ރިޕޯޓު: ގައުމީ އެއާލައިނަށް ބައިނަލްއަގުވާމީ ރަނގަޅު ބައިވެރިއަކު ބޭނުންވޭ!
9 ސެޕްޓެމްބަރ 2021 - 17:36
ގައުމީ އެއާލައިންގެ ތާރީހްގައި މީގެ ކުރިން ވެސް ރާއްޖެ ވަނީ ހިތި ތަޖުރިބާއެއް ކޮށްފައެވެ. އެއާ މޯލްޑިވްސްގެ ނަމުގައި ގައުމީ އެއާލައިން އެންމެ ފުރަތަމަ ހިންގި އިރު ފުޅާ ދާއިރާއެއްގައި ހިދުމަތް ދެމުން އައެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގައި 1974 ގައި އުފެއްދި އެއާލައިން 26 އަހަރު ވަންދެން ހިދުމަތް ފޯރުކޮށްދިނެވެ. އެ ދިގު މުއްދަތުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދި ނަމަވެސް 2000 ވަނަ އަހަރު އެ އެއާލައިން ހުއްޓާލަންޖެހުނީ ބަންގްރޫޓްވެގެންނެވެ.
އެއާ މޯލްޑިވްސް އަށް ވެގެން ދިޔަ ގޮތުން ގައުމީ އެއާލައިނެއް އަލުން ވުޖޫދުކުރުމަށް އޭރު އޮތް ސަރުކާރުން އެތައް ވިސްނުމެއް ވިސްނަންޖެހުނެވެ. ނަމަވެސް އެތެރޭގެ ދަތުރުފަތުރު ދެމެހެއްޓުމަށް އެއީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ބަލައި އައިލެންޑް އޭވިއޭޝަންގެ ދަށުން އެއާލައިން އޮޕަރޭޓްކުރަން ފެށިއެވެ. އެއާލައިން އޮޕަރޭޝަނަށް މޯލްޑިވިއަންގެ ނަންދީ 2008 ވަނަ އަހަރު ގައުމީ އެއާލައިނުން އަލުން ބައިނަލްއަގުވާމީ ދަތުރުތައް ފެއްޓިއެވެ. ކޮވިޑްގެ ހާލަތު އައުމާ ހަމައަށް މޯލްޑިވިއަނުން ދިޔައީ ގިނަ އެތެރެ އާއި ބޭރުގެ ގިނަ މަންޒިލްތަކަކަށް ދަތުރުކުރަމުންނެވެ. އެ ގޮތުން ޗައިނާގެ ގިނަ ސިޓީތަކަކަށާއި އިންޑިއާ، ބަންގްލަދޭޝްގެ ޑާކާ އާއި އިންޑިއަގެ ތިން މަންޒިލެއްގެ އިތުރުން ބެންކޮކަށް ވެސް އައީ ދަތުރުކުރަމުންނެވެ. ބައިނަލްއަގުވާމީ ދަތުރުތަކުން ފައިދާވި ނަމަވެސް އެތެރޭގެ އުދުހުންތަކަކީ ފައިދާ އަށް ބަލައިގެން ކުރާ ކަމަކަށް ނުވާތީ އެއާލައިން އޮތީ ބޮޑު އަަޑިގަނޑެއްގެ ތެރޭގައެވެ.
