ފަތުރުވެރިކަމުގެ ވަޒީފާގެ ބޮޑު އިންސައްތައެއް ބިދޭސީންގެ އަތްމަތީގައި

5 ސެޕްޓެމްބަރ 2021 - 17:17

ކޮންމެ މީހަކުވެސް ކިޔަވަނީ ފޮނި އުންމީދުތަކަކާއި އެކުގައެވެ. ރަނގަޅު ވަޒީފާއަކަށްގޮސް އަބުރުވެރި ދިރިއުޅުމެއް ހޯދުމަށެވެ. އެތައް އަހަރެއްގެ ކިޔެވުން ނިންމުމަށްފަހު ދެންއޮންނަނީ ވަޒީފާއެއް ހޯދުމުގެ މަރުހަލާއެވެ. މިއީ މިހާރު ރާއްޖޭގައި އެންމެ އުނދަގޫ އެއްކަމަށް ވަނީވެފައެވެ.

ކިޔަވާ ނިންމުމަށްފަހު ވަޒީފާއެއް ނުލިބިތިބި ޒުވާނުންގެ އަދަދު ގިނައެވެ. ކިޔަވާފައިވާ ދާއިރާއިން ވަޒީފާއެއް ނުލިބުމުގެ ސަބަބުން ކިޔެވި ދާއިރާއާއި ނުބައްދަލު އެހެން ދާއިރާތަކުން ވަޒީފާ އަދާކުރާ ޒުވާނުންގެ އަދަދުވެސް އިންތިހާއަށް އިތުރެވެ.  

advertisement

ވަޒީފާ ނުލިބިފައިވާ ޒުވާނުންނަށް އަބަދުވެސް ސަރުކާރުން ބުނަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދޭނެކަމަށެވެ. ރާއްޖޭގައި އެންމެ ގިނަ ވަޒީފާތައް ހުރީ ފަތުރުވެރިކަމުގެ ސިނާއަތުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވަކިން ހާއްސަކޮށް ރިސޯޓްތަކުގައެވެ. ނަމަވެސް ރިސޯޓްތަކަށް ބަލާލިއަސް ފެންނަނީ ހިތާމަހުރި މަންޒަރެކެވެ. ދިވެހިންނަށްވުރެ ގިނައިން ރިސޯޓްތަކުގެ ވަޒީފާތަކުގައި ބިދޭސީން ހަރަކާތްތެރިވާ ތަނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން 2019 ވަނަ އަހަރު ހަދާފައިވާ “ޓޫރިސްޓް ރިސޯޓް އެމްޕްލޯއިމަންޓް ސަރވޭ” އިން މިކަން ހާމަވެގެންދެއެވެ. އެ ދީރާސާގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި ފިރެހެނުންގެ އަދަދަކީ %45 އެވެ. އަދި ބިދޭސީ ފިރެހެނުންގެ އަދަދަކީވެސް %45 އެވެ. ދިވެހި އަންހެނުންގެ އަދަދަކީ %3 އެވެ. އަދި ބިދޭސީ އަންހެނުންގެ އަދަދަކީ %7 އެވެ. އެހެންކަމުން ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތަކީ %48 އެވެ. އަދި ބިދޭސީންގެ އަދަދަކީ %52 އެކެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ސިނާއަތުގެ ވަޒީފާގެ ނިސްބަތް ބޮޑީ ބިދޭސީންނެވެ. މިއީ ހިތާމަހުރި ކަމެކެވެ.

ކޮންމެ ސަރުކާރަކުންވެސް ފަތުރުވެރިކަމުގެ ވަޒީފާތައް ދިވެހިންނަށް ދޭނެކަމަށް ބުނެއެވެ. ނަމަވެސް މިކަން ކުރެވޭތަނެއް ފެނިގެނެއް ނުދެއެވެ.

ބައެއް ރިސޯޓްތަކުން ވަޒީފާތަކަށް ހުޅުވާލާއިރު ބިދޭސީން ބޭނުންވާކަމަށް ވަކިން ހާއްސަކޮށް ޖަހާފަވެސް ހުރެއެވެ. ރިސޯޓްތަކުގައި އުޅޭ ބިދޭސީންގެ މަޤާމުތަކަށް ދިވެހިން ނަގައިފިނަމަ ހަމަ ގައިމުވެސް ވަޒީފާނެތް ދިވެހި ޒުވާނުންގެ ނިސްބަތް ދަށްވެގެންދާނެއެވެ.

ކޯވިޑް19 އާއިއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ ދިވެހިންގެ ވަޒީފާތައް ގެއްލިގެންވެސް ދިޔައެވެ. ވަޒީފާ ގެއްލުނު ބައެއް މީހުންނަށް އަދިވެސް ވަޒީފާތައް އަނބުރާ ނުލިބެއެވެ. އެހެންކަމުން ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް މިހާރު މިއަށްވުރެ ދަށްވުމަކީވެސް އެކަށީގެންވާކަމެކެވެ.

ރިއެކްޝަންސް
0
0
0
1
0
0
1