ރިޕޯޓު: މާލޭގެ ތިންހާސް މީހަކަށް 30 ބިލިއަން ރުފިޔާގެ ގޯތި ހިލޭ ދިނުމަކީ އިންސާފެއްތަ؟
9 މާޗް 2022 - 15:06
މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ ދެ ވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކި އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 9،500ރ. އެވެ. އެ ރޭޓުން ބަލާ ނަމަ 1،000 އަކަފޫޓުގެ ބިމެއްގެ އަގަކީ 9.7 މިލިއަން ރުފިޔާއެވެ. އެއީ ހަމައެކަނި ބިމުގެ އަގެވެ. އެތަނުގައި އިމާރާތެއް އަޅާ ނަމަ އެންމެ ކުޑަކޮށް ވެސް 10 ވަރަކަށް މިލިއަން ރުފިޔާ ދާނެއެވެ. އެ ތަންތަން ހެދުމަށް ބޭންކްތަކުން ފަސޭހަކަމާ އެކު ލޯނު ވެސް ލިބެއެވެ. އެއީ އެ ބިންތަކުގެ އަގު ބޭންކްތަކަށް ވެސް އެނގޭތީއެވެ. އަދި އެހާ ބޮޑު ހޭދައެއް ކޮށްގެން ހަދާ އިމާރާތްތަކުން މާ ގިނަ ދުވަހެއް ނުވެ އެ ހަރަދު ހޯދޭނެކަމުގެ ޔަގީންކަން ވެސް އޮވެއެވެ.
މާލެ ސަރަހައްދާ އަޅާބަލާއިރު ރަށްރަށުގެ ބިމުގެ އަގު ވަރަށް ކުޑައެވެ. ހިލޭ ގޯތި ލިބޭތީ އާއި ޑިމާންޑް ނެތުމުން އާދައިގެ ލޯނެއްގެ ރަހުނަކަށް ވެސް ބޭނުންނުކުރެވޭހާ ބިމުގެ އަގު ދަށެވެ. އަދި ނަސީބަކުން ބިމެއް ލިބުނަސް ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހަދަން ލޯނެއް ވެސް ނުލިބެއެވެ. ކިރިޔާ ވެސް މަގެއް ދެއްކީ މި ސަރުކާރުންނެވެ. އެތައް ބުރައަކަށް ފަހު އެންމެ ގިނަވެގެން ވެސް ލިބެނީ 700،000ރ. އެވެ. ނަމަވެސް އެއީ ވެސް އެކަށީގެންވާ މިންވަރެއް ނޫނެވެ. އެހެންކަމުން ހިލޭ ދޭ ބިމުގައި ވެސް ގެއެއް އެޅޭނެ މާބޮޑު ގޮތެއް ނެތެވެ. ބައެއް ރަށްރަށުގައި ރައީސް މައުމޫނު ޒަމާނުގައި އިން ވަކިކުރި ގޯތިތައް އަދިވެސް ހަތަރު ކަން ރާނާފައި އެބަހުއްޓެވެ. ބިމުގެ އަގު ނެތުމުން ލޯނު ނުލިބި ހެދޭނެ ގޮތެއް ނެތިފައެވެ. ހިލޭ ލިބުނު ގޯތިން ދިރިއުޅުމަށް ފުރާޅު ވެސް ހަދައި ނުލެވި އެތައް ބަޔަކު އެބަ ތިއްބެވެ. އަދި މިފަހުން ހިއްކި ގިނަރަށްރަށުން މިދިޔަ 10 އަހަރު ތެރޭގެވަޅު ދީފައިވާނީ ނިކަން މަދުރަށެއްގައި ވަރަށް މަދުމީހަކަށެވެ.
