އޮންލައިންކޮށް ހިންގާ ވައްކަންތަކުން ސަލާމަތްވާން ކުރެވިދާނެ ކަންކަން

17 އެޕްރީލް 2022 - 13:28

ޒަމާންބަދަލުވެ، ކުރާ ހަމަ ކޮންމެކަމެއް ‘އޮންލައިންކޮށް’ ކުރުން މިވަނީ އާއްމުވެފައެވެ. އޮންލައިން ވިޔަފާރީގެ މިފަސޭހައާއި އެކު ފަހަކަށް އައިސް ވައްކަމާއި ފޭރުންވެސް ބޮޑުތަނުން ‘އޮނަލްއިން’ ވެއްޖެއެވެ. ވުޖޫދުގައި ނުވެސް ނެތް މުދާ ވިއްކުމާއި، ފައިސާ ހޯދުމަށްފަހު ޚިދުމަތް ނުދިނުމާއި، ގަންނަ މުދަލުގެ ކޮލިޓީއަށް މަކަރު ހެދުމާއި،  ފައިސާ ދިންކަމަށް ބުނެ ‘ފޭކް ސްލިޕް’ ފޮނުވުމާއި އެކި އިދާރާތަކުގެ ނަމުގައި ގުޅައިގެން ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދައިގެން ވެސް އާއްމުންގެ އަތުން ސްކޭމަރުން ގިނަ އަދަދަކަށް ފައިސާ ނަގާފައި އެބަހުއްޓެވެ. ރާއްޖޭގެ ރިޒޯޓުތަކަށް އޮންލައިން ބުކިން ހަދާ ފަތުރުވެރިންގެ މައުލޫމާތު ނަގައިގެން އެމީހުންގެ އީމެއިލްއަށް ރިޒޯޓުގެ ނަމުގައި އީމެއިލްކޮށްގެން މަކަރުން ފައިސާ ހޯދާފައި އެބަހުއްޓެވެ. ޓްރެވެލްއޭޖެންސީތަކުގެ ނަމުގައި ވެބްސައިޓް ހަދައިގެން ފަތުރުވެރިންއަތުންވެސް ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވާ ސްކޭމަރުން ތިބި އިރު މިކަހަލަ މައްސަލަތަކުގައި ދައުވާކޮށް ގެއްލުނުފައިސާ ހޯދުމަކީ ކުރެވުން ވަރަށް ނާދިރުކަމެކެވެ.

ސަމާލުވާން ކުރެވިދާނެކަންކަން

  • ގޮތްފާޑު އެނގޭ ރީޓެއިލަރުން އަތުން ވިޔަފާރިކުރާށެވެ.

އޮންލައިން ވިޔަފާރި ކުރާއިރު ވިހާވެސް ގިނަ ކަސްޓަމަރުން ރިވިއުކޮށްފައިހުރި ގިނަމީހުން ދަންނަ ރީޓެއިލަރުން އަތުން ތަކެތި ގަތުމަށް އާދަކުރާށެވެ. ޢާންމުކޮށް ތަކެތި ގަންނަ ރީޓެއިލަރުން ބުކްމާރކް ކޮށްފައި ބަހައްޓާށެވެ. އަދި އެޑްރެސް ބާ ގައި ރީޓެއިލަރުގެ ނަން ޖެހުމުގެ ބަދަލުގައި ރީޓެއިލަރުގެ ވެބްސައިޓް އެޑްރެސް ޖަހައިގެން ވެބްސައިޓު ހޯދާށެވެ.

advertisement
  • އަލަށް ދިމާވާ ވިޔަފާރިތަކުގެ މަޢުލޫމާތު ހޯދައި ބަލާށެވެ.

ގުޅައިގެން މަޢުލޫމާތު ހޯދައި ވިޔަފާރީގެ ސައްޙަކަން ޔަގީންކުރުމުކަމީ ވަރަށް މުހިންމު ކަމެކެވެ. އެއްވެސް އަޞްލެއް ނެތް ފޭކު ޕޭޖުތަކުގައި މައިގަނޑުގޮތެއްގައި ފޭކު މީހުންގެ ނަމުގައި ރިވިއުތައް ލިޔެފައި ހުރުން އެކަށީގެންވުމާއި އެކު ރިވިއުތައް ލިޔެފައިތިބީ އަސްލު ޕްރޮފައިލްތަކުންތޯ ޔަޤީންކުރެވިދާނެއެވެ. މީގެ އިތުރުން ދަންނަ މީހުންނާއި މަޢުލޫމާތު ބަދަލުކޮށް އެވިޔަފާރިއަކީ އެހެން މީހުންނަށް ކިހާވަރަކަށް އެނގޭ ވިޔަފާރިއެއްތޯ ބެލިދާނެއެވެ.

  • އާންމު ނުވަތަ ޕަބްލިކް ވައިފައި ކަނެކްޝަން ތަކުން އޮންލައިން ވިޔަފާރި ނުކުރުން.

