1.5 ޑިގްރީ ސެލްސިއަސްއާ 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާ ނައުމާ ހުރުމުގެ ފަރަގޭ ރައީސް ވިދާޅުވީ ކީއްވެ؟

27 ސެޕްޓެމްބަރ 2021 - 15:06

މޫސުމަށް އަންނަ ބަދަލުތަކަކީ ކަންބޮޑުވާންޖެހޭ މައްސަލަތަކެކެވެ. ދަދީފަހުން ބޭއްވި އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ މޫސުމަށް އަންނަ ބަދަލުތަކައި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަކަމަށާއި، އެމައްސަލައަކީ ބައިނަލްއަޤްވާމީގޮތުން އެންމެ އިސްކަމެއްދެވޭ މައްސަލައެއްގެ ގޮތުގައި ދެމިއޮތުން މުހިންމުކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.


އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޯވިޑް-19އިން އިންސާނުންނަށް އިއްވައިދިނީ އިންޒާރުގެ ރަނގަބީލުކަމަށެވެ. މޫސުމަށް އަންނަ ބަދަލާއި، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގު އިންސާނިއްޔަތަށް މާބޮޑުކަމަށެވެ. މިއީ މިއަދުގެ ދިރާސާތަކާއި، ޢިލްމީ ޙަޤީޤަތްތަކާއި، ސައިންޓިފިކް ރައުޔު ހެކިދޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

advertisement

އައި.ޕީ.ސީ.ސީ.އިން ދާދިފަހުން އެކުލަވައިލި ރިޕޯޓަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މިދިޔަ 5 އަހަރަކީ 19 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަޙައްމަލުކުރި އެންމެ ހޫނުގަދަ 5 އަހަރުކަމަށެވެ. 1901 ން 1970 އާ ދެމެދަށް އަޅައިބަލާއިރު، ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް ތިންގުނަ އިތުރުވެފައިވާކަމަށެވެ. އަދި ދުނިޔޭގެ ހޫނުމިން 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަމަށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ މާބޮޑު އެހެން ކަމެއްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ޙައްލުކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާ ކަމުގެ އިންޒާރުކަމަށެވެ.

ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި މިހާރު ޖައްވަށް ބޭރުކުރާ ގެދަބުޅީގެ މިންވަރު 2030އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މި އަމާޒަށް ވާޞިލުވެވޭނީ 2050ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ޙާޞިލުކޮށްގެންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

” 1.5ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ، މަރުގެ ޙުކުމެއް އައުމާއި ނައުމާ ދެމެދުހުރި ފަރަޤު. އެހެންނަމަވެސް، އެއް ޙަޤީޤަތެއް އެބައޮތް. ކުދި ޖަޒީރާތައް ނެތިދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ. ދިވެއްސަކަށް ދިރިނޫޅެވި – ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ.” ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ، ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވައިލައްވާފައެވެ. މިގޮތުން، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަޤުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0