ރިޕޯޓު: ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި!

7 މާޗް 2022 - 11:42

ބަވަނަވެފައިވާ މި ޒަމާނުގައި ދުނިޔޭގެ ކޮންމެ ތާކު ހިނގާ ކަމަކުން ވެސް ގައުމުތަކަށް އަސަރުކުރެއެވެ. ހާއްސަކޮށް ބޭރުގެ އެކި ކަންކަމަށް މުޅިންހެން ބަރޯސާވެފައިވާ ރާއްޖެ ފަދަ ގައުމުތަކަށް ކުރާ އަސަރު ބޮޑެވެ. އެއީ ގުދަރަތީ ކާރިސާއެއް ކަމަށް ވިޔަސް ނުވަތަ ހަމަނުޖެހުމާއި ހަނގުރާމައެއް ކަމުގައި ވިޔަސްމެއެވެ. މި ދުވަސްވަރަކީ އެފަދަ ހަނގުރާމައެއްގެ ދުވަސްވަރެވެ. ރަޝިޔާ އިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ވިލާގަނޑު ވަނީ ބޯވެފައެވެ. ރާއްޖެ އަށް ވެސް މި ވަނީ އެ ހަނގުރާމައިގެ ވިލާގަނޑުގެ ދަށުވެ، ބަނަ ދުވަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުވެފައެވެ.

ޗައިނާ މާކެޓު ގެއްލި ރަޝިޔާ މަކެޓުވެސް ގެއްލެނީ

ޗައިނާގެ ވޫހާން ސްޓޭޓުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެތުރިގެން އައި ކޮވިޑް ބަލީގައި ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އައެވެ. ދެ އަހަރަށް ވުރެ ގިނަ ވެގެން ދިޔައިރު ވެސް އެ ބަލިމަޑުކަމުން އަރައިނުގަނެވި، ރާއްޖޭގެ އިގްތިސާދީ ހާލަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. އެ ބަލީގެ އަސަރު 2020 ވަނަ އަހަރުގެ މާޗް މަހު ރާއްޖެ އަށް ކުރުމާ ހަމައަށް ޗައިނާއަކީ ރާއްޖޭގެ ޓުއަރިޒަމް މާކެޓްގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ގައުމެވެ. ޗައިނާ އިން އެ ގައުމުގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެ ގައުމުން ޓުއަރިސްޓުން އައުން ހުއްޓުމުން ފާއިތުވި ދުވަސްތަކުގައި ރާއްޖެ އިން ވަރަށް ބޮޑަށް އިންޑިއާ އާއި ޔޫރަޕްގެ މާކެޓަށް އަމާޒު ހިފިއެވެ. ހާއްސަކޮށް ރަޝިޔާ އާއި ޔޫކްރެއިންއެވެ. ދެ ގައުމު އެއްކޮށް ބަލާ ނަމަ އެއީ ރާއްޖެ އަށް އެންމެ ގިނައިން ޓުއަރިސްޓުން އައި ސަރަހައްދެވެ.

advertisement

ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެ ޒިޔާރަތްކުރި 131،000 ޓުއަރިސްޓުންގެ ތެރެއިން ރަޝިޔާ އިން އެކަނި ވެސް 21،000 ޓުއަރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. އެއް ގައުމަކުން އެންމެ ގިނައިން ޓުއަރިސްޓުން އައިސްފައި ވަނީ ވެސް ރަޝިޔާއިންނެވެ. ޖެނުއަރީ މަހު ޔޫކްރެއިނުން 5،000 އާ ގާތްކުރާ ވަރަކަށް ޓުއަރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު މި ދެ ގައުމު ހިމެނޭ ސެންޓްރަލް އަދި އީސްޓަން ޔޫރަޕްގެ ގައުމުތަކުން ޖުމްލަ 44،000 އަށް ވުރެ ގިނަ ޓުއަރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ނިމިދިޔަ ފެބްރުއަރީ މަހު ހަނގުރާމަ ފެށުމާ ހަމައަށް ވެސް ރަޝިޔާ އިން ގިނަ ބަޔަކު ދިޔައީ ރާއްޖެ އަންނަމުންނެވެ. ހަނގުރާމަ ފެށުމާ ގުޅިގެން އެނބުރި ގައުމަށް ނުދެވި ވެސް 300 ވަރަކަށް މީހުން ރާއްޖޭގައި ތާށިވެފައި އެބަ ތިބި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ. ހަނގުރާމައާ އެކު ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ވިޔަފަޅުތަކާ އެކު ފްލައިޓްތައް ވަނީ ހުއްޓާލާފައެވެ. ރަޝިޔާ އަދި އިރުމަތީ/ ސެންޓްރަލް ޔޫރަޕުން ރާއްޖެ އަށް އެންމެ ގިނައިން ޓުއަރިސްޓުން އުފުލާ އެއަރޯފްލޮޓްގެ ދަތުރުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. އަދި އެ ސަރަހައްދުން ޓުއަރިސްޓުން އައުން ވަނީ ހުއްޓިފައެވެ. މިއީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ.

