މެންދުރުގެ ކެއުން ހިފައިގެން އޮފީހަށް އައުމުގެ މުހިއްމުކަން

9 ޖެނުއަރީ 2022 - 15:10

އާބާދީގެ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް މިހާރު ބޭނުންވަނީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެކެއެވެ. ހަށިގަނޑަށް ފާއިދާ ހުރި ކާނާ ކައިގެން، ކަސްރަތުކުރާށެވެ. މާލޭގެ ބޭރު މަގަށް ހެދުނާއި، ހަވީރު ނިކުމެލާ ކޮންމެ މީހަކަށްވެސް، އެކި އުމުރުފުރައިގެ މީހުން ހިގަން ނުވަތަ ދުވަން ނިކުމެ އުޅޭތަން ފެންނާނެއެވެ. މީގެއިން ދޭހަކޮށްދެނީ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ކަސްރަތައްދޭ ސަމާލުކަމެވެ. ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ގަނޑިން ގަނޑިއަށް ކެއުމަކީ ވަރަށް މުހިއްމު ކަމެކެއެވެ. ގަނޑިން ނުކެވުމުގެ ސަބަބުން ބަނޑުގައި ގޭސް އުފެދި އަދި ސިއްހަތައް އޭގެ ނުރަނގަޅު އަސަރުކުރެއެވެ.

ގަނޑިން ގަނޑިއަށް ކާން ބަލާއިރު އޭގެ އެންމެ ބޮޑު ތަކްލީފަކާއި ކުރިމަތިލާންޖެހޭ އެއްބަޔަކަށް އޮފީހަށްދާ މީހުން ހިމެނޭނެއެވެ. އެއީ ބޭނުން ކޮންމެ ގަނޑިއެއްގައި ކާން ބޭރަށް ނިކުތުމަކީ ޑިއުޓީ ގަނޑީގައި ކުރެވޭނެ ކަމަކަށް ނުވުމެވެ. ވަކިން ޚާއްސަކޮށް އޮފީސްތަކުގައި އުޅޭ މީހުންގެ މެންދުރުކެއުމުގެ ގަނޑީގައި މަސައްކަތާއި ހެދި، ގަނޑިއަށް ނުކެވޭ މީހުން ނިސްބަތުން ގިނައޭ ދެންނެވިދާނެއެވެ. މެންދުރުގެ ކެއުން ގަނޑިއަށް ކެއުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމަކަށްވާއިރު، މި ކަމަށް ސަމާލުކަންދެވޭ މިންވަރު ވަރަށް ކުޑައޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް މި ކަމުގެ ހައްލުވެސް އެބައޮތެއެވެ. އޮފީހަށް އަންނައިރު، މެންދުރުގެ ކެއުން ހިފައިގެން އައުމުން، ގަނޑިއަށް ކެވި އަދި ދުޅަހެޔޮ ސިއްހަތަކައް ކުރަމުން އަންނަ މަސައްކަތްތަކުގެ ފާއިދާ ކުރާނެއެވެ.

މެންދުރު ކެއުން ހިފައިގެން އޮފީހަށް އައުމުގެ މުހިއްމުކަން:

  • ހަށިގަނޑުގެ ބަރުދަން ބަރުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓޭނެ
  • އަތުން މެންދުރުގެ ކެއުމަށް ކުރަންޖެހޭ ހަރަދުކުޑަވެގެން ދިއުން
  • ވަގުތު ސަލާމަތްވުން
  • އިތުރު ހިތްހަމަޖެހުން ލިބިގެން ދިއުން
  • ރަނގަޅު ކޮލިޓީތަކެތި ކެވުނުކަމުގެ ޔަގީންކަން
  • ސާފުތާހިރު ތާޒާކަންމަތީ ހުރި ހަށިގަނޑަށް ފާއިދާހުރި ކާނާކެވުނުކަމުގެ ޔަގީންކަން

މި ދެންނެވި ސަބަބުތަކައް ބަލާއިރު ވަޒީފާގެ މާހައުލުގައި އަވަދިނެތި މަސައްކަތުގައި އުޅޭ ފަރާތްތަކުން، އެކަމަށް ވަގުތު ހުސްކޮށްލައިގެން  ދުރާލާ ތައްޔާރުކޮށްލައިގެން މެންދުރުގެ ކެއުން އޮފީހަށް ހިފައިގެން އައުމަކީ ތިމާގެ ސިއްހަތު ސަމާލަތުން ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތައް އެޅިގެންދާނެ އިތުރު ބޮޅެކެއެވެ.

ރިއެކްޝަންސް
1
5
1
1
1
3
1