ފިރެހެނުން ވަޒީފާއާއި ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރުން ވަރަށް މުހިންމު
22 ޑިސެމްބަރ 2021 - 15:30
ހާސްވުމާއި ކަންބޮޑުވުމަކީ ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ހާސްވެ ކަންބޮޑުވާންޖެހޭ ހާލަތައްތައް ވަރަށް ގިނައިން އާދެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި އަންހެނުންނަށްވުރެ ބައެއް ފިރެހެނުންނަށް ހާސްވުމާއި ކަންބޮޑުވުމާއި ކުރިމަތިލާންޖެހެއެވެ. ފިރެހެނުންނަށް އާންމުގޮތެއްގައި ހާސްވެ ކަންބޮޑުވާންޖެހެނީ އޮފީހުގެ މާހައުލާއި ގޭތެރޭގެ މާހައުލު ބެލެންސް ކުރަން ނޭންގުމުގެ ސަބަބުންނެވެ. ނަމަވެސް އޮފީހާއި ގޭތެރޭގެ މަސައްކަތްތައް ބެލެންސް ކުރަން އިނގޭނަމަ މީގެ ސަބަބުން ތިމާއާއި އާއިލާއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
- މަސައްކަތުގެ މާހައުލުގައި ވޯކް ލޯޑު ބޮޑުވުން
އަންހެނުންނަށްވުރެ ބޮޑަށް އާއިލާ ބެލެހެއްޓުމުގެ ޒިންމާ މަތިވެފައިވަނީ ފިރެހެނުންނަށެވެ. އާއިލާއަށް ބޭނުންވާ ހަރަދުތައް ބެލެހެއްޓުމަކީވެސް ފިރެހެނުންގެ ޒިންމާއަކަށް ވަނީ ވެފައެވެ. މިކަމަށްޓަކައި މަސައްކަތުގެ މާހައުލުގައި ފިރެހެނުން ހޭދަކުރާ ވަގުތު އިތުރުވެއެވެ. މިއީ ފިރެހެނުންނަށް ހާސްވުމާއި ކަންބޮޑުވުން ލިބޭ ކަމެކެވެ. އަދި އޮފީހުގެ މާހައުލުގެ ވޯކްލޯޑް ބޮޑުވުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކާއި ފިރެހެނުންނަށް ކުރިމަތިލާންޖެހޭކަމަށް ދިރާސާއިން ދައްކައެވެ. އޭގެތެރޭގައި ސްޓްރެސް އިތުރުވުން ހިމެނެއެވެ.
- އަނބިންނަށް ފަސޭހަވޭ
އާންމުގޮތެއްގައި ގޭތެރޭގެ މަސައްކަތްތައް ގިނަ ފަހަރު ކުރަނީ އަންހެނުންނެވެ. ނަމަވެސް ފިރެހެނުން އޮފީހުގެ މަސައްކަތްތަކާއި ގޭތެރޭގެ މަސައްކަތްތައް ރާވާލާނަމަ މިކަމުގައި އަންހެނުންނަށް ފަސޭހަވެގެންދާނެއެވެ. ސަބަބަކީ އެއިރުން ގޭތެރޭގެ މަސައްކަތްތަކުގައި ފިރެހެނުންނަށް އަންހެނުންނަށް އެހީތެރިވެދެވޭނެއެވެ. މިއީ އުފާވެރި އާއިލާއެއް ބިނާކުރުމަށް އެޅިގެންދާ ފިޔަވަޅެކެވެ.
- ކުދިންނަށް އެދެވޭ އަސަރުކުރުން
ބޮޑުވަމުން އަންނަ ދަރިފުޅަށް ބައްޕައެއްގެ އެންމެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބޭނަމަ ކުއްޖާއަށް އެކަމުގެ ތަފާތު ފެންނާނެއެވެ. އެހެންކަމުން ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށް ތިމާގެ މަސައްކަތާއި އާއިލީ ވަގުތު ތަފާތު ކުރާށެވެ. އަބަދު މަސައްކަތުގައި އުޅުމުގެ ބަދަލުގައި ދުވާލުގެ ކޮންމެވެސް ވަގުތެއް ދަރިންނާއި އާއިލާއާއިއެކު ހޭދަކުރުމަށް ހުސްކުރާށެވެ.