ދުޅަހެޔޮ އާއިލާއެއް ބިނާ ކުރުމުގައި މާލީ މިނިވަންކަން އަންހެނުން ހޯދަންޖެހޭ

9 ސެޕްޓެމްބަރ 2021 - 16:49

ފިރެހެނުންނާއި އެއްހަމައެއްގައި ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގައި މިއަދު އަންހެނުންވެސް ހަރަކާތްތެރިވެއެވެ. ގޭތެރޭގެ ހަރަދު ބެލެހެއްޓުމުގައިވެސް މިއަދު އަންހެނުންގެ ދައުރު ބޮޑެވެ. އަމިއްލައަށް އާމްދަނީ ހޯދުމަކީ އަންހެނުންނަށްވެސް ވަރަށް މުހިންމު ކަމެކެވެ. ސަބަބުތައް ގިނައެވެ. މި އާޓިކަލްގައި މި ހިމަނާލަނީ އަންހެނުން އަމިއްލައަށް އާމްދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ކުއްލި ހާތަލެއް ދިމާވެދާނެކަމަށް

advertisement

އެއްވެސް ވަޒީފާއަކީ އަބަދަކު ހުރެވޭނެ ކަމުގެ އުންމީދު އޮތްކަމެއް ނޫނެވެ. ހާއްސަކޮށް ކޯވިޑް19 އާއިއެކު ދުނިޔެއަށް އައިސްދާނެ ބަދަލެއް ބުނަން ވަނީ ނޭންގިފައެވެ. މިއަދުގެ ހާލަތު މާދަމާ ބަދަލުވެދާނެއެވެ. ކޯވިޑައިއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވިއެވެ. އެހެންކަމުން ކޮންމެ އަންހެނަކުވެސް އަމިއްލައަށް އާމްދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ މުހިންމު ކަމެކެވެ. މިއީ އާއިލާއަށް ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްވެސް މުހިންމު ކަމެކެވެ. ކޯވިޑްގެ ތެރޭގައި ގިނަ އާއިލާތަކުގެ ޒަރޫރީ ބޭނުންތަވެސް ފުއްދާލެވުނީ އަންހެނުން ގޭތެރޭގައި ތިބެގެން ކުރި މަސައްކަތުންނެވެ.

ޙަރަދުތައް ފޫބެއްދުމަށް

އެއްދުވަހުން އަނެއްދުވަހަށް ދިރިއުޅުމުގެ ހަރަދުތައްވެސް ދަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް ތަކެތީގެ  އަގުތައް އުފުލެމުންދާއިރު ގޭތެރޭގައި އަންހެނުންވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

ޒިންމާދާރުގެ އަމިއްލަ ނަފްސަށް އިތުބާރު ބޮޑުކުރުން

އަމިއްލައަށް ހޯދާ ފައިސާ އަމިއްލައަށް ބޭނުންކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަމެކެވެ. މީގެ ސަބަބުން އެހެން މީހަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އަމިއްލަ ނަފުސާއިމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ.

ރޯލް މޮޑެލްއަކަށް ވުން

އަންހެނެއްގެ ހައިސިއްޔަތުން އާއިލާއަށް ފައިސާގެ ގޮތުން އެހީތެރިވުމަކީ އާއިލާގެ އެހެންމީހުންނަށް ރަނގަޅު މިސާލެއް ދެއްކޭނެ ކަމެކެވެ. ޙާއްސަކޮށް ދައިން ތިބޭނަމަ އެކުދިންނަށް އެ ދައްކައިދެވެނީ ރީތި ނަމޫނާއެކެވެ. އަދި މިއީ މުސްތަޤްބަލުގައި ތިމާގެ އަންހެން ދަރިފުޅަށްށާއި އާއިލާގެ އެހެން އަންހެނުންނަށްވެސް ދެވޭ ރަނގަޅު މެސެޖެކެވެ.

މިހުރިހައި ސަބަބަކަށްޓަކައި އަންހެނުން ވަޒީފާއެއް އަދާކޮށް ނުވަތަ އަމިއްލަ މަސައްކަތެއްކޮށްގެން އަމިއްލައަށް އާމްދަނީ ހޯދުމަކީ މުހިންމު ކަމެކެވެ. މިހާރު ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައްވެސް ނުހަނު ގިނައެވެ. އަދި ގިނަ އަންހެނުން މިހާރު އަންނަނީ އެކި ގޮތްގޮތުން އަމިއްލައަށް އާމްދަނީވެސް ހޯދަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0