގުދުރަތީ ގޮތުން ނާޒުކް ތިމާވެއްޓެއް އޮތް ރަށެކެވެ. އަދި ރަށުގެ ވަށައިގެން އޮތް ފަރަކީ ކަނޑުގެ ތަފާތު ދިރުންތައް ހިމެނޭ ރީތި ފަރެއް ކަން ވެސް ވ. އަތޮޅުގެ ކައުންސިލުން ޓުއަރިޒަމް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން އެއީ އަތޮޅުގެ ލޯކަލް ޓުއަރިޒަމަށް ވެސް މުހިންމު ބޭނުންތެރި ރަށެކެވެ. ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ގެސްޓް ހައުސްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ބޭނުންކުރަން އޮތް މަދު ރަށުގެ ތެރެއިން އެއް ރަށެވެ. އެ ރަށް ވެސް ރިސޯޓަކަށް ބަދަލުކޮށްފި ނަމަ އެ ފުރުސަތު އެ ފަރާތްތަކަށް ގެއްލުނީއެވެ.

މިހާލަތު ކުރިމަތިވެފައި އޮތީ ހަމައެކަނި ވ. އަތޮޅަކަށް ނޫނެވެ. ޅ. އަތޮޅާއި އއ. އަދި އދ. ގެ އިތުރުން ބ. އަތޮޅަށް ވެސް މިހާލަތު ވަނީ ކުރިމަތިވެފައެވެ. އެ އަތޮޅުތަކުގެ ރައްޔިތުންގެ ބޭނުމަށް އެއްވެސް ރަށެއް މިހާރު ސަލާމަތުން ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެވެ. ބާކީ ރަށެއް ނުވަތަ ފިނޮޅެއް އޮތަސް މިހާރު ވެސް އޮތީ ބިޑަށް ދޫކޮށްލުމުގެ މަގުމަތީގައެވެ. ނުވަތަ ކޮންމެ ވެސް މީހަކާ ހަވާލުކޮށްފައެވެ. އެހެންކަމުން ގެސްޓް ހައުސްތަކަށް އަންނަ ޓުއަރިސްޓުންނާއި އާންމު ރައްޔިތުން ވެސް ބޭނުންކޮށްލާނެ ފަޅު ރަށެއް، ފަޅެއް އަދި ފިނޮޅެއް ނެތުމަކީ މި އިންޑަސްޓްރީ އަށް ވެސް ލިބޭ ދެރައެކެވެ.

ރާއްޖޭގައި ރަށްތައް މަދެއް ނޫނެވެ. އަދި ނިސްބަތުން ޓުއަރިޒަމަށް ބޭނުންކުރަނީ ވެސް މަދު ރަށެކެވެ. ނަމަވެސް މައްސަލައަކަށް ވެފައި ވަނީ އެއް ސަރަހައްދެއްގައި ޓުއަރިޒަމް ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ފަޅު ރަށްތައް މަދުވެ ތިމާވެއްޓާއި ގުދުރަތީ ދިރުންތަކަށް ވެސް އޭގެ ނޭދެވޭ އަސަރުކުރުމެވެ. އެ ގޮތުން ފަރުތަކަށް ގެއްލުން ލިބުމާއި ކަނޑުގެ ބައެއް ދިރުންތައް ނެތުމުގެ ބިރު އެބަ އޮތް ކަމަށް ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުން އެތައް ފަހަރެއް މަތިން ފާހަގަކޮށްފައި ވެއެވެ. ހާއްސަކޮށް ވެލާ ކަހަނބު ބިސް އެޅުމަށް އަރާނެ ފަޅު ރަށެއް ނެތި އެ ތަކެތީގެ ނަސްލު ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށް އެ ތަކެތި ހިމާޔަތްކުރުމަށް ވަރުގަދަ ގާނޫނާއި ގަވާއިދުތައް ހަދަންޖެހިފައި ވަނީ ޓުއަރިޒަމް ތަރައްގީކުރުމަށް ސަރުކާރުތަކުން ގެންގުޅެފައިވާ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ.

