ސައިނަސް ހުންނަނަމަ މިކަންކަން ކުރެވިދާނެ

7 ޑިސެމްބަރ 2021 - 14:16

ސައިނަސްއަކީ ކޮންމެ މީހެއްގެ ވެސް ނޭފަތާއި ލޯ ވަށައިގެންވާ ސަރަހައްދުގެ މޫނުގެ ކަށިގަނޑުގައި ހެދިފައިވާ ހޮއިތަކެކެވެ. ސައިނަސްއަކީ މޫނުގެ މި ސަރަހައްދުތަކުގައި އެކުލެވިގެންވާ ވައި ކޮތަޅުތަކެކޭ ބުނެވިދާނެ އެވެ. ސައިނަސައިޓިސް އަކީ ކޮންމެވެސް ސަބަބަކާހުރެ މި ވައި ކޮތަޅުތަކުގެ ވަށައިގެންވާ ތެތް ދުލިފަށަލަ ދުޅަވުމެވެ. އެހެނީ ސައިނަސް ބްލޮކް ވުމުގެ ސަބަބުން އާންމުކޮށް ސައިނަސްގައި އުފެދޭ ދިޔަތައް ނޭފަތުގެ ތެރެއަށް ފޭބުމަށް ހުރަސް އެޅި، އޭގެ ސަބަބުން ސައިނަސްގައި ޕްރެޝަރު ބޮޑުވެ އިތުރު އުނދަގޫތައް ކުރިމަތި ކުރުވަ އެވެ.

  • ސައިނަސައިޓިސްގެ އަލާމާތްތައް
  • މޫނުގައި ރިހުން
  • ނޭފަތް ފުރިފައި ހުންނަހެން ހީވުން
  • ނޭފަތުން ފެން / ރީނދޫ ނުވަތަ ފެހި ކުަލައިގެ އަރިދަފުން ފޭބުން
  • ބޮލުގައި ރިހުން
  • ދަތުގައި ރިއްސުން (ހާއްސަކޮށް މަތީ ދަތްޕިލައިގަ)
  • ހުން އައުން
  • ނޭވާލާ އިރު ނުބައި ވަހެއް ހުރުން
  • ނޭފަތުން ވަސް ނުދުވުން
  • ސައިނަސް ދުޅަވުމަށް މެދުވެރިކުރުވާ ސަބަބުތައް

ސައިނަސް ދުޅަވުމަށް މެދުވެރިކުރުވާ އެންމެ އާންމު އެއް ގޮތަކީ އަރިދަފުސް ރޯގާ ޖެހުމަށްފަހު ސައިނަސައިޓިސް އަށް ބަދަލުވުމެވެ. އާންމުކޮށް ސައިންސް ދުޅަވުމަށް މެދުވެރި ކުރުވަނީ ވައިރަހެއްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. ނަމަވެސް ބެކްޓީރިއާ އަދި މަދު ހާލަތްތަކުގައި ފަންގަހުގެ ބާވަތްތަކުގެ ސަބަބުންވެސް ސައިނަސައިޓިސް މެދުވެރިވެދާނެ އެވެ. ސައިނަސް ދުޅަވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންތައްތަކެއް ހުރެ އެވެ.

advertisement
  • އެލާޖީސް ހުރުން
  • އެސްމާ ހުރުން
  • ނޭފަތުގައި ޕޮލީޕްއެއް އުފެދުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • ދިފާއީ ނިޒާމް ބަލިކަށިވުން
  • ވަށައިގެންވާ މާހައުލު މާ ބޮޑަށް ފިނިވުން
  • ވަށައިގެންވާ މާހައުލުގެ ޖައްވު ނުސާފުވުން

ވަށައިގެންވަ މާހައުލުގެ ޕްރެޝަރު ބަދަލުވުން

ސައިނަސް ދުޅަވުމުން ދެވޭ ފަރުވާ ބިނާ ވާނީ ބަލީގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު އަދި މިއީ އެކިޔުޓް ނުވަތަ ކްރޮނިކް ސައިނަސައިޓިސްތޯ ދެނެގަތުމަށް ފަހުގައެވެ.

ކުރު މުއްދަތައް މެދުވެރިވާ ސައިނަސް އިންފެކްޝަންތައް އާންމު ގޮތެއްގައި ޖެހެނީ ވައިރަހެއްގެ ސަބަބުންނެވެ. އަދި ދިހަ ވަރަކަ ދުވަހުގެ ތެރޭގައި އަމިއްލައަށް ބަލީގެ އަލާމާތްތައް ފަސޭހަވެ ރަނގަޅު ވެއެވެ. ނަމަވެސް ބަލީގެ އުނދަގޫތައް ކުޑަ ކުރުމައްޓަކައި ދެވޭ އެކި ބޭސްތައް ހުރެ އެވެ.

ސައިނަސައިޓިސްގެ އުނދަގޫތަކުން ސަލާމަތްވުމަށް ގޭތެރޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ހުރެ އެވެ.

  • ގިނައިން ފެން/ދިޔާ ތަކެތި ބުއިން
  • ދުވާލަކު 3-4 ފަހަރު 10-15 މިނެޓަށް އާވި އެރުވުން
  • މާ ބާރަށް ނޭފަތް ނުފޮޅުން/ސާފު ނުކުރުން
  • ތާފަނާ ފެނަށް ލޮނު ކޮޅެއް އެޅުމަށް ފަހު އަނގަޔާއި ކަރުތެރެ ދޮވުން
ރިއެކްޝަންސް
0
0
0
1
0
0
0