އާއިލީ ގުޅުން ރަނގަޅުނަމަ ތިމާގެ ސިއްހަތުން އެކަން އިނގޭނެ
2 ފެބުރުއަރީ 2022 - 12:45
އާއިލީ ގުޅުމަކީ ވަރަށް މުހިންމު އެއްޗެކެވެ. މި ދުނިޔޭގައި ތިމާއަށް ހެޔޮއެދޭނީ ތިމާގެ އާއިލާއޭ މިއީ ވަރަށް ގިނައިން އަޑުއިވޭ ވާހަކައެވެ. އާއިލީ ގުޅުން ދެމެހެއްޓުމަށްވެސް އިސްލާމްދީން ބާރުއަޅައެވެ. މިކަމުގެ ސަބަބުތައްވެސް ގިނަގުނައެވެ. މީގެ ސަބަބުންވެސް އެނގި ހާމަވެގެންދަނީ އެއީ ވަރަށް މަތިވެރި ގުޅުމެއްކަމެވެ.
އާއިލީގުޅުން ވަރުގަދަވުމަކީ ތިމާގެ ސިއްހަތައްވެސް އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރުވާނެކަމެއްކަމަށް ޔުނިވަރސިޓީ އޮފް ޓެކްސަސް ސަދަންވެސްޓް މެޑިކަލް ސެންޓަރއިން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. އަދި އާއިލީގުޅުން ވަރުގަދަވުމަކީ ތިމާވެ ވަށައިގެންވާ ކަންކަންވެސް އުފާވެރިކޮށް އުޖާލާކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.
މި ދިރާސާގައި ވަނީ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ކުދިންނާއި އަދި އެނޫންވެސް އާއިލީ މެންބަރުންނާއިމެދު އޮންނަގުޅުން ވަރުގަދަނަމަ އުމުރުން ދުވަސްވާއިރުވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގުފަހިވެގެންދާކަމަށެވެ. ހަމަގައިމުވެސް ރަނގަޅު އާއިލީ ގުޅުމެއް އޮންނަނަމަ އެމީހަކު ވާނީ ވަރަށް އުފާވެރި މީހަކަށެވެ. މީހަކު އުފާވެރިކޮށް ހިތްހަމަޖެހިގެން ހުންނަމަ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެދޭނެއެވެ.
މި ދިރާސާއިން ދައްކާގޮތުގައި ހަޔާތުގެ ބައިވެރިޔާއާއިމެދު އޮންނަ ގުޅުމުގެ ސަބަބުން ސިއްހަތައް މާބޮޑު އަސަރެއް ނުކުރާކަމަށް ދައްކައެވެ. ނަމަވެސް މީގެ މާނައަކީ ވަރަށް ގާތް ރަހުމަތްތެރިން ނުވަތަ ބައިވެރިޔާއާއި އޮންނަ ގުޅުމުގެ ސަބަބުން ސިއްހަތައް އަސަރުނުކުރާނެއެކޭ ނޫނޭކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.
މިދިރާސާގައި 2800 މީހުން ވަނީ ބައިވެރިކޮށްފައެވެ. މި ދިރާސާކޮށްފައިވަނީ 1995 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. ދިރާސާގައި ބައިވެރިވި ބައިވެރިން 3 ފަހަރެއްގެ މަތިން ވަނީ ސުވާލުތަކަށް ޖަވާބުދީފައެވެ. ދިރާސާގައި ކޮށްފައިވާ ބައެއް ސުވާލުތަކަށް ބަލާލާއިރު ކަމެއް ދިމާވުމުން އާއިލާއަށް ޑިޕެންޑް ވެވެނީ ކިހާވަރަކަށްތޯއާއި، ކަންކަމުގައި ބައިވެރިޔާ ބައިވެރިނުކުރުމުން އާއިލާއިން ކްރިޓިސައިޒް ކުރަނީ ކިހާވަރަކަށްތޯއާއި، ބައިވެރިޔާއާއި ދެބަސްވަނީ ކިހާ މިންވަރަކަށްތޯ ފަދަ ސުވާލުތައް ވަނީ ކޮށްފައެވެ.