ޓުއަރިޒަމް ތަރައްގީކުރުމުގައި ސަރުކާރުތަކުން ވަރަށް ފަހަކާ ޖެހެންދެން ގެންގުޅެފައި ވަނީ މާލޭ ސަރަހައްދަށް އިސްކަން ދިނިމުގެ ސިޔާސަތަކެވެ. ރިސޯޓްތައް ގިނައިން ހުރީ ވެސް މާލެ އަތޮޅާއި މާލެ ކައިރި އަތޮޅުތަކުގައެވެ. އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ރިސޯޓްތައް ތަރައްގީކުރުމުގެ ވިސްނުމަކީ ދާދިފަހަކާ ޖެހެންދެން އޮތް ހިޔާލީ ފޮލާއެކެވެ. ހއ. އާއި ހދ. އަދި ގއ. އާއި ގދ. އަދި ދެކުނާއި އުތުރުގެ އެހެން އަތޮޅުތަކުގައި ވެސް އޮތީ މަދު ރިސޯޓެކެވެ.
ރަނގަޅަށް ދިރާސާކުރެވި ތިމާވެއްޓަށް ވެސް ބަލައިގެން އަތޮޅުތަކަށް ރިސޯޓްތައް ބެހިގެންދާނެ ގޮތަކަށް ތަރައްގީގެ ވިސްނުމެއް ސަރުކާރުތަކުން މިހާތަނަށް ގެންގުޅެފައެއް ނެތެވެ. ނަތީޖާއަކަށް ވެފައި ވަނީ ބައެއް އަތޮޅުތަކުގައި ހުހަށް ރަށެއް ނެތުމެވެ. މުސްތަގުބަލުގައި ވެސް އެކަށީގެންވާ ސިޔާސަތެއް އެކުލަވައި ނުލެވިއްޖެ ނަމަ މާލެ އަތޮޅާއި ވ. އާއި ބ. އަދި އއ. އާއި އދ. އަދި ޅ. ފަދަ އަތޮޅުތަކަށް ކުރިމަތިވެފައިވާ ހާލަތު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކަށް ވެސް ކުރިމަތިވުން އެކަށީގެންވެ އެވެ.

ރަން ބިސް އަޅާ ކުކުޅުގެ ބަނޑު ފަޅާލައި އެއްފަހަރާ ބިސްތައް ނެގުމަށް ދިމާކޮށްފި ނަމަ ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ރަށްތަކަށް ކުރިމަތިވުން އެކަށީގެން ވެއެވެ. ޓުއަރިޒަމްގެ ތަރައްގީއަކީ ހަމައެކަނި އެނދުގެ އަދަދު އިތުރުކޮށް ރާއްޖެ އަށް އަންނަ ޓުއަރިސްޓުން އިތުރުކުރުމެއް ނޫނެވެ. އެކަން ކުރަންޖެހޭނީ ދެމެހެއްޓެނިވި ގޮތެއްގައެވެ. ގެސްޓް ހައުސް އާއި ހޯމް ސްޓޭ ފަދަ ޓުއަރިޒަމްގެ ކުދި އަދި މެދުފަންތީގެ ވިޔާފަރިތަކަށް ވެސް އޭގެ ގެއްލުން ނުވާނެ ގޮޮތަކަށެވެ. މިފަދަ ތަންތަން މާކެޓް ކުރުމުގައި އެ ރަށްތަކާއި ކައިރީގައި ހުންނަ ފިނޮޅުތަކާއި ގުދުރަތީ ގޮތުން ހާއްސަ ކަންތައްތައް އެކުލެވޭ ފަޅު ރަށްތަކާއި ފަރުތަކަކީ މުހިންމު ދައުރެއް އަދާކުރާ ތަންތަނެވެ. މި ތަންތަން ވެސް ޓުއަރިސްޓް ރިސޯޓްތަކުގެ ބޭނުމަށް ދޫކޮށްލުމަކީ އިންޑަސްޓްރީ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި އާންމު ރައްޔިތު މީހާއަށާއި ތިމާވެއްޓަށް ވެސް ދެވޭ ގެއްލުމެކެވެ. ކޮންމެ ފަޅު ރަށަކީ ރިސޯޓެއް ކަމަށް ވިސްނައިގެން ޓުއަރިޒަމް ފުޅާކުރުމުގެ ވިސްނުން ދޫކޮށްލަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0