ހާއްސަކޮށް ކޮވިޑްގެ ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަންޖެހުމުން ފޫނުބެއްދޭ ވަރުގެ ގެއްލުމާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެއާ މޯލްޑިވްސް އަށް ކުރަންޖެހުނު ތަޖުރިބާ މޯލްޑިވިއަން އަށް ވެސް ކުރަންޖެހިދާނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އެއާ މޯލްޑިވްސް ހުއްޓުމަކަށް އައުމުގެ މައިގަނޑު އެއް ސަބަބަކީ ކޮރަޕްޝަން ކަމަށް ތުހުމަތުކުރެވެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އެ މައްސަލަ ބަލައި ބަޔަކަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެއާ މޯލްޑިވްސް އަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން އެކި ފަހަރުމަތިން ލިބިފައި ވެއެވެ. އެ ގޮތުން 1976ގައި އެއާލައިންގެ 49 ޕަސެންޓް ހިއްސާ ސިންގަޕޫރުގެ ޓްރި-9 ކޯޕަރޭޝނުން ގަނެ، އޮޕަރޭޓްކުރަން ފެށިއެވެ. ނަމަވެސް އެ ކުންފުންޏަށް މާ ގިނަ ދުވަހު އޮޕަރޭޓްކުރެވޭ ގޮތް ނުވެ، އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުން ނިމުމަކަށް ގެނައެވެ.
އެއާލައިންގެ ޅަފަތުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އޭރު އޮތް ސަރުކާރުން އެއާލައިން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ލަންކާގެ ވެރިރަށް ކޮޅުނބާއި ހުޅުލެއާ ދެމެދު ކުރި ދަތުރުތަކުގެ އިތުރުން އައްޑޫ ގަމަށް ދަތުރުތައް ފުޅާކުރިއެވެ. އަދި 80ގެ އަހަރުތަކުގެ ތެރޭގައި އިތުރު އެއާޕޯޓްތައް ހުޅުވުމުން ލ. ކާޑެއްދޫ އާއި ހދ. ހަނިމާދޫ އަށް ދަތުރުތައް ފެށިއެވެ. ނަމަވެސް އެއާލައިން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ އިތުރު މަންޒިލްތަކަށް ދަތުރުކުރުން މުހިންމުވެ، އަދި އިތުރު އިންވެސްޓްމަންޓް ބޭނުންވާތީ މެލޭޝިޔާގެ ސަރުކާރާ ކުރެވުނު މަޝްވަރާތަކަށް ފަހު 1990ގެ އަހަރުތަކުގެ ކުރީކޮޅު އެއާ މޯލްޑިިވްސްގެ 49 ޕަސެންޓް މެލޭޝިޔާ އެއާލައިންގެ އޭރުގެ މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ ނަލޫރީ ބަރްހާދު އަށް ވިއްކާލިއެވެ. ނަތީޖާއެއްގެ ގޮތުން 1994 ވަނަ އަަހަރު ކޮލޮމްބޯގެ އިތުރުން ދުބާއީ އާއި އިންޑިއާގެ ޓްރިވެންޑްރަމް، މެލޭޝިޔާގެ ކުއަލާ ލަމްޕޫރުގެ އިތުރުން ތައިލެންޑްގެ ބެންކޮކް އަދި އިނގިރޭސި ވިލާތުގެ ލަންޑަނަށް ރާއްޖެ އިން ދަތުރުތައް ފެށިއެވެ. ހަލުވި މިނެއްގައި ކުރިއަރަމުން ފުޅާވަމުން އައި ނަމަވެސް 2000 ވަނަ އަހަރު އެއާލައިން ހުއްޓާލަންޖެހުނު އިރު ދަރަނީގެ ގޮތުގައި 69.2 މިލިއަން ޑޮލަރު އޮތެވެ. އޭރު ސަރުކާރުގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެކަން އޮބިގެން ދިޔައީ މެލޭޝިއާ އެއާލައިންސްގެ ކުރީގެ ސީއީއޯ ތަޖޫދިން ރަމްލީގެ ބޮލުގައި ބަންގްރޫޓްވުމުގެ ތުހުމަތު އެޅުވުމަށް ފަހުއެވެ.