މާލޭ ބިމާ ރަށްރަށު ބިމުގެ އަގު ހަމަހަމައެއް ނުވާނެ
ރަށްރަށުން ހިލޭ ބިން ދީފައި މާލެއިން ބިން ވިއްކާތީ ނުވަތަ މާލެ އިން ވެސް ހިލޭ ބިން ދޭންޖެހޭ ކަމާ މެދު ކުރެވޭ ބަހުސް ވެސް ބިނާވަނީ މި ދެ ކަމުގެ މައްޗަށެވެ. ބިމުގެ އަގުގެ މައްޗަށެވެ. ސޯޝަލް މީޑިއާގައި ކުރެވޭ ބައެއް ބަހުސްތަކުގައި ވަރަށް ރަނގަޅު މިސާލުތައް ކަމުގެ “ތަޖުރިބާކާރުން” ދައްކާފައި އެބަހުއްޓެވެ. އެފަދަ އެއް ޕޯސްޓެއްގައި މީހަކު ހިސާބު ޖަހާފައި ވެއެވެ. އޭނާގެ ނަޒަރުގައި ހުޅުމާލެ 2 ވަނަ ފިޔަވަހިން ހިލޭ ބިން ދިނުމަކީ ސަރުކާރުން އާންމު މީހާ އަށް ވިއްސަކަށް މިލިއަން ރުފިޔާ ހިލޭ ދިނުން ފަދަ ކަމެކެވެ. އަދި ތިންހާސް މީހަކަށް ތިރީސް ބިލިއަން ރުފިޔާ ބަހާލުމަކީ ކޮންފަދަ އިންސާފެއްތޯ ސުވާލު އުފެދެެއެވެ. އަދި މިކަމުން ރާއްޖެތެރޭގެ ރައްޔިތުންނާ މާލޭ ބޭފުޅުންނާ ޒަމާނުއްސުރެ އޮންނަ ނަސްލީ ތަފާތުކުރުން އިތުރުވެގެންދާނެކަން ޔަޤީނެވެ.
އޭނާ ދެކޭ ގޮތުގައި އާންމު މީހާ އަށް ފައިދާވާ ގޮތަށް އެ ބިން ބޭނުންކުރުން މާ ބުއްދިވެރިއެވެ. އެ ގޮތުން ޝަރުތުތަކެއް ކަނޑައަޅައި ބިން ލިބޭނެ މީހުން ފުރަތަމަ ކަނޑައަޅާނީއެވެ. އޭގެ ފަހުގައި އެ ބިންތައް މާކެޓް ރޭޓުގައި ވިއްކާނީއެވެ. ދެން ލިބޭ ފައިދާ ދެ ބަޔަށް ބަހާނީއެވެ. ސަރުކާރަށް ވަކި ޕަސެންޓެއް ނަގާފައި ބިން ލިބުނު ކަމަށް ބުނާ މީހާ އަށް އަނެއް ބައި ދޭނީއެވެ. މިސާލަކަށް 10 މިލިއަން ރުފިޔާ އިން ފަސް މިލިއަން ސަރުކާރަށް އަނެއް ފަސް މިލިއަން އެމީހާ އަށެވެ. އޭރުން ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް އެ ފައިސާ އިން ހޯދައިދޭނީއެވެ. މާލެއިން ގޯތި ދޫކުރުމަކީ މިފަދަ ކަމެކެވެ. ސަރުކާރުގެ ހަރަދުގައި އާ މިލިއަނަރަކު އުފަންކުރުން ފަދަ ކަމެކެވެ.
އެހެން މީހަކު ބުނެފައިވާ ގޮތުން ހައްލުކުރަންޖެހޭ އަސްލު މައްސަލައަކީ ބޯހިޔާވަހިކަމެވެ. އެ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ވިއްކާ ބިންތަކުން ލިބޭ ފައިސާ މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ފްލެޓް އަޅައިދިނުމަކީ ކުރެވޭނެ ކަމެކެވެ. އޭނާ ދެކޭ ގޮތުން ބިމެއް ދިނަސް މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި ހައްލެއް ނުލިބޭނެއެވެ. އެއީ ހިލޭދޭ އެފަދަ ބިންތަކުގައި އިމާރާތެއް ހަދަން އެތައް އަހަރެއް ނަގާނެތީއެވެ. ފައިސާ ހަމަނުޖެހިގެންނާއި ލޯނު ނުލިބިގެންނެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހެޔޮ އަގުގައި އެ ގޮތަށް ދޫކޮށްފައި ހުރި ބައެއް ބިންތައް އަދިވެސް އެހުރީ އިމާރާތެއް ނޭޅިއެވެ. ނުވަތަ ކޮންމެ ވެސް ވިޔަފާރިވެރިއަކަށް ވިއްކާލާފައި ނުވަތަ ގެސްޓް ހައުސް ހަދަން ދިގު މުއްދަތަށް ކުއްޔަށް ދީފައެވެ. އެތަނުގެ ވެރިންނާއި އާއިލާތައް އުޅެނީ ރާއްޖެއިން ބޭރުގައި ނޫނީ ކޮންމެ ވެސް ތަނަކުން ފްލެޓް ގަނެގެން ނުވަތަ ކުއްޔަށް ހިފައިގެންނެވެ. އަސްލު މައްސަލަ އޮތީ އޮތްތަނުގައެވެ.
