ގޭތެރޭގެ މަސައްކަތްތައް ވަކި ބަޔަކަށް ޙާއްސަކަމަށް މީހުން ނުދެކޭ
6 ޑިސެމްބަރ 2021 - 10:27
ގޭތެރޭގައި އާންމުކޮށް ކުރަންޖެހޭ މަސައްކަތްތަކަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއްގެ ގޮތުގައި ގިނަ މީހުން ނުދެކޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިގޮތައް ދައްކާފައިވަނީ ރާއްޖޭގައި ހެދި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި އެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ހެދި ދިރާސާއަކުންނެވެ. މި ދިރާސާ ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހާއި ގައުމީ ޔުނިވަސިޓީން ގުޅިގެންނެވެ. މި ދިރާސާގައި ޖިންސީ ތަފާތުކުރުމާއި ޖިންސީ ހަމަހަމަކަމާ ބެހޭ ގޮތުން މީހުންގެ ވިސްނުން ހުރި ގޮތް ބަލާފައިވއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން 619 މީހެއްގެ ހިޔާލު ހޯދައިގެން ހެދި މި ދިރާސާގައި ގޭތެރޭގައި އާންމު މަސައްކަތްތައް ކަމަށްވާ ކެއްކުން، ދޮވެ އިސްތިރިކުރުން، ގޭތެރޭގެ މަރާމާތު، ފަރުނީޗަރު ފަދަ ތަކެތި ގަތުން، ދަރިންނަށް ކާންދީ ފެންވެރުވުން އަދި ދަރިންގެ ޚަރަދު ބެލެހެއްޓުމަކީ ވަކި ޖިންސެއްގެ މީހުންނަށް ހާއްސަ ކަމެއްތޯ ސުވާލުކޮށްފައިވެ އެވެ.
ކެއްކުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން ކަމަށް 79.4 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިއީ އަންހެނުންނަށް ހާއްސަ ކަމެއްގެ ގޮތުގައި 19.6 ޕަސެންޓް މީހުން ބުނި އިރު މިއީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް ބުނީ އެންމެ 1 ޕަސެންޓް މީހުންނެވެ.
ދޮވެއިސްތިރިކުރުމަކީ ވަކި ޖިންސަކަށް ހާއްސަކަމެއް ނޫން ކަމަށް 75.9 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިކަން ހާއްސައީ އަންހެނުންނަށް ކަމަށް 22.8 ޕަސެންޓް އަދި ފިރިހެނުންނަށް ކަމަށް 1.3 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ފަރުނީޗަރު ފަދަ ތަކެތި ގަތުމަކީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށްވާ 21.1 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިކަން އަންހެނުންނަށް ހާއްސަ ކަމަށް ދެކޭ މީހުންގެ ނިސްބަތަކީ 1.3 ޕަސެންޓެވެ. މިކަން ވަކި ޖިންސަކަށް ހާއްސަ ކަމަށް ނުދެކޭ މީހުންގެ ނިސްބަތަކީ 77.6 ޕަސެންޓެވެ.
ދަރިންނަށް ކާންދީ ފެންވެރުވުން ވަކި ޖިންސަކަށް ހާއްސަ ނުވާ ކަމަށް 79.4 ޕަސެންޓް މީހުން ބުނެފައި ވާއިރު ދަރިންގެ ހަރަދު ބެލެހެއްޓުން ވަކި ޖިންސަކަށް ހާއްސަނުވާ ކަމަށް ވެސް 72.1 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އެކަމަކު ދަރިންނަށް ހަރަދު ދޭންޖެހޭނީ ފިރިހެނުން ކަމަށް 26.9 ޕަސެންޓް މީހުން ދެކެ އެވެ. ދަރިންނަށް ކާންދީ ފެންވެރުވުން އަންހެނުންނަށް ހާއްސަ ކަމަށް 19.6 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
މީގެ އިތުރުން، އެއް މަގާމެއްގައި އުޅޭ މީހުންނަށް އުޖޫރަ ކަނޑައެޅުމުގައި ޖިންސީ ތަފާތުކުރުމެއް ނޯންނަ ކަމަށާއި އެކަމަކު ކުރިމަތިލެވޭ ނުވަތަ ފުރުސަތު ލިބޭ ދާއިރާތަކުގައި ހުރި ތަފާތުތަކުގެ ސަބަބުން އަންހެނުންނަށް ލިބޭ އާމްދަނީ ޖުމްލަ ގޮތެއްގައި ކުޑަކަމަށް ދިރާސާގައި ބުނެފައިވެ އެވެ.