އާންމުތަނެއްގައި ހުއްޓާ ޕެނިކް އެޓޭކް އައުމުން ކަންތައް ކުރަންވީ މިހެން
13 ޖެނުއަރީ 2022 - 11:57
ޕެނިކް އެޓޭކްއަކީ ކުއްލިއަކަށް މާބޮޑަށް ބިރުގަނެ ނުވަތަ ހިތްނުތަނަވަސްކަމެއް އައުމެވެ. ޕެނިކް އެޓޭކް 10 މިނެޓަށް ނުވަތަ އެއަށްވުރެ ގިނަ އިރަށްވެސް އައިސްދާނެއެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އެމެރިކާގައި ހެދި ހޯދުންތަކެއްގައި ދައްކާގޮތުން އެ ޤައުމުގެ %22.7 މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ޕެނިކް އެޓޭކްއާއި ކުރިމަތިލާންޖެހެއެވެ.
ފެނިކް އެޓޭކް އަންނައިރު ބިރުގަނެ ހާސްވުމުގެ އިތުރުން މީހާއަށް ކުރިމަތިވާ އެހެން ބައެއް އަލާމާތްތަކުގެ ތެރޭގައި ހިތުގެ ތެޅުން އަވަސްވުން، މީހާ ތުރުތުޅު އެޅުން، ނޭވާލާން އުނދަގޫވުން، ބޮލުގައި ރިއްސުން، މޭގައި ރިއްސުން ފަދަ ކަންތައްތައް ދިމާވެދާނެއެވެ.
ފިރެހެނުންނަށްވުރެ ބޮޑަށް ޕެނިކް އެޓޭކްއަންނަނީ އަންހެނުންނަށްކަމަށް ހޯދުންތަކުން ދައްކައެވެ. އަދި މިއީ ބައެއް ފަހަރު އާއިލީގޮތުން ގުޅިފައިވާކަމެކެވެ. އާއިލާގެ މީހުންނަށް ޕެނިކް އެޓޭކް އަންނަނަމަ އެހެން މީހުންނަށްވެސް މިކަން ދިމާވުން ގާތެވެ. އަދި މީގެއިތުރުން ޑިޕްރެޝަންގައި އުޅޭ މީހުން، ޑްރަގް ބޭނުންކުރުން، އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅޭ މީހުންނަށް ޕެނިކް އެޓޭކް އައުން ގާތެވެ.
ބައެއް ފަހަރު އާންމު ތަނެއްގައި ހުއްޓައިވެސް ޕެނިކް އެޓޭކްއެއް އަތުވެދާނެއެވެ. އެފަދަ ހާލަތްތަކުގައި މީހާ ވަރަށް ބޮޑަށްވެސް ހާސްވެއެވެ. ނަމަވެސް އާންމު ތަނެއްގައި ހުއްޓައި ޕެނިކް އެޓޭކްއެއް އަންނަމަ ކަންތައް ކުރެވިދާނެ ގޮތްތައްވެސް ހުރެއެވެ.
- ވަށައިގެންވާ މާހައުލަށް ކޮންފަޓަބަލްވުން
ބޭރުގައި އުޅެނިކޮށް ޕެނިކް އެޓޭކެއް އައިސްފިނަމަ އެންމެ ފުރަތަމަވެސް ހަމަޖެހިލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެމާހައުލަކީ ތިމާއަށް ރައްކާތެރިކަމުގެ އިހްސާސް ކުރެވޭ ތަނަކަށްވުން ވަރަށް މުހިންމެވެ. އެހެން މީހުން ތިމާއަށް ބަލައި ޖަޖްކުރާކަމުގެ އިހްސާސްވާނަމަ ޕެނިކް އެޓޭކް އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.
- ފެނިކް އެޓޭކް އަންނަން އުޅޭކަން ދެނެގަނޭ
މީހާއަށް އަންނަ އަލާމާތްތަކަށް ބެލުމަށްފަހުގައި ޕެނިކް އެޓޭކްއެއް އަންނަން އުޅޭކަން ކުރިއާލާ ދެނެގަނެވުމަކީ އާންމު ތަނެއްގައި އުޅޭއިރު ޕެނިކް އެޓޭކްއިން ބޮޑުވަރުވުމުން ދުރުކޮށްދޭނެކަމެކެވެ.
- މީހުންނާއި އެކަހެރިވެލުން
މީހުން ގިނަ ތަނެއްގައި ހުއްޓައި ޕެނިކް އެޓޭކެއް އަންނަމަ މީހުން ގިނަވެފައިވާތަނުން ދުރަށްޖެހިލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މީހުން އެއްވެފައިއޮތް ތަނެއްގައި ހުއްޓައި ޕެނިކް އެޓޭކް އައިސްފިނަމަ މީހުން އޭނާއާއިމެދު ދެކޭނެގޮތް ވިސްނާފައި އިތުރަށް އަސަރުކުރުމަކީ ވެދާނެކަމެއްކަމަށްވާތީއެވެ.
- ނޭވާލުން
ޕެނިކް އެޓޭކް އަންނައިރު މީހާއަށް ނޭވާލުމަށް އުނދަގޫވާނެއެވެ. އަދި ހާޓް އެޓޭކެއް ޖެހެން އުޅޭކަމުގެ އިހްސާސްކުރެވޭނެއެވެ. އެހެންކަމުން ފުންކޮށް ނޭވާލުމުން މިކަމަށް ލުއެއް ލިބޭނެއެވެ.
- ތިމާ އިތުބާރުކުރާ މީހަކަށް އަންގާލާ
ޕެނިކް އެޓޭކްއެއް އައުމުން އެހެން މީހަކަށް އެކަން އަންގާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް އޮފީހުގައި ހުއްޓައި ފެނިކް އެޓޭކެއް އައުމުން އެކުގައި މަސައްކަތްކުރާ މީހަކަށް އަންގާލުމުން ތިމާގެ މަސައްކަތް އޭނާއަށް ކޮށްލެވޭނެއެވެ. އަދި ޕެނިކް އެޓޭކް އައުމުން އެހެން މީހަކަށް އަންގާލުމުން އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ.