ކެންސަރާއި އެހެން ބޮޑެތި ބަލިތަކުގެ އަސްލު – ތިޔަ ކެވެނީ ވިހަގަދަ ކާނާތަ؟

9 އެޕްރީލް 2022 - 15:03

ކޮންމެ ގައުމެއްގައިވެސް ދިރިއުޅޭ މީހުން ކައިބޮއި ހަދާ ކާނާއާއި ފަރުވާއަށް ހޯދާ ބޭހަކީ ރަނގަޅު ފެންވަރުގެ ތަކެތިތޯ ކަށަވަރުކުރުމުގެ ޒިންމާ އެއް އެ ގައުމެއްގެ ދައުލަތުގެ ބޮލުގައި ވެއެވެ. އެހެނީ، ފިހާރަތަކާ ހަމައަށް އަންނަ މުދާ އައީ ކޮންތާކުން ކިހިނެތް ކަން ބެލުމަކީ ވަކިވަކި ފަރުދުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން މި ބޮޑު މައްސަލަ އާއި ކުރިމަތިލުމުގެ ޒިންމާ އަކީ ފަރުދީ ޒިންމާއެއް ނޫނެވެ. ދައުލަތުގެ ޒިންމާއެކެވެ.

އާއްމުކޮށް ބޭނުންކުރާ ސާމާނާއި ވިހަ

advertisement

ދުވާލެއްގެ މައްޗަށް އަހަރެމެން އެތަކެއް ކާބޯތަކެތި ހަށިގަނޑަށް އެތެރެކުރަމެވެ. ބަލިވެއްޖެ ނަމަ ބޭސް ކަމެވެ. ފެންވަރައި އަންނައުނު ދޮވެ ހަދަން ސައިބޯނި ބޭނުން ކުރަމެވެ. ގޭތެރެ ސާފުކުރުމަށް އެކި ކަހަލަ އުފެއްދުންތައް ބޭނުން ކުރަމެވެ. ހަންގަނޑަށް ބޭނުންވާ ކްރީމް ލޯޝަން ގައިގައި ހާކަމެވެ. މިލިސްޓު މާ ދިގުނުކޮށް ކުރުކޮށް ބުނާނަމަ އަހަރެމެންގެ ދިރިއުޅުމުގައި ގެންގުޅޭ ހުރިހާ ސާމާނަކީ ވެސް އޭގެއިން ނުރައްކާ ވެދާނެ އެއްޗިއްސެވެ. މިސާލަކަށް ފޭކު ނުވަތަ ފެންވަރުދަށް ލޯޝަން ނުވަތަ މީރުވަސް ދުވާގޮތަށް ހަދާފައި ހުންނަ ލޯޝަނަކީ އެތައް ކެމިކަލްއެއް އޭގައި ހުންނަ އެއްޗެކެވެ. ހަންގަނޑުގެ ތެރެއިންލާފައި ހަށިގަނޑަށް މި ކެމިކަލްތައް ވަދެއެވެ. ދޮންނަ ކުނޑި ވެސް މިފަދައެވެ. އަންނައުނު ހިއްކަން ގޭތެރޭގައި އެޅުން ރަނގަޅު ނޫނީވެސް މި ސަބަބައްޓަކައެވެ. އެއަރފްރެޝްނާއިން ދޫކޮށްލާ މީރުވަހާއި އެކު ނިކުންނަ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ބެންޒީން އާއި ފޯމަލްޑިހައިޑް އަކީ ބައެއް ދިރާސާވެރިން ހާމަކުރާގޮތުގައި ސިނގިރޭޓު ދުމަށްވުރެ ވިހަ މާއްދާތަކެކެވެ. ފަރުދީ ޒިންމާއިން މިކަންކަން ހައްލުކުރެވިދާނެއެވެ. މިފަދަ ވިހަތަކެއްޗާ ވީހާވެސް ދުރުން އުޅެވިދާނެއެވެ. ނަމަވެސް ކާބޯތަކެއްޗާއި ހަމައިން އަހަރެމެންގެ ޒިންމާ އަށްވުރެ ބޮޑު ޒިންމާއެއް އެބަ މަތިވެއެވެ.