ބޯހިޔާވަހިކަމުގައި އިންސާފެއް ނެތް
މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ އެ ލިބޭ މީހާ މިލިއަނަރަކަށް ވުމަށް ސަރުކާރުން ކޮށްދޭ ކަމެކޭ ވެސް ބުނެވިދާނެއެވެ. ޝަރުތުތަކެއް ކަނޑައަޅައިގެން ގޯތި ދޭ ނަމަ އެތަންތަން ލިބޭ މީހުންނަކީ އެފަދަ ތަނެއް ހަދައިގެން އުޅެވޭނެ ފެންވަރުގެ މީހުންނެއް ނޫންކަން މާޒީން ހެކި ދެއެވެ. އެހެންކަމުން ދެން އޮންނަ ގޮތަކީ ކޮންމެ ވެސް ވިޔަފާރިވެރިއަކަށް ވިހި ތިރީސް އަހަރަށް ކުއްޔަށް ދެނީއެވެ. ދިހަ ބުރިއަށް އިމާރާތް ހަދައިފިއްޔާ ހަތަރު ބުރި ގޭގެ ވެރިމީހާ އަށް އަނެއް ހަ ބުރި ވިޔަފާރިވެރިޔާއަށެވެ. ކުދިން ގިނަ ނަމަ ކުދިންގެ މެދުގައި އެ ހަތަރު ބުރި ބަހާނެ ގޮތަކާ މެދު އެއްބަސް ނުވެވިގެން އިމާރާތް ނުހެދިފައެވެ. އެހެން ގޮތެއް ހޯދުމަށް ބޭންކް ލޯނަށް ޝަރުތު ހަމަވަނީ މަދު މީހެކެވެ. ބިމެއް އޮތީތީ ލޯނެއް ނުދެއެވެ. އެހެންކަމުން ގޯތި ގެދޮރު ހެދުމަކީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވެއެވެ.
ރަށްރަށުން ހިލޭ ގޯތި ދޭތީ މާލެއިން ގޯތި ދިނުމާ މެދު ކުރެވޭ ބަހުސް އެއް ލޮލުން ބަލައިގެން އިންސާފުވެރިއެއް ނުވާނެއެވެ. އެ އުސޫލުން އިންސާފުވެރިކުރާ ނަމަ ރަށްރަށުގައި ދޭ ގޯތީގެ އަގު ވެސް މިނެކިރަންޖެހޭނީ މާލެއެކޭ އެއްގޮތަށެވެ. ގޯތި ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅޭ ނަމަ އެ ގޯތީގެ އަގުގައި ވެސް ހަމަހަމަ އުސޫލެއް އޮންނަންޖެހެއެވެ. އަދި އެ މިނެކިރުމުގައި ބޭންކްތަކުން ވެސް ގެންގުޅެންޖެހޭނީ އެއް ހަމައެކެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ބިމުގެ އަގަކީ އެއް ހަމައެއްގައި ކަނޑައަޅޭނެ އެއްޗެއް ނޫނެވެ. އެއީ އެތަނެއްގައި އޮންނަ ޑިމާންޑަކާއި އެ ބިމުގެ ބޭނުމުގެ މައްޗަށް ބިނާވާ ކަމެކެވެ.
އެހެންކަމުން މާލެ އިން ގޯތި ދޫކުރުމުގައި ރަށްރަށެކޭ އެއް ހަމައިން ހިލޭ ދިނުމަކީ އިންސާފުވެރި ގޮތޭ ބުނެވޭކަށް ނެތެވެ. އިންސާފުވެރިކުރާ ނަމަ މުޅި މައްސަލަ އަށް އިންސާފު ހޯދަންޖެހެއެވެ. ހައްލު ހޯދަންޖެހެނީ ބޯހިޔާވަހިކަމަށެވެ. އިންސާފުވެރިވާންޖެހެނީ އެ ސިޔާސަތުގައެވެ. އެ ކަމުގައި މާލޭ މީހެކޭ ރަށްރަށުގެ މީހެކޭ ތަފާތުކޮށްގެން ނުވާނެއެވެ. އެކަން އޮންނަންޖެހޭނީ ދިވެހި ރައްޔިތަކަށްވީތީ ލިބެންޖެހޭ ހައްގެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ހާސިލްކުރުމުގައި އެކި ތަންތަނުގައި އެކި ގޮތްތައް ބޭނުންކުރެވިދާނެއެވެ. މިނޫންގޮތަކަށް ދެވޭ ގެދޮރަކީ ރާއްޖެތެރެއާއި މާލެގެ ތަފާތުކުރުން އެހެން ދަރަޖައަށްގެންދިއުން ނޫންކަމުގައި ނުވާނެއެވެ.