އަންހެނުން ޑިޕްރެޝަންއަށް ދިއުން އެންމެ ގާތީ މާބަނޑު ދުވަސްވަރު: ދިރާސާ
12 ޖެނުއަރީ 2022 - 14:15
ޑިޕްރެޝަންއަކީ މިހާރު ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑިޕްރެޝަންއަށްދާ މާބަނޑު މީހުންނާއި މައިންގެ އަދަދު އިތުރެވެ. މައިންގެ ތެރެއިން %6 މީހުން ޑިޕްރެޝަންއަށްދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މާބަނޑު އަންހެނުންގެ ތެރެއިން %10 މީހުން ނުވަތަ ކޮންމެ 10 މީހަކުން އެކަކު އޭނާގެ މާބަނޑު ދުވަސްވަރުގައި ޑިޕްރެޝަންއަށްދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އަންހެނުން ޑިޕްރެޝަންއަށް ދިއުން އެންމެ ގާތީވެސް މާބަނޑު ދުވަސްވަރުގައެވެ. ވަކިން ޚާއްސަކޮށް ވިހެއުމަށް މަހަކަށް ވެފައި ވަނިކޮށް ނުވަތަ ހަފްތާތަކަށް ވެފައި ވަނިކޮށް ޑިޕްރެޝަންއަށްދާ މާބަނޑު މީހުންގެ އަދަދު އިތުރެވެ.
މާބަނޑު ދުވަސްވަރުގައި ޑިޕްރެޝަންއަށް ދިޔަނަމަވެސް މިއީ އެކަމަށް ފަރުވާ ހޯދައި ރަނގަޅު ވާނެކަމެކެވެ. އެހެންކަމުން ޑިޕްރެޝަންއަށްދާނަމަ އެކަމާއި ގުޅޭގޮތުން ޑޮކްޓަރަށް ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މާބަނޑު ދުވަސްވަރުގައި ޑިޕްރެޝަންގެ މައްސަލަތައް ދިމާވެ އަޅާނުލާދޫކޮށްލައިފިނަމަ މީގެ ނޭދެވޭ އަސަރު ދަޅިފުޅަށް ކުރާނެއެވެ.
މާބަނޑު ދުވަސްވަރުގައި ދިމާވާ ޑިޕްރެޝަންގެ އަލާމާތްތައް:
ޑިޕްރެޝަންއަށްދާ އެކި މީހުންގެ އަލާމާތްތައް ތަފާތުވާނެއެވެ. އެހެންނަމަވެސް އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކަކީ މިއީއެވެ.
- ކެއުމަށް ބަދަލުއައުން: މާގިނައިން ނުވަތަ މާމަދުން ކެއުން
- ނިދުމަށް ބަދަލުއައުން: ނިދަން އުނދަގޫވުން ނުވަތަ މާގިނައިން ނިދުން
- ގައިގައި ވަރުނެތުން
- ދެރަވުން، އުންމީދެއްނެތްކަމުގެ އިޙްސާސްކުރެވުން ނުވަތަ ތިމާއަކީ ބޭނުންނެތް މީހެއްކަމަށް ހީކުރެވުން
- އެއްވެސް ސަބަބަކާނުލާ ރުއިން
- ކުރިން ކުރާހިތްވި ކަންކަމަށް މާބޮޑު ޝައުގުވެރިކަމެއް ނެތުން
ޑިޕްރެޝަންގެ ސަބަބުން މާބަނޑު އަންހެނުންނަށް ކުރާ އަސަރުތަކަކީ ކޮބާ؟
ޑިޕްރެޝަންއަށް އެންމެ އެދެވޭގޮތުގައި މާބަނޑު ދުވަސްވަރުގައި އަޅާނުލެވިއްޖެނަމަ އޭގެ ނޭދެވޭ އަސަރު މާބަނޑު މީހާއަށާއި އަދި ދަރިފުޅަށް ކުރާނެއެވެ. އެގޮތުން އަންހެންމީހާއަށް އޭނާގެ އަމިއްލަ ނަފްސަށް އަޅާނުލެވި، ނުކެވި، ހަށިގަނޑަށް ބޭނުންވާ އަރާމެއް ނުލިބޭނެއެވެ. އަދި ބަނޑުގައިވާ ކުއްޖާ ބައިގެން ދިއުން، ވިހަން ދީފައިވާ ދުވަހުގެ ކުރިން ވިހެއުން، އަދި ކުއްޖާގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ލުއިވުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ.
މާބަނޑު ދުވަސްވަރުގައި ދިމާވާ ޑިޕްރެޝަންގެ މައްސަލައަށް އަޅާނުލެވިއްޖެނަމަ ޕޯސްޓްފާޓަމް ޑިޕްރެޝަންއަށް އަންހެން މީހާ ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ ވިހެއުމަށްފަހު އަންހެނުންނަށް ދިމާވާ ޑިޕްރެޝަންގެ މައްސަލައެކެވެ. މިކަން އެތަކެއް ދުވަހަކަށް ދެމިގެން ހިނގައިދާނެއެވެ. އަދި ޕޯސްޓްފާޓަމް ޑިޕްރެޝަންގެ ސަބަބުން މައިމީހާއާއި ދަރިފުޅާއި ދެމެދުގައި އޮންނަންޖެހޭ ގުޅުމަށް އަސަރުކުރެއެވެ.