މޯލްޑިވިއަން އަށް ހިންދެމިލެވެން އޮތީ އެއާ މޯލްޑިވްސްގެ ތަޖުރިބާ އިން އިބުރަތް ލިބިގަނެ، ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށްގެންނެވެ. އެކަން ކުރެވެން އޮތީ ގިނަ ރޫޓްތަކެއް ރާއްެޖެ އަަށް ލިބިގެންނެވެ. އޭގެ އިތުރުން ރަނގަޅު އިންވެސްޓެއްކޮށް ބޯޓުތައް އިތުރު ނުކޮށްފި ނަމަ އެއާ މޯލްޑިވްސް އަށް ޖެހުނު ހާލު މޯލްޑިވިއަން އަށް ވެސް ޖެހެން ދެން މާގިނަ ދުވަހެއް ނަގާނެ ކަމަކަށް ނުބެލެވެއެވެ. ގެއްލުން ބޮޑުވިޔަސް ދަތުރުތައް ހުއްޓާލައި، ކުންފުނީގެ ބޮޑު ތަޅު އަޅުވަން މިހާރުގެ ސަރުކާރުން ބޭނުމެއް ނުވެއެވެ. ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ގެއްލުން ވީހާ ވެސް ކުޑަކޮށް ބައިނަލްއަގުވާމީ ދަތުރުފަތުރުގައި މޯލްޑިވިއަންއަކީ ވަރުގަދަ ނަމަކަށް ހެދުމެވެ. އެކަމަށްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީ އާއި އިންވެސްޓްމަންޓް އިތުރުކުރެވޭނެ ގޮތެއް ނެތުމެވެ. މިހާރު ވެސް ބޮޑު ދަރަންޏެއް އޮތުމާއި ކުންފުނީގެ ހާލަތު އޮތް ގޮތުން ލޯނެއް ނަގައިގެން އެކަން ކުރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. އަނެއްކޮޅުން އެހާލަތުގައި އޮތް ކުންފުންޏަކަށް ލޯނު ދިނުމަކީ އެއްވެސް ބަޔަކު ކުރާނެ ކަމެއް ވެސް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަގުވާމީ ކުންފުންޏަކާ ގުޅިގެން މޯލްޑިވިއަން ކޮޅަށް ޖެހުމެވެ.
މޯލްޑިވިއަން ކޮޅަށް ޖެހުމަށް ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ ހެދުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަކަން މިދިޔަ މަހުގެ ކުރީކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހާމަކުރައްވާފައެވެ. އެ މަޝްވަރާތައް އޮތް މަރުހަލާއެއް އަދި މަޝްވަރާކުރަނީ ކޮން ބަޔަކާ އެކު ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދެ ފަރާތަކާ މަޝްވަރާކުރަމުން އަންނަކަން ހާމަކޮށްފައި ވެއެވެ.
މޯލްޑިވިއަން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އޮތް މަގަކީ ވެސް ޖޭވީ ހަދައި ނުވަތަ އެއާލައިންގެ ހިއްސާ ބޭރުގެ އެއާލައިން އޮޕަރޭޓަރަކަށް ދިނުން ކަމަށް މީގެ ކުރިން ވެސް ތަޖުރިބާކާރުން އައީ ބުނަމުންނެވެ. ހާއްސަކޮށް ދަތުރުތައް ފުޅާކުރަން ބޭނުން ނަމަ އެކަން ނުކޮށް ފަރުޖައްސަން އުނދަގޫވާނެ ކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ. އެކަމުގައި ދެ މަގެއް ސަރުކާރަށް އެބަ އޮތެވެ. އެއްގޮތަކީ ރާއްޖޭގެ ދިދައިގެ ދަށުން އެއާލައިން ހިންގަން ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމެވެ. އަވަށްޓެރި ބައެއް ގައުމުތަކުން މި މޮޑެލް ކާމިޔާބުކަމާ އެކު ހިންގާފައި ވެއެވެ. އޭގެ އެއް މިސާލަކީ އެމިރޭޓްސް އިން ސްރީލަންކަން އެއާލައިންސް ހިންގުމެވެ. އެމިރޭޓްސް އިން ވަނީ 1998 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ކާމިޔާބުކަމާ އެކު ސްރީލަންކަން އެއާލައިންސް ހިންގައި އެ އެއާލައިން ކޮޅަށް ޖަހާފައެވެ. ލަންކާ ސަަރުކާރާއި އެމިރޭޓްސް ގްރޫޕާ ދެމެދު ހިޔާލު ތަފާތުވުމުގެ ސަބަބުން 10 އަަހަރު ދުވަހުގެ އެގްރީމެންޓް ހަމަވުމުން އާ ކުރެވޭ ގޮތް ނުވީއެވެ.
