އިންޓަނެޓްއަކީ އަސާސީ ހައްގެއް
21 ސެޕްޓެމްބަރ 2021 - 14:30
ކޯވިޑް19 އާއިއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައެވެ. މީގެ ސަބަބުން އޮފީސްތަކާއި ސްކޫލްތައްތައް ހުއްޓި ގޭގައި ތިބެގެން ކިޔެވުމާއި އަދި މަސައްކަތްކުރުން ކުރިއަށްދިޔައެވެ. މިއާއިއެކު އިންޓަނެޓަށް އޮތް ޑިމާންޑް އިތުރުވެ އިންޓަނެޓަކީ ޒަރޫރީ ކަމަކަށް ވެގެންދިޔައެވެ.
ކޯވިޑް19 އާއިއެކު އިންޓަނެޓަށް އޮތް ޑިމާންޑް އިތުރުވެ އިންޓަނެޓްގެ ބޭނުންތެރިކަން ޖެހުމާއިއެކު އާބާދީގެ ގިނަ ބަޔަކަށް އިންޓަނެޓް ނުލިބޭކަން އިނގިގެންދިޔައެވެ. މީގެތެރޭގައި ދުނިޔޭގެ މުއްސަނދި ޤައުމުތައްވެސް ހިމެނެއެވެ. އިންޓަނެޓަކީ މިހާރު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ޚިދުމަތެކެވެ. ސަބަބަކީ އިންޓަނެޓާ ނުލައި މިހާރު މަސައްކަތްކުރުމާއި އަދި ކިޔެވުމުން ދަތިކަމަކަށްވެފައިވާތީއެވެ.
ރާއްޖޭގައި އިންޓަނެޓްގެ ޙިދުމަތްލިބޭ މީހުންގެ ނިސްބަތް ބެލުމަށް މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން ކުރި ދިރާސާއަކުން ދައްކާގޮތުން 2020 ވަނަ އަހަރު އާބާދީގެ %44 މީހުންނަށް ބްރޯޑްބޭންޑްގެ ޙިދުމަތް ލިބެއެވެ. އަދި މޯބައިލް ފޯނަށް އިންޓަނެޓް ޙިދުމަތް ލިބޭ މީހުންގެ އަދަދަކީ %38 ކެވެ. އަދި ޑައިލް އަޕް ކަނެކްޝަން ލިބޭ މީހުންގެ ނިސްބަތް އުޅެނީ %11 ގައެވެ. އަދި ރާއްޖޭގެ އާބާދީގެ %7 މީހުންނަށް އިންޓަނެޓްގެ ޙިދުމަތް ނުލިބޭ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.