ހުރިހާ އެންމެންނަށް ވަދެވޭގޮތަށް ދޫކޮށްފައި ހުންނަ ވައިފައި ކަނެކްޝަންތަކަކީ ރައްކާތެރި ކަނެކްޝަންތަކެއް ނޫނެވެ. މިސާލަކަށް އެއާޕޯޓް ފަދަ ތަންތަނުގައި އޮންލައިންކޮށް ތަކެތި ގަތުމާއި މެދު ސަމާލުވާށެވެ. ސްމާޓް ފޯންތަކާއި ޒާތްޒާތުގެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެންމެނަށް ހުޅުވާލެވިފައިވާ މިފަދަ ކަނެކްޝަންތަކުގައި ޙިއްސާކުރެވޭ މަޢުލޫމާތު ފަސޭހައިން ތިންވަނަފަރާތަކަށް ހޯދޭނެއެވެ.

  • ތަކެތި ގަތުމުގެ ކުރީން ވެބްސައިޓުގެ ސެކިއުރިޓީ ކަށަވަރުކުރުން

އޮންލައިން ވިޔަފާރިކުރާ ވެބްސައިޓަކީ ‘ސެކިއުއަރ ސޮކެޓްސް ލޭޔަރ’ (SSL) އެންކްރިޕްޝަން ބޭނުންކޮށްފައި ހުރި ވެބްސައިޓެއް ތޯ ބަލާލާށެވެ. ފަސޭހަކޮށް މިކަން ދެނެގަންނަން ވެބްސައިޓްގެ ބްރައުޒަރ ބާ ގައި ‘ލޮކް އައިކަން’ އެއް އިންތޯ ބަލާލާށެވެ. އަދި ޔޫ.އާރު.އެލް ގައި (http) ގެ ބަދަލުގައި (https) އިންތޯ ބަލާށެވެ. ‘ސެކިއުއަރ’ ވެބްސައިޓް ތަކުގައި ހުންނާނީ ކަސްޓަމަރުގެ ޒާތީ މަޢުލޫމާތު މާސްކު ކުރެވިފައެވެ. އެހެންކަމުން ކަސްމަރުގެ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތަކަށް ނުހޯދޭނެއެވެ.   

  • އީމެއިލް މެދުވެރިކޮށް ކުރާ ސްކޭމްތަކާއި ނުއަގުގައި ތަކެތި ވިއްކަން އަންނަ ޑީލުތަކަށް ސަމާލުވުން

ބްރޭންޑެޑް އަގުބޮޑު މުދާ ހައިރާންކުރުވާހާ ހެޔޮ އަގުގައި ފެނިއްޖެ ނަމަ ބުއްދިވެރި ގޮތަކީ އެފަދަ ޑީލުތަކަށް ދީލާ ނުލުމެވެ. ގޮތްނޭނގޭ އީމެއިލްތައް ހުޅުވައި އޭގައި ހުންނަ ލިންކުތަކަށް ކްލިކް ކުރުމަކީ މުޅީ ސިސްޓަމް އެކީ ހެކްކުރުމަށް ހެކަރުން ނުވަތަ ސްކޭމަރުންނަށް ދެވޭ ފުރުސަތެކެވެ. މިފަދަ ލިންކުތަކާއި އީމެއިލްތައް ވަގުތުން ޑިލީޓްކުރުމަކީ މުހިންމުކަމެކެވެ. 

  • ކާޑުގެ މަޢުލޫމާތަށް ރައްކާތެރިވުން

އޮންލައިން ސްކޭމަރުންނަށް އެހެން މީހުންގެ އެކައުންޓުތަކުން އޮންލައިންކޮށް ފައިސާ ބޭނުންކުރުމަށް ބޭންކް ކާޑުތަކުގެ މަޢުލޫމާތާއި މީހުންގެ ޒާތީ މަޢުލޫމާތު ބޭނުންވާނެއެވެ. ބޭންކުތަކުގެ ނަމުގަޔާއި، ލީސް ކުންފުނިތަކާއި އެހެނިހެންވެސް ފަރާތްތަކުގެ ނަމުގައި ބަޔަކު ހަމަ ގުޅާލުމާއި އެކު ކާޑުތަކުގެ މަޢުލޫމާތު ޙިއްސާ ނުކުރާށެވެ. ގިނަ ފަހަރު މިފަދަ މީހުން އެހެން މީހުންނަށް ގުޅަނީ ޒާތީ މައުލޫމާތު އެކުލެވޭ ލިސްޓެއް ބަލައިގެންނެވެ. އެފަދަ މީހުން ގުޅާއިރު ތިބޭނީ އޮންލައިންކޮށް ތިމާގެ އެކައުންޓަށް ވަނުމަށްޓަކައި އެންމެ ފިޔަވަޅެއް ދުރުގައެވެ. އެއީ ކާޑު ނަމްބަރެވެ. މި މައުލޫމާތުތަކަށް ފަރުވާތެރިވެ ރައްކާތެރިވުން މުހިންމުވަނީ މިސަބަބަށްޓަކައެވެ.