ޓުއަރިޒަމްގެ މިސްރާބު އަނެއްކާވެސް ބަދަލުކުރަން ޖެހޭ

ކޮވިޑާ ހަމައަށް ރާއްޖޭގެ ޓުއަރިޒަމްގެ މިސްރާބު ޗައިނާ އަދި އިންޑިއާގެ މާކެޓަށް ވަރަށް ބޮޑަށް ދީއްލާލާފައި އޮތް ނަމަވެސް ލޮކްޑައުންއަށް ފަހު އަލުން ރާއްޖެ ހުޅުވައިލީ މިއިން ޒަމާނަކު ޗައިނާ އިން ޓުއަރިސްޓުން ނާންނާނެ ކަމަށް ބަލައިގެންނެވެ. ޔޫރަޕްގެ ބޮޑެތި މާކެޓްތަކުގައި އިސްތިހާރުކުރުމަށް އިސްކަންދީގެންނެވެ. ޓުއަރިޒަމަށް މުޅި އިގްތިސާދު ބިނާވެފައިވާ އިރު ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް އެޅިފައިވާ ހިޔަނިން ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް މާކެޓްގެ މިސްރާބު މިހާރު މި ވަނީ އަނެއްކާ ވެސް ބަދަލުކުރަންޖެހިފައެވެ. އިރުމަތީ އޭޝިޔާގެ ގައުމުތަށް މަޑުމަޑުން ދަނީ ހުޅުވަމުންނެވެ. މެލޭޝިޔާ އާއި ފިލިޕީންސް ފަދަ ގައުމުތަކުގެ ބޯޑަރު އެއްކޮށް ހުޅުވާލަން އަދިވެސް ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މެންދުފަންތީގެ ޓުއަރިޒަމް ފުޅާކުރުމަށް މިއީ މުހިންމު މާކެޓްތަކެކެވެ. މީގެ އިތުރުން މެދުއިރުމަތީ އަދި އަރަބި ގައުމުތަކުގެ ޓުއަރިސްޓުން އިތުރުކުރުމަށް ވެސް ރާއްޖެ އިން ވިސްނަންޖެހެއެވެ.

ރަޝިޔާ ހަނގުރާމައިގެ އަސަރު މުޅި ޔޫރަޕުން ދަނީ ފެންނަމުންނެވެ. ތެލުގެ އަގު އިންތިހާ އަށް ބޮޑުވުމުގެ ބިރު ވަނީ ހީވެފައެވެ. ރަޝިޔާގެ މަހުޖަނުންނާއި އެ ވިޔަފާރިތަކާ ގުޅިފައިވާ ޔޫރަޕްގެ އެހެން އެތައް ގައުމުތަކެއްގެ ވެސް ވިޔަފާރިވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މާލީ މުއާމާލާތްތައް ވަނީ ހުއްޓިފައެވެ. އެހެންކަމުން މި ހަނގުރާމައިގެ އަސަރު ހީކުރާ ވަރަށް ވުރެ ވެސް ބޮޑުވާނެއެވެ. އަދި ހަނގުރާމަ ދެމިގެންދާނީ ކިހާ ދުވަހަކަށް ކަން ނޭނގޭތީ އާއި މިސްރާބަކީ ކޮބައިކަން އަންދާޒާކުރަން ވެސް ދަތިވުމުން މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. މިކަމުން އަރައިގަތުމަށް މުޅި އިންޑަސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި މަސައްކަތްކުރި ފަދައިންނެވެ. އެކަމުން ލިބުނު އިބުރަތުން ހިކުމަތު އަމަލީ ބޭނުންކޮށް ޓުއަރިޒަމްގެ ހުންގާނު އެހެން ދިމާއަކަށް އަނބުރާލަންޖެހެއެވެ. މި ހަނގުރާމައިގެ ވިލާގަނޑުން ސަލާމަތްވާނެ މަގެއް ހޯދަންޖެހެއެވެ.

ރިއެކްޝަންސް
0
1
1
3
1
1
0