ޕީރިއަޑްއާއި ގުޅުންހުރި ދިރާސާ މަދު، ކީތްވެ؟
15 މާޗް 2022 - 12:55
ޕީރިއަޑް ވުމަކީ އަންހެނުންނަށް ދިމާވާ ކަމެކެވެ. ޕީރިއަޑް ނުވުމަކީވެސް އަންހެނާގެ ހަށިގަނޑުގައި ހުންނަ ކޮންމެވެސް ކަމެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ބައެއް މީހުން ފަސްޖެހެއެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރާ މިންވަރުވެސް މަދުކަން ފާހަގަކުރެވެއެވެ.
މިހާރު ކޮންމެވެސް ވަރަކަށް މިވާހަކަ ދެއްކި ނަމަވެސް މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު މިއީ މީހުން ދައްކަން ވަރަށް ލަދުގަންނަ ވާހަކައެކެވެ. އަންހެންކުދިން ޕީރިއަޑްވާ އުމުރަށް އަރައިގެން އަންނައިރުވެސް މިކަމާއި ގުޅޭ މައުލޫމާތުތައް އެކުދިންނަށް ނޭންގެއެވެ. ނަމަވެސް މިއީ ދަރިންނަށް ކިޔާދޭންޖެހޭ ވާހަކައެކެވެ. ހަމައެކަނި އަންހެން ކުދިންނަކަށްނޫނެވެ. އަންހެންކުދިންނަށް ދިމާވާ ޕީރިއަޑްއާއި ގުޅުންހުރި ވާހަކަތައް ފިރެހެން ކުދިންނަށް ކިޔާދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
އާންމުގޮތެއްގައި ޕީރިއަޑްވާން ފަށަނީ ކުއްޖާގެ އުމުރުން 9 އަހަރާއި 15 އަހަރާއި ދެމެދުގައެވެ. އަދި އުމުރުން 52 އަހަރުން މައްޗަށް ދާންދެން އަންހެންމީހާއަށް ކޮންމެ މަހަކު 1 ފަހަރު ޕީރިއަޑްވެއެވެ. އެހެންކަމުން ގަވައިދުން ޕީރިއަޑްވާ މީހެއްގެ އުމުރުގައި އޭނާ ގާތްގަނޑަށް 450 ފަހަރު ޕީރިއަޑް ވާނެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ޕީރިއަޑްވާ އަންހެނުންގެ ތެރެއިން %20 މީހުންނަށް މިއީ ވަރަށް އާދައިގެ ތަދެކެވެ. މީގެ ސަބަބުން އާންމު ދިރިއުޅުމަށް މާބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް އަނެއް %80 މީހުންނަށް ޕީރިއަޑް ވުމުގެ ސަބަބުން ވަރަށް ބޮޑު ވޭނަކާއި ކުރިމަތިވެއެވެ. އުނަގަނޑާއި، ބޮލާއި، ފަޔާއި އަދި އެހެނިހެން ތަންތަނުގައި ރިއްސުމުގެ އިތުރުން އެހެން އުނދަގޫތައްވެސް ކުރިމަތިވެއެވެ. މީގެ ސަބަބުން ޕީރިއަޑްވާ ދުވަސްވަރުގައި އާންމު ދިރިއުޅުމުގައި ކުރަމުން އަންނަ ކަންކަން ކުރަން އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ.
އެންޑޯ މެޓްރޮސިސްއަކީ ކޮބާ؟
އެންޑޯ މެޓްރޮސިސްއަކީ ޕީރިއަޑްވާ އުމުރުގެ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލައެކެވެ. މިއީވެސް އޭގެ ސަބަބުން އަންހެނުންނަށް ވަރަށް ބޮޑު ވޭނެއް އުފުލަންޖެހޭ ބައްޔެކެވެ. މުޅި ދުނިޔެއިން 176 މިލިއަން މީހުންނަށް މިކަން ދިމާވާކަމަށް ދިރާސާތަކުން ދައްކައެވެ.
- އެންޑޯ މެޓްރޮސިސްގެ އަލާމާތްތަކުގެ ތެރޭގައި:
- ޕީރިއަޑްވެ ދުވަސްވަރު މާބޮޑަށް ތަދުވުން
- ޕީރިއަޑްވުމަށްފަހު މާގިނައިން ލޭއައުން
- ޕީރިއަޑް ނުވިނަމަވެސް އަބަދު ތަދެއް ހުރުން
- އުނަގަނޑުގައި ރިއްސުން
- ހީސްލާއިރު ތަދުވުން
ދިރާސާތަކުން ދައްކާގޮތުގައި އެންޑޯ މެޓްރޮސިސްގެ ސަބަބުން ދަރިން ހޯދުމަށްވެސް އުނދަގޫވެއެވެ. ދަރިން ހޯދަން އުނދަގޫ އަންހެނުންގެ ތެރޭގައި %40 އަންހެނުންނަށް އެންޑޯ މެޓްރޮސިސްގެ މައްސަލަތައް ހުރިކަމަށް ދިރާސާއިން ދައްކައެވެ.