  • “ރިމެމްބަރ ކާޑް އިންފޮމޭޝަން” އަށް އަބަދުވެސް ނޫނެކޭ ބުނޭ.
  • އަކީ ހުރިހާ ބްރައުޒަރ ތަކުގައިވެސް ހުންނަ ފީޗަރއެކެވެ. މިގޮތަށް މި ސުވާލު އައުމުން، ނޫނެކޭ އަށް ފިތާލުމުން ކާޑުގެ މައުލޫމާތު ބްރައުޒަރގައި ރައްކާނުކުރާނެއެވެ. މައުލޫމާތު ރައްކާކޮށްފިނަމަ އެހެން މީހަކަށްވެސް ތިމާގެ ފޯނު ނުވަތަ ކޮމްޕިއުޓަރު ބޭނުންކޮށްގެން މުދާގަނެ ޝިޕްކުރުމުގެ ފުރުސަތުއޮވެއެވެ.
  • ގަންނަ ތަކެތީގެ މަޢުލޫމާތު އެނގޭނޭހެން ރައްކާތެރިކޮށް ބަހައްޓައި އެއްޗެހި ރަނގަޅަށް ޓްރެކް ކުރާށެވެ.

އޮންލައިންކޮށް ހިންގި މުޢާމަލާތަކީ ދެފަރާތުން އެއްބަސްވި ގޮތާއި ޚިލާފަށް ހިންގާފައިވާ މުޢާމަލާތެއްކަމަށް ވާނަމަ އެންމެ ފަސޭހައިން މައްސަލަ ހައްލުކުރެވޭނީ މުޢާމަލާތުގެ ރަސީދުތަކާއި ތަފްޞީލުތައް ބަލައިގެންނެވެ. އެހެންކަމުން މިފަދަ ތަކެތި ފޮހެނުލައި ފަސޭހައިން ފެންނަގޮތަށް ފޯނުގައި ނުވަތަ ސިސްޓަމްގައި ބަހައްޓަންވާނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ގަންނަތަކެތި ޓްރެކްކޮށް ބުނެވިފައިވާ މުއްދަތުގެ ތެރޭގައި ޝިޕްކުރެވުނުތޯ އާއި ޝިޕްކުރެވުނު ރޫޓު ޓްރެކިން ނަންބަރު މެދުވެރިކޮށް މޮނިޓަރ ކުރަމުން ގެންދިއުމަކީ ގެއްލުމެއް ވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅެކެވެ.

  • ސްކޭމަރުންގެ އުކުޅުތަކާއި ބެހޭ ޚަބަރުތައް ބަލައި ސްކޭމަރުންނަށް ސަމާލުވެ މިފަދަ މީހުން ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރާށެވެ.

ސްކޭމަރުން އެއިރެއްގައި މީހުން ސްކޭމްކުރަން ގެންގުޅޭ އޮޅުވާލުމުގެ އުކުޅުތައް މީސް މީޑިއާގައާއި ނޫސްތަކުން އެނގެން ހުންނާނެއެވެ. މިކަންކަމަށް ސަމާލުކަންދީ ސްކޭމަރުންގެ ދަންތުރައިގައި ނުޖެހިވޭތޯ މަސައްކަތްކުރަންވާނެއެވެ. އަދި މިފަދަ ކަމަކާއި ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް ކަމާއިބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައި ދަންނަ އެހެން މީހުންނާއި މިމަޢުލޫމާތު ޙިއްސާކޮށް ހޭލުންތެރި ކުރުވުމަކީ އޮންލައިން ވަގުންގެ ޓާގެޓުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުކޮށްދޭ ކަންކަމެވެ.

އޮންލައިންކޮށް ހިންގާ މުދާ ގަނެ ވިއްކުމުގެ މުއާމަލާތްތަކުގައި ފިސާރި ސަމާލުވެ ނެތިއްޔާ އަތުގައި އޮތް ފައިސާކޮޅު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުކަން މިހާރު އިޙްސާސް ކުރެވޭނެއެވެ. އޮންލައިން ސްކޭމަރުންނަކީ ފެންނަ ބައެއް ނޫނެވެ. ހޯދަން އުނދަގޫބައެކެވެ. ގޮވައިގެން ކޯޓަކަށް ނުދެވޭނެއެވެ. ލޮލަށް ފެންނަން ނެތަސް އޮންލައިން ވިޔަފާރި މުއާމަލާތްކުރާއިރު، ތިމާގެ ފަހަތުގައި ވަގެއް އެބަ އެނބުރޭކަމަށް ހީކޮށްލައިގެން ސަމާލުވީމާ މިފަދަ މީހުންގެ މަކަރުން ސަލާމަތްވާން ބާރަކަށްވާނެއެވެ.

ރިއެކްޝަންސް
2
1
2
0
0
0
0