ޒުވާނުން ބޭނުންވަނީ ހައްލު، ބޭކާރު ވައުދު ތަކެއް ނޫން

11 ޑިސެމްބަރ 2021 - 13:54

މޫސުމީ ބަދަލުތަކަށް މިހާރު އެންމެ އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެނަމަ މުސްތަޤްބަލުގައި މީގެ ނޭދެވޭ އަސަރުތައް ރާއްޖެއަށް ކުރާނެއެވެ. އެންމެ ބޮޑު ގެއްލުމަކާއި ހަމަ ގައިމުވެސް ކުރިމަތިލާންޖެހޭނީ އަހަރެމެންގެ ދަރިންނަށެވެ. މޫސުމީ ބަދަލުތަކަށް މިހާރު އަމަލީ ސިފައެއްގައި މަސައްކަތް ނުކުރެވިއްޖެ ނަމަ 2050 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ އޮންނާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މިކަމާ މެދު އެންމެ ބޮޑަށް އަޑު އުފުލާ އުޅެނީ ދިވެހި ރާއްޖޭގެ ޒުވާނުންގެ އާބާދީއެވެ. އެއީ “މެލެނިއަލް” ޖީލާއި އަދި “ޖެން-ޒީ”ގެ ޒުވާން އާބާދީއެވެ. ގިނައިން ފާހަގަ ކޮށްލެވޭ ގޮތުގައި ޒުވާން އާބާދީއަކީ އިޖުތިމާއި އަދި ތިމާވެށީގެ ރައްކާތެރިކަމަށް އަޑު އުފުލުމުގައި އެންމެ ކުރީ ސަފުގައި ތިބޭ މީހުންނެވެ.

އަދި ހަމަ އެހެންމެ މި އާބަދީ އަކީ ސިޔާސީ މީހުންނަށް އިޙްލާސްތެރި ނޫން ބަޔަކަށް ކަމަށްވެސް ގިނަ ދިރާސާ ތަކުން ދައްކައެވެ. ކަން މިހެން ވަނީ، ޒުވާނުން ބޭނުންވަނީ މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެވެ. ސިޔާސީ މީހުން ދައްކާ ފޮނި ހުވަފެންތަކާއި ބޭކާރު، ނުފުއްދާ ވަޢުދު ތަކެއް ނޫން ކަމަށްވާތީ އެވެ.

 ތުއްތު ކުދިންނަކީ މޫސުމީ ބަދަލުތަކަށް އެންމެ ކުޑަކޮށް ޒިންމާ ނަގަންޖެހޭ އެހެނަސް މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ބައެވެ.

2020 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް މޫސުމަށް އަންނަ ބަދަލުތަކަށް ކުރިމަތިލާންޖެހޭ މިންވަރު އެކުދިންގެ ކާބަފައިންނާއި އަޅާބަލާއިރު އިތުރުވާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު މިހާރުވެސް އަހަރެމެންގެ ރާއްޖެއިންނާއި އަދި މުޅި ދުނިޔެއިންވެސް އަންނަނީ ފެންނަމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އުދައެރުމާއި، ރަށްގިރުމާއި މިނޫންވެސް އެކިއެކި މައްސަލަތަކެއް އަންނަނީ ދިމާވަމުންނެވެ. ސޭވްދަ ޗިލްޑްރަންގެ ފަރާތުން ދާދިފަހުން ނެރެފައިވާ ރިޕޯޓްގައިވެސް މިކަންކަމަށް ވަނީ ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ. މިއަދުގެ ކުޑަކުދިން މާދަމާ ބޮޑެތިވެގެން އަންނައިރު މިހާރަށްވުރެ ބޮޑަށް އެކުދިންނަށް މޫސުމީ ބަދަލުތަކާއި ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ވަނީ މި ރިޕޯޓުގައި ދީފައެވެ.

އެގޮތުން ރިޕޯޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިނަށް ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް %45 އަށް އިތުރުވާނެކަމަށެވެ. ކޯރުތައް ބަންޑުންވުމުގެ މައްސަލަތައް %38 އިތުރުވާއިރު، ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތައްވެސް %10 އިތުރުވާނެކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން މިއަދުގެ ޒުވާން ޖީލު ބޭނުންވަނީ އެކުދިން މާދަމާ ބޮޑުވެގެން އަންނަންވާއިރަށް މިކަންކަމަށް ހައްލެކެވެ. ފޮނި ވައުދުތަކެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0