ވިހަ މާހައުލެއް

އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގެ ތޮއްޖެހިފައިވާ މާހައުލަކީ ވިހަ މާހައުލެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މާލޭ ސަރަހައްދުގެ ވައި ވަނީ ވިހަ ގޭހުން ކިލަނބުވެ ނުސާފުވެފައެވެ. އިންޖީނުގެއާއި، އޭސީތަކާއި، ގުދަންތަކާއި، ވަޑާންގެތަކާއި، ވޯކްޝޮޕްތަކާއި، މަތިންދާ ބޯޓު އަދި މަގުމަތީގައި ކޮންމެ ދުވަހަކު ދުއްވާ އުޅަނދުތަކުން ބޭރުކުރާ ވިހައިން މިތަނުގައި އުޅޭ އިންސާނުން ސަލާމަތްކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވެފައިވީ ހިނދު ފަރުދީ ހައިސިއްޔަތުން މި ވިހައިން ސަލާމަތްވުމަށް ފަރުދީ ގޮތުން ކުރެވެން އޮތް ކަމަކީ މާލޭގައި ދިރިނޫޅުމެވެ. މިއީ އަނެއްކާވެސް ބޮޑު ބަހުސެކެވެ. އެތަނަކީ ދިރިއުޅެވެން އޮތްތަނެއް ނޫނެވެ. ދިރިނޫޅެވާންވެސް އޮތްތަނެއް ނޫނެވެ.

ވިހަ ކާނާ

އަހަރެމެން ކަނީ އަމިއްލައަށް އުފައްދާ ތަކެއްޗެއް ނޫނެވެ. އަހަރެމެންގެ ދިރިއުޅުން ރޭވިފައި މިއޮތީ ރަށުގައި ގޮވާންކޮށްގެން ހިތްފަސޭހަކަމާއެކު ތާޒާ ކާނާ ކައިގެން ބަލިތަކާ ދުރުން އުޅެވޭނެ ޒާތަކަށް ނޫނެވެ. އެހެން ކަމުން ކާން މިޖެހެނީ ވިޔަފާރިވެރި ދަނޑުވެރިން ހައްދާ ތަކެއްޗާއި އެތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއާއި ފިހާރަތަކުގައި ވިއްކަން ހުންނަ ބަންދުކުރި ކާނާއެވެ. މިއިން ކޮންމެ ބާވަތަކީ ވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އެތަކެއްޗަށް އެތަކެއް ކެމިކަލެއް އަޅާފައި ހުންނަ ތަކެއްޗެވެ. ދަނޑުވެރިންގެ ގޮވާން ރީތިކޮށް ގިނަދުވަހު ހަލާކުނުވެ ބެހެއްޓުމަށްޓަކައި ދަނޑުތަކަށާއި ގޮވާމަށް ބާރުގަދަ ބޭސް ޖަހައެވެ. މޫދުގައި ޕްލާސްޓިކް ކުނި ގިނަވުމުގެ ސަބަބުން ކެވޭ ވިހައާއި، ކުކުޅުފަދަ ތަކެތި ބޮޑުކުރުމަށްޓަކައި ޖަހާ ހޯމޯން އިންޖެކްޝަން ފަދަ ތަކެތީގެ ސަބަބުން އާއްމުކޮށް މީހުން ކައި އުޅޭ އެއްގަމު މަހާއި ކަނޑު މަހަކީވެސް އޭގައި ވިހަ ކެމިކަލްތައް އެކުލެވޭ ކާބޯތަކެއްޗެވެ. މާލޭގެ ކެފޭ ރެސްޓޯރެންޓުތަކުގައި ކައްކަން ބޭނުންކުރާ ތެލަކީ އެއް ތެޔޮގަނޑެއްގައި އެތަކެއް ފަހަރު ކައްކާ ތެލެކެވެ. ބައެއް ތަންތަނުގައި ބޭނުންކުރަނީ ރިޒޯޓުތަކުން އުކާލާ ތެޔޮ އަގުހެޔޮކޮށް ގަނެގެނެންވެ. ތެލަކީ ހަށިގަނޑަށް ގެއްލުންދެނެވި އެއްޗެކެވެ. ތަކުރާރުކޮށް އެއް ތެޔޮގަނޑެއްގައި ކާނާ ތައްޔާރުކުރުމަކީ އަދި ވަކިން ގެއްލުން ހުރި ނުރައްކާތެރިކަމެކެވެ. ކުރުކޮށް ބުނާނަމަ ދުވާލު ތިން އިރު އަހަރެމެން މިކަނީ ވިހަ ކާނާއެވެ.

