މުސްކުޅި އާބާދީގެ 46 އިންސައްތަ އަކީ ހައި ބްލަޑް ޕްރެޝަރު ހުންނަ މީހުން

11 އޮކްޓޯބަރ 2021 - 15:04

ހައިޕާޓެންޝަން ނުވަތަ ދިވެހިން އާންމު ގޮތެއްގައި ކިޔާ ގޮތުގައި ނަމަ ޕްރެޝަރު މައްޗަށް ދިއުން ނުވަތަ ލޭ މައްޗަށް ދިއުމަކީ ދިވެހިންގެ މެދުގައި ވެސް އާންމު ސިއްހީ މައްސަލަ އެކެވެ. ލޭ މައްޗަށް ދިއުމަކީ ހަށިގަނޑުގެ އެކި އެކި ގުނަވަންތަކަށް ލޭ ހޮޅިތައް މެދުވެރިކޮށް ހިތުން ލޭ ފޮނުވައިދޭ ބާރު ނުވަތަ ޕްރެޝަރު ވަކި މިނަކަށްވުރެ މައްޗަށް ދިއުމެވެ. މިއީ އެތަކެއް ސިއްހީ މައްސަލަތަކާ ކުރިމަތި ކުރުވާނޭ ކަމެކެވެ.

އެހެނީ ލޭ ހޮޅިތަކުގައި ދައުރުކުރާ ލޭގެ ޕްރެޝަރު މަތި ވުމުގެ ނަތީޖާއެއްގެ ގޮތުން އެކި ގުނަވަންތަކަށް ލޭ ފޮނުވުމަށްޓަކައި ހިތް ކުރަންޖެހޭ މަސައްކަތް އެތަށް ގުނައެއް ބުރަވެ، މި ގުނަވަންތަކަށް ލޭ ފޯރު ކޮށްދޭ ލޭ ހޮޅިތައް ކަމަށްވާ އާޓަރީސްތައް ހަނިވެ ހަރުވުމުގެ ފުރުސަތު ވެސް ބޮޑެވެ.

advertisement

ލޭ މައްޗަށް ދިއުމަކީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ މިންގަނޑު އެމީހެއްގެ އުމުރާއި ޖިންސާ އަޅާ ބަލާއިރު އާންމުކޮށް ހުންނަން ޖެހޭ މިންވަރަށްވުރެ މަތީ މިންވަރެއްގައި ހުރުމެވެ. އެގޮތުން ލޭ މައްޗަށް ދާކަމަށް ބެލެވެނީ ލޭގެ ޕްރެޝަރ 140-90 އާ ހަމައިން ނުވަތަ އެއަށްވުރެ މަތިވެއްޖެ ނަމައެވެ.

ލޭ މައްޗަށް ދާކަމުގައިވާނަމަ އެމީހަކު ރުޅި އެރުވުމަކީ ނުވަތަ ގޭތެރޭގައި މާހައުލުގައި ނުވަތަ މަސައްކަތުގެ މާހައުލުގައި މާޕްރެޝަރ ބޮޑު ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ޚާއްސަކޮށް އުމުރުން ދުވަސްވުމާއެކު ލޭމައްޗަށް ދާ މައްސަލަ ދިމާވާ ކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ %46 މީހުންނަކީ ލޭމައްޗަށްދާ މީހުންނެވެ.

ލޭ މައްޗަށް ދާ ދިއުން ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސްތަކެއް ވާނަމަ އޭގެ ސަބަބުން ހާޓް އެޓޭކް، ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތުތައް ބޮޑުވެގެން ދެއެވެ. ލޭގެ ޕްރެޝަރު އާންމުކޮށް ހުންނަން ޖެހެނީ 120/80 މިލިމީޓާ މާކުރީ އަށް ވުރެން ދަށުގަ އެވެ.

އާންމު ގޮތެއްގައި ލޭ މައްޗަށް ދިއުމަކީ އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ދޮތުގައި ފަސްދޮޅަސް އަހަރުން މަތީ އުމުރު ފުރައިގެ ދެބައިކުޅަ އެއްބައި މީހުންނަކީ ލޭގެ ޕްރެޝަރުމަތި މީހުނެވެ. އުމުރުން ދުވަސްވުމުގެ އިތުރުން ލޭގެ ޕްރެޝަރު އުމުރުގެ ކުރީކޮޅުގައި މައްޗަށް ދިއުމަށް މެދުވެރިކުރުވަފާނެ ކަންތައްތައް ބައިވަރެވެ.


އޭގެ ތެރޭގައި ގިނަ ދުވަސްވީ ކިޑްނީގެ ބައްޔެއް ހުރުން، އާއިލާގައި ލޭ މައްޗަށް ދާ އެހެން މީހުން ތިބުން ހިމެނެ އެވެ. މީގެ އިތުރުން 45 އަހަރުން މަތީގެ ފިރިހެނުންނަށް ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ ފުރުސަތު 45 އަހަރުން މަތީގެ އަންހެނުންނަށް ވުރެން ބޮޑުކަމަށް ދިރާސާ ތަކުން ހާމަވެފައި ވެއެވެ. ކަންތައްތަކާމެދު މާ ބޮޑަށް އަބަދު ފިކުރު ބޮޑުވުމަކީ ވެސް ލޭ މައްޗަށް ދިއުމަށް މެދުވެރި ކުރުވާ ކަމެކެވެ. މީގެ ގިނަ ކަންތައްތަކަކީ އަހަރުމެންނަށް ބާރު ފޯރުވޭ ނުވަތަ ބަދަލު ކުރެވޭ ކަންކަމަށް ނުވި ނަމަވެސް ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ލޭ މައްޗަށް ދިއުމަށް މެދުވެރި ވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0