ބައިވެރިޔާއަށް ފައިސާ ފޮރުވުމަކީ ކޮންކަހަލަ ކަމެއް؟
14 ފެބުރުއަރީ 2022 - 14:18
ކައިވެނީތަކުގައި މަކަރުހަދާ އޮޅުވާލުމުގެ ވާހަކަތައް އަހަރެމެން ވަރަށް ގިނައިން އަޑުއަހަމެވެ. އެހެން މީހެއް ކައިރިއަށް ދިއުމަށް ބައިވެރިޔާ މަކަރު ހަދާ ވާހަކައެވެ. ނަމަވެސް ކައިވެނި ރޫޅެނީ ހަމައެކަނި މިގޮތައް ހަދާ މަކަރުތަކުގެ ސަބަބުންނެއްނޫނެވެ. ފައިސާގެ ގޮތުން ބައިވެރިޔާއަށް މަކަރުހެދުމަކީވެސް ގިނަ ކައިވެނިތައް ރޫޅެން ދިމާވާ ސަބަބެކެވެ.
އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާގޮތުން އެ ގައުމުގައި ކައިވެނިކޮށްގެން އުޅޭ ކޮންމެ 3 މީހަކުން 1 އަކު ބައިވެރިޔާއަށް ފައިސާގެ ކަންކަމުގައި މަކަރުހަދާ އޮޅުވާލައެވެ. މިއީ ކައިވެނިތައް ރޫޅުމަށް މަގުފައިވާ ކަމެކެވެ.
ދިރާސާއިން ދައްކާގޮތުގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން ފައިސާ ފޮރުވާފައި ހުންނަކަމަށް %58 މީހުން ދޮގުހަދައެވެ. އަދި ބައެއް ތަކެތި ގަތުމަށްފަހު ބައިވެރިޔާއަށް ފޮރުވާ މީހުންގެ އަދަދަކީ %54 އެވެ.
މީގެއިތުރުން %30 މީހުން ބައިވެރިޔާއަށް އެއްޗެހި ގަތުމަށްފަހު ފޮރުވައެވެ. އަދި ބައެއް ކުދިކުދި އެއްޗެހި ބައިވެރިޔާއަށް ނޭންގޭގޮތައް ގަންނަ މީހުންގެ ނިސްބަތް އުޅޭނީ %16 ގައެވެ. %15 މީހުން ބައިވެރިޔާއަށް ނޭންގި އެމީހުންގެ ބޭންކް އެކައުންޓެއް ހުންނަކަމަށް ވަނީ ބުނެފައެވެ. އަދި %11 މީހުން އެމީހުންނަށް ލިބޭ އާމްދަނީގެ އަދަދާއި ގުޅޭގޮތުން ބައިވެރިޔާއަށް އޮޅުވާލައެވެ.
ފެމިލީ ތެރަޕިސްޓެއްކަމަށްވާ ކާލެޓަން ބުނެފައިވާގޮތުގައި ތިމާއަށް ލިބޭ އާމްދަނީ ބައިވެރިޔާއަށް އޮޅުވާލުމަކީ މިހާރަކަށްއައިސް ކައިވެނިތައް ރޫޅެން މެދުވެރިވާ އެއް ސަބަބުކަމަށެވެ. އާމްދަނީއާއި ބެހޭގޮތުން ބައިވެރިޔާއަށް އޮޅުވާލުމުގެ ބައެއް ސަބަބުތައް އެބަހުއްޓެވެ. ކާލެޓަން ބުނާގޮތުގައި އޭގެތެރޭގައި ކޮންޓްރޯލްކޮށްފާނެކަމަށް ހީވުމާއި، ގިލްޓް ފީލްވުމާއި އަދި ބައިވެރިޔާދެކެ ގަންނަ ބިރު ހިމެނެއެވެ.
ތިބާއަކީ އާމްދަނީއާއި ބެހޭގޮތުން ބައިވެރިޔާއަށް އޮޅުވާލާ މީހެއްނަމަ މިއީ ވާހަކަދައްކަންވީ ވަގުތެވެ. މިކަމާއި ގުޅޭގޮތުން ބައިވެރިޔާއާއި ވާހަކަދައްކާށެވެ. އަދި މާޒީގައި އޮޅުވާލެވިފައިވާނަމަ އެކަމާއި މައާފަށްއެދި 2 މީހުން ވާހަކަަދައްކާ ހައްލު ހޯދުމަށް މަސައްކަތްކުރާށެވެ.