ފަރުދީ ޒިންމާ

އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މި ވިހަ ހަށިގަނޑަށް ނުފޮނުވައި ރެކެން ކުރެވޭނީ ކީއްހެއްޔެވެ؟ މަގުމައްޗަށް ނިކުމެ ވިހަ ވަޔަށް ނޭވާނުލައި ނުހުރެވޭނެއެވެ. ފިހާރައަށް ގޮސް ކެމިކަލް ފްރީ މޭވާ އާއި ތަރުކާރީ ގަނެވޭކަށް ނެތެވެ. ނުގަންނާކަށް ނޫނެވެ. ވިއްކަން ނުވެސް ހުންނަނީއެވެ. މުއްސަނދި ފަރުދަކަށް އޭނާ އާއި އާއިލާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ރާއްޖެއިން ބޭރުން ރަނގަޅު ކާނާ ޝިޕް ކުރެވިދާނެއެވެ. މިހާރުވެސް ގޮތަށް ބޭރުން މޭވާ އާއި ތަރުކާރީ (ބެރީސް، އޯގަނިކް އޯޓްސް، ފުށް، ހަނޑޫ، އެވަކާޑޯ، ނަޓްސް ފަދަ ތަކެތި) ގެނެސްގެން ކައިބޮއި އުޅޭ މީހުން އުޅެއެވެ. އެކަމަކު މިގާބިލުކަން އާއްމު އާދައިގެ މީހެއްގެ ނުހުންނާނެއެވެ. ލިބެންހުރި އެއްޗަކުން ޖެހޭނީ ކާނާ ތައްޔާރުކުރާށެވެ. ރަނގަޅު ކާނާ ލިބެން ހުއްޓަސް އެ ގަނެވޭނީވެސް މަދު ބަޔަކަށެވެ. ކެމިކަލްއެޅި ވިހަ ކާނާ އަގު ހެޔޮ އިރު، ރަނގަޅު މޮޅު ކާނާ އަގުބޮޑެވެ. ނަމަވެސް، މަދުން ކައިގެން ބަޖެޓްކޮށް މިކަން ހަމަޖައްސާލައިގެން އުޅެވޭނީވެސް ލިބެން ހުންނަނަމަތާއެވެ. ބަލިވީމަ ބޭސް ކުރާނެ ފައިސާ ނެތިގެން ހާލުގައި ޖެހުމަށް ވުރެން، މިއަދު އަތުން ހަރަދެއް ކޮށްގެން މަދުން އެކަމަކު ރަނގަޅު ކާނާ ހިޔާރުކުރުމުގެ އިހްތިޔާރު އޮތްނަމަ އަހަރެން ހިޔާރުކުރާނީ މިގޮތެވެ.

