ކޮލެސްޓްރޯލްގެ ސަބަބުން ލޮލަށްވެސް ގެއްލުންވޭ
13 ފެބުރުއަރީ 2022 - 14:07
ކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ(ސަރުބީއެކުލެވޭ) މާއްދާ އެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ.
އިންސާނާގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެގޮތުން، އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. މިބުނި މަސައްކަތްތައް ހިންގުމަށް ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ. ކޮލެސްޓްރޯލް އުފައްދަނީ މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.
ކޮލެސްޓްރޯލްގެ ސަބަބުން އިންސާނާގެ ހިތައް ގެއްލުން ލިބޭކަން ގިނަ މީހުންނަށް އިނގެއެވެ. ނަމަވެސް ކޮލެސްޓްރޯލްގެ ސަބަބުން އިންސާނާގެ ލޮލަށް ގެއްލުން ލިބޭކަން އިނގެނީ މަދު ބަޔަކަށެވެ. ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވުމުގެ ސަބަބުން ލޮލުގެ މަތި (އައިލިޑް) އަށް ދޮންފާޑުގެ ކުލައެއް އަރައެވެ. މިކަން ވާގޮތަކީ ކޮލެސްޓްރޯލްގެ ސަބަބުން ސަރުބީއެއްކަމަށްވާ ޒެންތެލަސްމާ ކިޔާ ބާވަތެއް ލޮލުގެ މައްޗަށް ޖަމާވެއެވެ. މިއީ ހަށިގަނޑަށް ވަރަށް ނުރައްކާ ބާވަތެކެވެ.
ސަރުބީ މަތިވުމަށް ފަރުވާކުރަނީ ކިހިނެއް؟ ސަރުބީ ދަށްކުރުމަށް މަސައްކަތްކުރުމުގެ މައިގަނޑު އަމާޒަކީ ހަށިގަނޑުގައި ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް، ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމެވެ. ސަރުބީ ދަށްކުރުމަށް ދެގޮތެއް އޮވެއެވެ. އެއީ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ސަރުބީ ނެތް ކެއުމެއް ޚިޔާރު ކުރުމާއި، ސަރުބީ ދަށްކުރުމަށްދޭ ބޭސް ބޭނުން ކުރުމެވެ.