ވޭތުވެދިޔަ ފަސްއަހަރަށް ބަލާއިރު މާލީ ގޮތުން ދަތިކުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން

8 ނޮވެމްބަރ 2021 - 15:34

މާލީ ފުދުންތެރިކަން ނެތިއްޖެނަމަ އަނިޔާކުރާ މީހާގެ އެހީތެރިކަމާނުލާ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެ އެވެ. މިކަމުގެ ސަބަބުން ލިބެމުންދާ އަނިޔާއިން ދުރުވުމަށް އޮންނަ މަގު ހަނިވެގެންދެ އެވެ.

މާލީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން ދަތިކުރުމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތް ހާސްވެ ނުތަނަވަސް އިހުސާސްވުން އެކަށީގެންނެ އެވެ. މީގެ ސަބަބުން ނަފުސާނީގޮތުން އަސަރުކޮށް އިތުރު އުދަނގޫތަކާ ކުރިމަތިލާން ޖެހެ އެވެ.

advertisement

މި ބާވަތުގެ އަނިޔާ ކުރިމަތިވުމުގެ ސަބަބުން، އަނިޔާ ކުރާ ފަރާތާ ދުރުވުމަށް ފަހުވެސް އެއްވެސް މީހަކަށް ބަރޯސާ ނުވާ، މިނިވަން ދިރިއުޅުމަށް ބައެއް ހާލަތްތަކުގައި ހުރަސް އެޅެ އެވެ. މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަކަީ ބައެއް ފަހަރު އަނިޔާ ކުރި މީހާގެ އަމަލި ތަކުގެ ސަބަބަބުން މާލީ ގޮތުން ދަރަނިވެރިވެފައިވާ ފަރާތެއް ކަމުގައި ވާތީ، އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށުމަށ ްނުވަތަ ވަޒީފާ އެއް ހޯދުމަށް ދަތިތަކާ ކުރމަތިލާންޖެހެ އެވެ. ނަތީޖާއަކަށް ވަނީ، ހަޔާތް ބިނާކޮށް އާރާސްތުކުރުމަށް އެތަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުމެވެ. .

އަނިޔާ ލިބޭ މީހާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށްވެސް މިކަމުގެ ސަބަބުން ގިނަ ފަހަރަށް އަސަރު ކުރެ އެވެ. މާލީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން ދަތިކުރުމުގެ ސަބަބުން އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެ އެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، މާލީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން ދަތިކުރުމުގެ މައްސަލަތައް އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ މިންވަރު އެވްރެޖު ކޮށް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2016 ވަނަ އަހަރު މިފަދަ 50 މައްސަލަ އެއް ހުށަހަޅާފައިވާއިރު، 2017 ވަނަ އަހަރު 56 މައްސަލަ، 2018 ވަނަ އަހަރު 75 މައްސަލަ، 2019 ވަނަ އަހަރު 76 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ރިޕޯޓު ކުރި މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށް ވެފައިވީ ނަމަވެސް ޖުމްލަ 65 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް 63 މައްސަލައެއް ވަނީ ހުށަހޅާފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނަށް ގެވެށި އަނިޔާ ލިބިގެން ރިޕޯޓު ކޮށްފައިވާ    މައްސަލަތަކެވެ.

އަންހެނަކަށް ވީތީ މާލީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން  އަނިޔާ ލިބުމުގެ ފުރުސަތު  އިތުރުވެގެންދެ އެވެ. މި ކަމުގެ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • އަންހެނުންނާއި ފިރިހެނުންގެ ދައުރާ މެދު މުޖުތަމައުގެ ތެރޭގައި ހުންނަ ގަބޫލު ކުރުންތައް.
  • ރަސްމީ ސިފައެއްގައި އުޖޫރަ ލިބޭ މަސައްކަތްކުރާ މީހުންގެ ގިންތީގައި އަންހެނުން މަދުވުން.
  • އެއްކަހަލަ މަސައްކަތްތަކުގައި އަންހެނުންނާއި ފިރިހެނުންނަށް ލިބޭ އާމްދަނީ ތަފާތުވުން.

މައުލޫމާތު ނަގާފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ރިވެލި މަޖައްލާއިން

ރިއެކްޝަންސް
0
0
0
0
0
0
0