ހައްލުކުރެވޭނީ ކިހިނެތް

ވިހަ ކާނާއާއި ވިހަ ބޭހުން އަހަރެމެން ސަލާމަތް ވާނީ ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން އެންމެ ކުޑަމިނުން ކާބޯތަކެއްޗާއި ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރެވިގެންނެވެ. ޔޫރަޕްފަދަ ގައުމުތަކަށް ވިޔަފާރިވެރިން ހިތުހުރި އެއްޗެއް އެތެރެކޮށް ނުވިއްކެއެވެ. އީޔޫ އިން ގަބޫލުކުރާ މިންވަރަށް ތަކެތީގެ ފެންވަރު ނުހިފެހެއްޓޭނަމަ އެމީހުން އެތަކެތި އެގައުމުތަކުގެ މީހުން ކާން ނުވިއްކައެވެ. މިގައުމުން ޔޫރަޕަށް ވިއްކާ މަސްދަޅާއި އަހަރެމެން ކާން ގަންނަ މަސްދަޅާއި ފެންވަރާ ރަހައިގެ ގޮތުން ތަފާތީ އެހެންވެއެވެ. ރާއްޖެއިން މަސް ބަންދުކުރަނީ ދެ ކޮލިޓީއެއްގައެވެ. ޔޫރަޕަށް މޮޅު ކޮލިޓީއެވެ. ބާޒާރުން ގަންނަން ހުރި ބޭރުގެ އެހެން އުފެއްދުންތަކަކީ ވެސް އޭގެ ކޮލިޓީ ބަލައި ކަށަވަރުކޮށް ވިއްކާ ތަކެއްޗެއް ނޫނެވެ. ވިޔަފާރި ކާރުހާނާތަކުން އަގުހެޔޮކޮށް ދަށް ފެންވަރުގައި ހަދާ މިފަދަ ކާބޯތަކެތި ކުކުޅު ގެންގުޅޭ މީހުން ކުކުޅުތަކަށްވެސް ކާން ނުދޭނެއެވެ. އެއީ މިސާލަކަށް ޔޫރަޕަށް ވިއްކާ ކުކުޅުނަމަ އެކުކުޅު ކަނީ ކޮން ފެންވަރެއްގެ ކާއެއްޗެހިތޯ އެގައުމުތަކުން ބަލާތީއެވެ. ވީމާ، އަހަރެމެނަށް ވުރެން ފެންވަރު ރަނގަޅު ފައިދާހުރި ކާނާ ކައިގެން އުޅޭ ކުކުޅު ދުނިޔޭގައި އުޅޭ ކަމީ ހަގީގަތެކެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތީގެ ކޮލިޓީ ކޮންޓްރޯލިން މެކޭނިޒަމެއް ނުވަތަ ނިޒާމެއް ސަރުކާރަށް ގާއިމުކުރެވެން އެބައޮތެވެ. މިފަދަ ނިޒާމެއް ގާއިމުކޮށްފިނަމަ ސަރުކާރު ގަބޫލުކުރާ ވަކި ފެންވަރެއް ހިފަހައްޓާ ކާރުހާނާއަކާއި ދަނޑުތަކުން ނޫން ތަނަކުން ގަންނަ ތަކެތި ރާއްޖޭގެ ބޯޑަރުން އެތެރެ ނުކުރެވޭނެއެވެ. ފިހާރަތަކާ ހަމައަށް އަންނާނީ ހަށިގަނޑަށް ގެއްލުންދެނެވި ކެމިކަލް ނެތް ކާނާއާއި ބޭހެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން އޮންނަ ގޮތެވެ. އެގައުމުތަކުގެ ރައްޔިތުންގެ ސިއްހަތަކީ ސަރުކާރުތަކުން މުހިއްމު އަހަމިއްޔަތެއް ދޭ ކަމެކެވެ. މިއީ ބަލިބައްޔަށް ބޭސްކުރަން އޮންނަ ޕަބްލިކް ހެލްތް އިންޝޫރެންސް އަށް ވެސް ލިބޭ ލުޔެކެވެ.

ދެން އޮތް ގޮތަކީ ކާނާގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމެވެ. މިސާލަކަށް ފަޅޯ، ދޮންކެޔޮ، ކިއުކަންބާ، ކަރާ، ލިބޯ، މިހެންގޮސް ރާއްޖޭގައި ހެއްދޭ ކާނާގެ ބާވަތްތަކުގެ ދަނޑުވެރިކަން ފަތުރުވެރިކަމާ އެއްވަރަށް ސަމާލުކަން ދީގެން ކުރުމެވެ. އެކަމަށް ހާއްސަކޮށް ރަށްތައް ކަނޑައަޅައި، ދަނޑުވެރިން އުފެއްދުމެވެ. މާލީ އެހީ ދީގެން ކަމުގެ މާހިރުންގެނެސް ދަނޑުވެރިކަން ކުރިއެރުވުމެވެ. އެފަދަ ދަނޑުތަކުގެ އުފެއްދުންތަކުގެ ކޮލިޓީ ކޮންރޯލިން މެކޭނިޒަމެއް ގާއިމުކޮށް ވިހަ ކެމިކަލް ނެތް ކާބޯތަކެތި އާއްމުންނަށް ގަންނަން ލިބޭނެ ގޮތް ފަހިކުރުމެވެ. އޭރުން ފިހާރަތަކުން ގަންނަން ލިބެން ހުންނާނީ އެއްކަލަ ކޮލިޓީ ކޮންޓްރޯލް ނިޒާމުގެ ތެރެއިން ފާސްވެފައި ހުރި ކާނާއެވެ.

