އަވީގައި ބަހައްޓާފައި ހުންނަ ފެންފުޅިން ހަށިގަނޑަށް ނުރައްކާ
13 އެޕްރީލް 2022 - 11:00
ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. ބާޒާރުމަތީގައި ވިޔަސް އާންމު ފިހާރަތަކުގެ ދޮރުމަތީގައިވެސް އަދި ޖެޓީތަކުންވެސް މިމަންޒަރު ފެންނާނެއެވެ. މިދައްކަނީ އަހަރެމެންގެ ހަށިގަނޑަށް އެންމެ ބޭނުންތެރި ފެން ބަންދުކުރި ފުޅި ބަރިބަރިއަށް އަވީލާފައި ހުންނަ މަންޒަރަކީ އާންމު މަންޒަރެކެވެ. ހުޅުމާލޭގެ ފިހާރަތަކުގެ އެތެރެ އެކި މުދާތަކުން ފުރިބާރުވެފައި ހުންނައިރު ފެން ކޭސްތައް ހުންނަނީ ޕޭވްމަންޓަށް ނުވަތަ ފިހާރައިގެ ދޮރުކައިރިއަށްވާ ގޮތަށް ބޭރަށް ނެރެފައެވެ. މާލެއިން ފުރާ ބޯޓުފަހަރުތަކުން ރަށްރަށަށް ފެން ގެންދިޔުމުގެ ކުރިން އެފެން ހުންނަނީ ބަނދަރުމަތީގައި އަވީގައެވެ. އަނގަމަތީ ދޯނިފަހަރަން ރަށްރަށަށް ފެން އުފުލާއިރު ކަނޑުމަތީގައި ހޭދަވާ ހުރިހާ ވަގުތަކު ފެން ކޭސްތައް ހުންނަނީ އަރާހާ އަތްވަށް ހާމައަށެވެ. ރަށަށް ފެން ލިބުމަށްފަހު ރަށްރަށުގެ ފިހާރަތަކާ ހަމައަށް ފެން އަންނަނީވެސް އަވިން ހޫނު ވުމަށްފަހުގައެވެ. ގުދަން ކުރެވެނީ އެހާ ހޫނުތަންތަނުގައެވެ. މިއީ އެކަމަކާ އެންމެންވެސް ކަންބޮޑުވާ އެކަމަކު ހައްލު ނުވާ ކަމެކެވެ.
މައްސަލައަކީ ކޮބާ؟
ދައްކަން މިއުޅެނީ އަރާ ހޫނު އަވީގައި ފެންފުޅިކޭސްތައް ބަރިއަކަށް ޖެހިފައި ހުރުމުން ހިނގާބިނގާ ވާ މީހުންނަށް ނުވަތަ އުޅޭ ބަޔަކަށް އުނދަގޫ ވާ ވާހަކައެއް ނޫނެވެ. އެކަމަކު އޭގެ ސަބަބުން އަހަރެމެންގެ ސިއްހަތައްވާ ގެއްލުމުގެ ވާހަކައެވެ. މިގޮތަށް އަވީގައި ހުންނަ ޕެޓް ފުޅި އަކީ ހޫނުވުމުން އޭގެއިން ވިހަ ފެނުގެތެރެއަށް ލީކުވާ ފުޅިތަކެކެވެ. ފުޅިތައް ހޫނުވެފަ އަނެއްކާ ރެއަށް ފައިބާ ފިނީގައި ފިނިވެ އަނެއްކާވެސް އަނެއް ދުވަހު ހަމަ އެފެން އަތްވަށް ކެކި މިގޮތަށް ދެމިގެންދާ ސިލްސިލާގެ ސަބަބުން އެފަދަ ފެންފުޅީގައި ހުންނަ ފެނަކީ ހަށިގަނޑަށް ނުރައްކާތެރި ބަލިޖައްސާ ކެމިކަލްފެން ކަމުގައި ބުނެވިދާނެއެވެ.
އިރުގެ ގަދަ ހޫނުން ޕެޓް ފުޅިތައް ހޫނުވުމުން ފުޅީގައިވާ ފެނުގެތެރެއަށް މައިކްރޯ ޕްލާސްޓިކު ލީކުވާކަމަށް އެރިޒޯނާ ސްޓޭޓްގެ ބައޯޑިޒައިން އިންސްޓިޓިއުޓްއިން ހެދި ދިރާސާއިން ދައްކައެވެ. އަވީގައި ފެންފުޅިތައް ގިނަ އިރު ހުރުމުން ފެނުގެތެރެއަށް ލީކުވާ ބައިސޮފެނަލް އޭ bisphenol A އަކީ ހަށިގަނޑަށް ބޮޑެތި ބަލިތައް ޖެހުމަށް މެދުވެރިވާ ވިހަ މާއްދާއެކެވެ. ހަށިގަނޑުގެ ހޯމޯނަލް ލެވެލް އަށް އަސަރުކުރުމުގެ ސަބަބުން ގޭސްޓްރައިޓިސް އާއި ހިތުގެ ބަލިތަކާއި ކެންސަރަށް މިފަދަ ފެނުން މަގުފަހި ކުރުވާކަމަށް ދިރާސާތައް ދައްކައެވެ.
އާމްދަނީ އިން ބޮޑު ހަރަދެއް މަހެއްގެމައްޗަށް ފެނަށް ހޭދަކުރާއިރު، އަހަރެމެން މި ގަންނަ ފެނުގެ ރަހަ ނުބައިވެ އޭގެއިން ހަށިގަނޑަށް ވިހަ ވާސިލުވާނަމަ މިކަމަކީ އާއްމު ސިއްހީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއްކަމުގައި ދެކި މިކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާބަލިތައް ކުއްލިއަކަށް މަތިވަމުން އަންނަ އައުމާ މިފަދަ އަންރެގިއުލޭޓެޑް ކަންކަމުގެތެރެއިންލާފައި އަހަރެމެންގެ ބަދިގެއަށް ހޯދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވުމަކީ ދުޅަހެޔޮކަމަށް ކޮންމެހެން ކުރަން މަޖުބޫރުކަމެކެވެ. ހުރިހާކަމެއް ސަރުކާރަކަށް ނުބެލޭނެއެވެ. ނަމަވެސް ރައްކާތެރިކަމާއެކު ބޯފެން ގުދަންކޮށް ފިހާރަތަކުގައި ގެންގުޅުމަށް ބާރުއެޅުމަށް އުސޫލެއް ކަނޑައެޅުން މުހިންމެވެ. ނޫންނަމަ އަހަރެމެން ބޯން ހޯދާ ފެނަކީ އޭގެ ރައްކާތެރިކަން ކަށަވަރުކުރުކުރެވިފައިވާ ފެންކަމުގައި ހެދުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަމެއް ނޯންނާނެއެވެ.