ކައިވެނިކުރުމުގެ ކުރިން ބައިވެރިޔާއާއި ގުޅޭ މައުލޫމާތު ހޯދުން މުހިންމު
6 މާޗް 2022 - 15:06
ކައިވެނި ކުރުމަށްފަހު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އާދެއެވެ. ކައިވެނި ކުރާ ބައިވެރިޔާއަކީ މުޅި އުމުރުގައި އެކުގައި އުޅޭ މީހާއެވެ. ކައިވެންޏަށްފަހުގައި ތިމާގެ ދިރިއުޅުމަށް މުޅިން އައު މީހަކު އައީއެވެ. އެހެންކަމުން ކައިވެނި ކުރުމުގެ ކުރިން ބައިވެރިޔާއާއި ގުޅޭ މުހިންމު މައުލޫމާތުތައް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެއްގޮތަކަށްވެސް މިއީ ސްޕައި ކުރުމެއް ނޫނެވެ. ކައިވެނި ކުރުމުގެ ކުރިން މި އިނދެވެނީ ކޮންކަހަލަ މީހަކަށްތޯ ތިމާއަށް އިނގިފައި ކޮންމެހެން އޮންނަންޖެހެއެވެ. އެގޮތުން ކައިވެނީގެ ކުރިން ބައިވެރިޔާއާއި ބެހޭގޮތުން ކޮންމެހެން ހޯދަންޖެހޭ މުހިންމު މައުލޫމާތުތައް ހިމަނާލާނަމެވެ.
އާމްދަނީ ބެލުން
ކައިވެންޏެއް ކުރުމުގެ ކުރިން ބައިވެރިޔާއަށް ލިބޭ އާމްދަނީ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ޙާއްސަކޮށް އަންހެނެއްނަމަ ތިމާ އިންނަން ތިޔަ ތައްޔާރުވާ މީހާއަށް ލިބޭ އާމްދަނީ ކޮންމެވެސް ވަރަކަށް ބަލާލާށެވެ. ސަބަބަކީ އެއީ ތިމާގެ މުޅި ދިރިއުޅުން އެކުގައި ފަށަން ތައްޔާރުވާ މީހާއަށް ވާތީއެވެ. ފިރެހެން މީހާއަކީ ތިމާއަށް މާލީގޮތުން ހަރަދުކުރެވޭނެ ތަނަވަސްކަން ހުރި މީހެއްތޯ ބަލާ ޔަޤީންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ އާއިލާތައް ރޫޅޭ މައިގަނޑު ސަބަބަކަށް ފައިސާ ވެއެވެ. ފައިސާނެތްނަމަ މައްސަލަތައް ޖެހުންވެސް ގިނަވެއެވެ. މާމުއްސަނދިމީހެއްތޯ ޔަޤީންނުކުރިއަސް އުޅެލެވޭ ވަރަށް އާމްދަނީ ލިބޭތޯ ޔަޤީންކުރާށެވެ.
މާޒީބެލުން
ބައެއް މީހުންނަކީ ކުރިން އެހާ ރަނގަޅަށް އުޅެފައި ހުންނަ ބަޔަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ދިރިއުޅުން ފަށާ ބައިވެރިޔާއާއި ގުޅޭގޮތުން އޭނާގެ މާޒީއާއި ގުޅޭގޮތުން ހޯދާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރިއުޅުން ފެށުމުގެ ކުރިން 2 މީހުން 2 މީހުން ދަސްކުރުމަށެވެ. ނަމަވެސް ކުރިން ކޮށްފައި ހުރި ކަންކަމަށް މިހާރު ޖަޖްކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެއެވެ. އެހެންކަމުން ބައިވެރިޔާ ބަދަލުވެފައިވާނަމަ އެކަންކަމާއި އަޅާނުލައި ދޫކޮށްލާށެވެ.
ކުރީގެ ކައިވެންޏާއި ގުޅޭގޮތުން ބެލުން
ކުރީގައި ކައިވެންޏެއް ކޮށްފައިވާނަމަ އެކައިވެނީގެ ޤާނޫނީ ހުރިހައި ކަމެއް ނިމިފައިވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއިރުން ފަހުން ކައިވެނި ކުރަން އުޅޭއިރު ދިމާވެދާނެ އެންމެހައި ކަންކަމުން ސަލާމާތްވާނެއެވެ.
ކުއްތަކާއި ގުޅޭގޮތުން ބެލުން
ކައިވެނިކުރަން އުޅޭ މީހާއަކީ ކުށެއް ކޮށްފައިވާ މީހެއްތޯ ނުވަތަ ގެވެށި އަނިޔާގެ ރެކޯޑެއް އޮތް މީހެއްތޯ ނުވަތަ އެފަދަ ކަމެއް ކޮށްފާނެ މީހެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.