ބަލިވާ ސަބަބު އެނގޭ. މުހިންމީ ސަބަބުތައް ނައްތާލާނެ ގޮތެއް ހޯދުން

ރާއްޖޭގައި އެން.ސީ.ޑީ ތައް، (ގައިން ގަޔަށް ނާރާ ބަލިތައް) މިވަނީ ވަރަށް އާއްމުވެފައެވެ. ހަކުރު ބައްޔާއި، ހިތުގެ ބަލި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ކެންސަރު ބަލި ތަހައްމަލުކުރަމުން އަންނަ މީހުން ވަރަށް ގިނައެވެ. ހެލްތް މިނިސްޓްރީގެ ދިރާސާ ދައްކާގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 85 އިންސައްތަ މަރުވަނީ އެން.ސީ.ޑީ ގައެވެ. ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ހޯދަން ހެލްތް މިނިސްޓްރީ އިން ދިރާސާއެއް ކުރަން ނިންމި ވާހަކަ ހެލްތް މިނިސްޓަރު ވަނީ މިހަފްތާތެރޭ ވިދާޅުވެފައެވެ. ކެންސަރު ޖެހޭ ސަބަބުތަކާ މެދު ދުނިޔޭގެ ދިރާސާވެރިން ދިރާސާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިކަމާއި ބެހޭ ފަހުގެ ދިރާސާތައް ވެސް އާއްމުކޮށްފައި އެބަހުއްޓެކެވެ. ކެންސަރު ޖެހެނީ ކީއްވެގެން ކަން ނޭނގޭ ބަޔަކު ނެތެވެ. ބަލަންވީ ކެންސްރު ޖެހުމުން ދުރުކުރުވުމަށް ކުރެވެން އޮތީ ކޮންކަމެއްތޯއެވެ.

ބަލިބަލިން ދުރުވެ ތިބުމަކީ ފަރުދީ ޒިންމާއެއް ކަމަށްވީ ހިނދު، މި ފަރުދީ ޒިންމާ ނެގުމަށް އާއްމުންނަށް ހުރި ހުރަސްތައް ނައްތާލެވޭނީ ސަރުކާރަށެވެ. މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި، ކާޕެންޓްރީތަކަކީ އާއްމު މީހަކަށް މާލެއިން ބޭރުކުރެވޭނެ ތަންތަނެއް ނޫނެވެ. ކޮންސްޓްރަކްޝަން ސައިޓުތައް ވަށައިގެން ދިރިއުޅޭ މީހާ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ބާޒާރުގައި ނެތް އެއްޗެއް އެއްވެސް ފަރުދަކަށް ނުގަނެވޭނެއެވެ. އެހެންކަމުން ގައުމުގެ ރައްޔިތުން ކާ ކާނާ އާއި ބަލިވީމައި ބޭނުންކުރާ ބޭހަކީ ރައްކާތެރި ތަކެތި ތޯ ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ހަރުކަށި ފިޔަވަޅު ނާޅައިފިނަމަ ވިޔަފާރިވެރިން އެތެރެކުރާ ވިހަ ކުނިބުނި ކައިގެން އުފެދޭނީ ބަލި ޖީލެކެވެ. ދައުލަތަށް މިކަންވާނީ ބުރައަކަށެވެ. އާސަންދައަށް ކުރާ ހަރަދުގެ ބަދަލުގައި ރައްކާތެރި ކާނާ ފޯރުކޮށް ދިނުމަށް ހޭދަ ކުރާނަމަ އާސަންދަ އަށް ލުއި ވެ އާއްމުންގެ ދުޅަހެޔޮކަން އެތައް ގުނައަކަށް ރަނގަޅުކުރެވޭނެއެނެ. ބަލިވާ ސަބަބު ހޯދަން ދިރާސާ ކުރުމުގެ ބަދަލުގައި މިކަންކަން ކުރެވޭނެ ފަސޭހަ އަވަސް ނިޒާމެއް ދިރާސާކުރުން މާ ބުއްދިވެރިވާނެ ނޫންތޯއެވެ.

ރިއެކްޝަންސް
0
3
0
16
1
0
1