ޑިޕްރެޝަންއަށް އަމިއްލަ މީހާ ދާއިރު ބައެއް ފަހަރު ނޭންގޭ

31 ޖެނުއަރީ 2022 - 15:53

ޑިޕްރެޝަން ނުވަތަ ހިތާމަކުރުމުގެ ބައްޔަކީ ދިވެހިންގެ ތެރޭގައިވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. މިއީ ދިގުދެމިގެންދާ ކަމަކަށް ވެދާނެއެވެ. ނުވަތަ އައިސްގޮސްވާ ކަމަކަށްވެސް ވެދާނެއެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. ޑިޕްރެޝަންއަށް ގޮސްފައިވާމީހެއްގެ ކިބައިން ފެންނާނެ އަލާމާތްތަކެއް ހުރެއެވެ. އެގޮތުން އަމިއްލައަށް ތިމާ ޑިޕްރެޝަންއަށް ގޮސްފައިވާކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟

  • އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުން

ޑިޕްރެޝަންއަށް ގޮސްފައިވާ މީހަކު އޭނާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެއެވެ. މި ހާލަތުގައި ސިކުނޑިއަށް ތަފާތު ހިޔާލުތައް އައިސް ތިމާއަކީ ބޭކާރު އެއްވެސް އަގެއްނެތް މީހެއްކަމަށް ބެލެވެއެވެ.

advertisement
  • ވަރުބަލިވެ، ގޮތްހުސްވުން

ޑިޕްރެޝަންއަށް ގޮސްފައިވާ މީހަކު އަބަދު ހުންނާނީ ވަރުބަލިވެފައެވެ. ކިތަންމެ ވަރަކަށް އަރާމުކުރިއަސް އޭނާއަށް ވަރުބަލިކަމުގެ އިހްސާސް ކުރެވޭނެއެވެ.

  • ހިތްހަމަޖެހުމެއް ނުލިބުން

ކުރިން ގަޔާވެގެން ކުރަމުން އައި ކަންކަމަށް މީހާގެ ޝައުގުވެރިކަން ގެއްލުމާއި ކުރިން އެކުގައި އުޅުނު މީހުންދެކެ ފޫހިވުމަކީ ޑިޕްރެޝަންއަށް ގޮސްފައިވާކަމުގެ އަލާމާތެކެވެ.

  • ހިތާމަވެރި ކަންކަމާއިމެދު ވިސްނުން

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ހިތާމަވެރި ކަންތައްތައް ދިމާވާނެއެވެ. އަދި އަމިއްލައަށް ގޯސްތައްވެސް ހެދޭނެއެވެ. ނަމަވެސް ދިރިއުޅުމައިގެން ކޮންމެ މީހަކުވެސް ކުރިއަށްދާނެއެވެ. ނަމަވެސް ޑިޕްރެޝަންއަށް ގޮސްފައިވާ މީހަކު މާޒީގައި ވެފައިވާ ހިތްދަތި ކަންތައްތަކާއި ނުވަތަ ގޯސްތަކާއިމެދު އަބަދު ވިސްނައި އަބަދުވެސް ހުންނާނީ މާޔޫސްވެފައެވެ. މޫނުމަތިން އެއްވެސް އުޖާލާކަމެއް ނުފެންނާނެއެވެ.

  • ބަރުދަނަށް ކުއްލިއަކަށް ބަދަލުއައުން

ޑިޕްރެޝަންއަށް ގޮސްފައިވާ މީހެއްގެ ކެއުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އޭގެތެރޭގައި މާގިނައިން ކެއުން ނުވަތަ އެއްގޮތަކަށްވެސް ކާހިތްނުވުން ހިމެނެއެވެ. އެހެންކަމުން ކުއްލިއަކަށް ބަރުދަނަށް ބަދަލުއުމަކީ އެކަށީގެންވާކަމެކެވެ.

  • އަމިއްލަ ނަފްސަށް އަނިޔާދިނުން

ޑިޕްރެޝަންގެ ސަބަބުން މީހާއަށް އަންނަ ތަފާތު ހިޔާލުތަކާއި ބަދަލުތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ދިމާވާ ކަމެކެވެ. މީހަކު ޑިޕްރެޝަންގައި މިފަދަ ހާލަތަކަށް ދާނަމަ އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ހޯދުމަކީ ވަރަށް މުހިންމުކަމެކެވެ.

ރިއެކްޝަންސް
0
2
1
5
2
0
1