އެކަނިވެރިކަމާއި ހިތުގެ ބަލިތަކާ ގުޅިފައި
12 ޖެނުއަރީ 2022 - 14:37
އެކަނިވެރިކަން ތަހައްމަލް ކުރަމުންދާ މީހަކަށް އެއީ ވޭންދެނިވި ކަމެކެއެވެ. އެކަނިވެރިވުމުން ތިމާގެ ފިޒިކަލް އަދި ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އޭގެ އަސަރުކުރެއެވެ. ދާދި ފަހުން އެމެރިކާގައި ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި އެކަނިވެރިކޮށް އުޅުން ނުވަތަ “ލޯންލިނަސް”ގެ ސަބަބުން ދިފާއީ ނިޒާމަށް އޭގެ ނުރަނގަޅު އަސަރުކުރެއެވެ.
އެ ގޮތުން އެ ފަދަ މީހަކަށް ރަނގަޅު ނިދި ނުލިބި، ހިތުގެ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެގެންދެއެވެ. އެކަނިވެރިނަމަ އެކަމުގެ ސަބަބުން މީހާގެ މުޅި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. 2018 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި “ލޯންލިނަސް”އިން “ޑެމެންޓިޔާ”ނުވަތަ ހަދާންނެތުމުގެ ބައްޔަށް ހަށިގަނޑު ހުށަހެޅޭ މިންވަރު އިތުރުވެގެންދެއެވެ.މީގެ އިތުރުން 2020 ވަނަ އަހަރުގެ ދިރާސާއެއް ދައްކާ ގޮތުގައި “ލޯންލިނަސް” މީހުންނަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ ބޮޑުވެގެންދެއެވެ. މި ނޫނަސް ހަށިގަނޑު ފަލަވުން ފަދަ އެތައް ސިއްހީ ނުރައްކަލަށް ތިމާ ހުށަހެޅިގެން ދެއެވެ.
އެކަނި އުޅޭ ނަމަ ނޫނީ އެކަނިވެރިކަން އިހްސާސްވާނަމަ، އެކަން ދަނެގަނެ އެ ކަމަށް ހައްލު ހޯދުމަކީ ވަރަށް މުހިއްމު ކަމެވެ. މި ގޮތުން އެކަނިވެރިކަން ދަނެގަތުމަކީވެސް މުހިއްމު ކަމެކެވެ. އެ ގޮތުން އެކަނިވެރިކަން އިހްސާސް ކުރެވޭނަމަ އެކަން ދިރާސާކޮށް ބަލައި، އެކަމާއި ގުޅޭ މައުލާތުތައް ހޯދުން މުހިއްމެވެ. އެކަނިވެރިކަން ފިލުވާލުމަށް ނޫނީ ފޫހި ފިލުވާލުމަށް ކޮންމެވެސް ޝައުގުވެރިކަން ހުންނަ މަސައްކަތެއް ކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ.
ޓެކްނޮލޮޖީގެ މި ޒަމާނުގައި އޮންލައިންކޮށް ހުރިހާ ކަމެއްވެސް ކުރެވެން ހުރުމާއެކު، ކުރަން ބޭނުންކަމެއް ކޮށްލުން އެއީ އެކަނިވެރިކަން ފިލުވާލުމަށް ކުރެވިދާނެ ކަމެކެވެ. ޝައުގުވެރިކަން ހުންނަ ތިމާ ކުރާ ހިތްވާ ކަންތައްތަކުގައި ގިނަ ވަގުތު ހޭދަކުރާނަމަ، އެކަނިވެރިކަން އިހްސާސްވާ މިންވަރުކުޑަވެގެންދާނެއެވެ. މިސާލަކަށް ކައްކާ ހިތްވާ ކަމަށްވާނަމަ، ކެއްކުމުގައި ވަގުތު ހޭދަކުރުން، ނުވަތަ ބޭކްކުރާ ހިތްވާނަމަ، ބޭކްކުރުން ފަދަ ކަމެއް ކުރެވިދާނެއެވެ.
އެކަނިވެރިކަން އިހްސާސްވާނާމަ އެންމެ ގިނައިން ކުރެވޭ އެއް ކަމަކީ ސޯޝަލް މީޑިޔާއަށް ވަގުތު ހުސްކޮށްލުމެވެ. އަބަދުވެސް ހީވެފައި އޮންނަނީ ސޯޝަލް މީޑިޔާގައި ވަގުތު ހޭދަކޮށްލުމުން އެކަނިވެރިކަން ފިލައިދާނެ ކަމަށެވެ. ނަމަވެސް މިއީ ކުރެވޭ ކުށްހީއެކެވެ. ސޯޝަލް މީޑިޔާގައި ގިނަ ވަގުތު ހޭދަކުރެވޭނަމަ އެއީ މީހުންނާއި ވަކިވެގަނެގަނެގެން އެކަނިވެރިކޮށް އުޅެން ހުށަހެޅިގެންދާ ދޮރެކެއެވެ. އަބަދުވެސް ކޮންމެ ކަމަކަށްވެސް އޮންނަ އެންމެ ރަނގަޅު ހައްލަކީ އެހެނިހެން މީހުންގެ އެހީތެރިކަން ހޯދުމެވެ. އެކަނިވެރިކަން އިހްސާސް ކުރެވޭ ނަމަ ރަހްމަތްތެރިން ހޯދައި، އެ މީހުންނާއި އެކު ވަގުތު ހޭދަކޮށްލުމަކީ ކުރެވޭނެ ރަނގަޅު ކަމެކެއެވެ. މީހާ ސޯޝަލައިޒް ވުމަކީ އެކަނިވެރިކަން އިހްސާސް ކުރެވޭނަމަ އެކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަމެކެއެވެ.