ވަގުތު މެނޭޖްކުރުމަށް ދަރިވަރުންނަށް ދޭ 4 ނަސޭހަތެއް
15 ޖެނުއަރީ 2022 - 12:39
ވަގުތު ނެތިގެން މިވެނި އެވެނި ކަމެއް ނުވެގެން އުޅޭ ވާހަކަ ވަރަށް ގިނައިން އަޑުއިވެއެވެ. ޚާއްސަކޮށް ކޮލެޖްތަކުގައި އުޅޭ މީހުންނަށް ވަގުތު ނުވާ ވާހަކަ ވަރަށް ގިނައިން އަޑުއިވެއެވެ. ނަމަވެސް ވަގުތަކީވެސް މެނޭޖްކޮށްގެން ހޯދޭނެ އެއްޗެކެވެ. ކޮލެޖްގައި ކިޔަވަން އުޅޭއިރު ވަގުތު މެނޭޖްކުރަން އިނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިއީ ވަގުތު މެނޭޖްކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
- ޓެކްނޮލޮޖީގެ ބޭނުންކުރޭ
ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް ކޮންމެ ކަމެއްވެސް މިހާރު ވަނީ ނުހަނު ފަސޭހަވެފައެވެ. އަތުގައި އޮންނަ ފޯނުން ގިނަ ކަންތައްތައް ކޮށްލެވެއެވެ. ކޮލެޖްގައި އުޅޭ ކުއްޖަކު ވަގުތު ނުވެގެން އުޅޭނަމަ ގޫގުލް ކަލަންޑަރ އަކީ ބޭނުންކޮށްލެވިދާނެ މުހިންމު އެއްޗެކެވެ. އޭގައި މުހިންމު ސުންގަޑިތަކާއި ކަންކަން ނިންމަން ބޭނުންވާ ދުވަސްތައް ކަނޑައަޅާށެވެ. އަދި ރިމައިންޑަރވެސް ލެވިދާނެއެވެ. އެއިރުން ގަޑިއަށް ކަންކަން ކުރަން ހަނދާންވާނެއެވެ.
- ކްލާސް ކެންސަލް ނުކުރޭ
ބައެއް ފަހަރު ކްލާސް ކެންސަލް ކުރުމަކީ އެންމެ މޮޅު ގޮތްކަމަށް ބައެއް މީހުންނަށް ވިސްނެއެވެ. އެއިރުން އެހެން ކަންކަން ކުރުމަށް ވަގުތު ލިބޭނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކްލާސް ކެންސަލް ކޮށްފިނަމަ އެކުލާހުގައި މިސްވި ލެކްޗަރއާއި އެނޫންވެސް ކަންތައްތައް ހޯދުމަށް އިތުރަށް ވަގުތު ބޭނުންވެއެވެ.
- ކުރީބައިގައި ލެކްޗަރ ކިޔުން
ކުރިއާލާ ކިޔުމަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ނެތް އާދައެކެވެ. ނަމަވެސް ކްލާހަށް ދިއުމުގެ ކުރިން އެދުވަހެއްގެ ކުލާހުގައި ކިޔަވައިދޭ ލެކްޗަރއަކާއި ގުޅޭގޮތުން ކުރިއާލާ ކިޔާލުމަކީ ރަނގަޅަށް ލެކްޗަރ ދަސްވެ ފަހަށް ފަސޭހަވެގެންދާނެކަމެކެވެ.
- ރަނގަޅަށް ނިދުން
މިއީ ބައެއް މީހުންނަށް ގަބޫލުކުރަން އުނދަގޫ ކަމަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ވަގުތު މެނޭޖްކުރަން ބޭނުންނަމަ ކޮލެޖްގައި އުޅޭ މީހަކު ރަނގަޅަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަނގަޅަށް ނުނިދައި ކްލާހަށް ގޮސްފިނަމަ ކުލާހުގައި ދައްކާ ވާހަކައަށް އޭނާއަށް ސަމާލުކަމެއް ނުދެވޭނެއެވެ.