އަނެއް ގޮތަކީ ޖޭވީއެއް ހަދައިގެން އޮޕަރޭޓްކުރުމެވެ. ރާއްޖެއަކީ ޓުއަރިޒަމްގެ މަތީ ފަންތީގެ މާކެޓަކަށް ވެފައި މަތީ ފަންތީގެ އެއާލައިންތަކުން މިހާރު ވެސް ރާއްޖެ އަށް ގިނަ ދަތުރުތަކެއް ކުރާ އިރު ރާއްޖޭގެ ގައުމީ ދިދައިގެ ދަށުން ފްލައިޓްތައް އޮޕަރޭޓްކުރުމަކީ އެ އެއާލައިންތަކުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވާނެ ކަމެކެވެ. ހާއްސަކޮށް ޓުއަރިޒަމްގެ މަތީ ފަންތީގެ މާކެޓެއް އޮތުމުން ރާއްޖެ އަށް މިހާރު ވެސް ލިބިފައި އޮތް ރޫޓްތަކުން ދަތުރުތައް އޮޕަރޭޓްކުރުމަކީ އެމިރޭޓްސް އާއި ގަތަރު އެއާލައިންސް އަދި ސިންގަޕޫރު އެއާލައިންސް ފަދަ ވަރުގަދަ އެއާލައިންތަކުގެ އިތުރުން ޔޫރަޕްގެ އެއާލައިންތަކުން ވެސް ޝައުގުވެރިވާނެ ކަމެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ބައިނަލްއަގުވާނީ ބައިވެރިއަކު ހޯދުމަށް މަސައްކަތްކުރަމުން ދާއިރު ޓުއަރިޒަމަށް ވިސްނައިގެން އަދި މޯލްޑިވިއަން ވެސް ކޮޅަށްޖެހޭނެ ގޮތަކަށް ސަރުކާރުން ވިސްނުން ގެންގުޅުން މުހިންމެވެ. ބައިނަލްއަގުވާމީ ދަތުރުތަކުގެ އިތުރުން މޯލްޑިވިއަންއަކީ ސީޕްލޭން ދަތުރުތަައް ވެސް ކުރަމުން އަންނަ އެއާލައިނަކަށްވުމުން އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައިގަނޑު މާކެޓަކީ ޓުއަރިޒަމް ކަމަށްވުމުން މިއީ ވެސް ބައިވެރިއަކު ހޯދުމުގައި ސަރުކާރަށް ލިބިފައި އޮތް އެޑްވާންޓޭޖެކެވެ. ބޭރުގެ ކުންފުންޏަކާއެކު ޖޭވީ ހަދާ އިރު ސަރުކާރުން މި ހުރިހާ ކަމަކަށް ބަލާނެއެވެ. ހާއްސަކޮށް ރާއްޖެ އަށް މިހާރު ވެސް ގިނަ ދަތުރުތައް ކުރާ އެއާލައިންތަކުގެ ޝައުގުވެރިކަން ހޯދާނެ ކަމަށް ބެލެވެއެވެ. އެއާ މޯލްޑިވްސް އަށް ވީފަދަ ގޮތެއް ވިޔަ ނުދީ މޯލްޑިވިއަން ކޮޅަށްޖެހެން އޮތީ ރަނގަޅު ބައިވެރިއަކު ލިބިގެންނެވެ.