ރިޕޯޓު: ޑިމޮކްރޮސީގެ ހަތަރުވަނަ ބާރު މީޑިއާތައް، މާލީ މިނިވަންކަމަށް ބޭނުންވެފައި

19 އެޕްރީލް 2022 - 14:37

ދައުލަތުގެ ބާރުތަކުގެ ގޮތުގައި ރަސްމީކޮށް އޮންނަނީ ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރާއި ގާނޫނު ހެދުމުގެ ބާރެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ނުވަތަ ތަނބަކީ މީޑިއާއެވެ. އެހެންކަމުން ހަތަރު ވަނަ ބާރު ކަމަށްވާ މީޑިއާއާ ނުލައި ޑިމޮކްރަސީއެއް ފައްކާވެ، ފުރިހަމައެއް ނުވެއެވެ. ސިޔާސީ ޕާޓީތަކެކޭ އެއްގޮތަށް މީޑިއާ ވެފައި ވަނީ ޑިމޮކްރަސީގެ މުހިންމު ތަނބަކަށެވެ. އެހެންކަމުން ދައުލަތަކުން ކަންކަން ރާވާ ހިންގާ އިރު މި ހުރިހާ ބާރުތަކަށް ވެސް ބަލައި ހަރުދަނާކޮށް ތަރައްގީކުރުމަށް މަސައްކަތްކޮށްދެންޖެހެއެވެ. އެއީ މާލީ ގޮތުން ވިޔަސް މެއެވެ.


ދާދި ފަހުން ރައީސް އޮފީހުން އާންމުކުރި މައުލޫމާތުތަކަކާ ގުޅިގެން އާންމުންގެ މެދުގައި އަދި ހާއްސަކޮށް ސިޔާސީ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރިއެވެ. ދައުލަތުގެ ބަޖެޓުން ސަރުކާރު ޕްރޮމޯޓްކުރުމަށް މީޑިއާތަކަށް ފައިސާ ދީފައިވާކަމާއި ދީފައިވާ ގޮތުގެ ތަފްސީލްތައް ހާމަކުރުމާ އެކު މީޑިއާތަކުގައި މަސައްކަތްކުރާ ބައެއް މީހުން ވެސް މި ބަހުސްގެ ތެރޭގައި ވަރަށް ފޯރި ހިއްޕާލިއެވެ.

advertisement


އެއްބަޔަކު މިކަން ސިފަކުރީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރީ ކަމުގައެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަކީ ބޮޑު އިސްރާފެކެވެ. އެކަން ކޮށްފައި ވަނީ ހަމަހަމަ އުސޫލަކުން ނުވަތަ ދެ ފުށް ފެންނަ އުސޫލުން ނޫން ކަމަށް ބުނި ބަޔަކު ވެސް ތިއްބެވެ. ނަމަވެސް މިއީ އަލަށް ކުރާ ކަމެއް ނޫނެވެ. ސަރުކާރުން ބޭނުންވާގޮތަށް ހަބަރު ގެެނެސްދިނުމަށް މީޑިއާތަކާއި ނޫސްވެރިންނަށް ފައިސާ ދިނުމަކީ ހުރިހާ ސަރުކާރެއްގައިވެސް ހިނގަމުން އަންނަކަމެކެވެ. އަދި މިއީ ހަމައެކަނި މި ސަރުކާރުން ކުރާ ކަމެއް ވެސް ނޫނެވެ. ދައުލަތުގެ މީޑިއާ އަށް އަހަރަކު ސަތޭކަ އަށް ވުރެ ގިނަ މިލިއަން ހޭދަކުރެވޭއިރު، އަމިއްލަ މީޑިއާތަކުން ހިލޭ ސާބަހަށް ސަރުކާރުގެ ހަބަރުތައް ކަވަރުކުރަންޖެހޭނެތޯ މިއީ ސުވާލު އުފެދޭކަމެކެވެ.


ދައުލަތުގެ ސިޔާސީ ބާރުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ. މީގެ ކުރިން ކިރިޔާ 3،000 މީހުން ހަމަވާ ކުދި ކުދި ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދީފައިވެ އެވެ. ގާނޫނީ ގޮތުން ގެނައި ބަދަލުތަކާ އެކު މިހާރު މިލިއަނުން ފައިސާ ދެނީ 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އެ ފައިސާ އިން ކުރާ ކަމެއް ރައްޔިތުންނަށް ސާފު ނުވިޔަސް ހަމަ ކޮންމެ އަހަރަކު ވެސް ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެއެވެ. ސިޔާސީ ހަރަކާތެއް ހިންގިޔަސް ނުހިންގިޔަސް އެކަން އޮންނަނީ އެހެންނެވެ. ކުރިން އެކަމަށް ގިނަ ބައެއް ފާޑުކިޔުން އަމާޒުވިޔަސް މިހާރު މަޖިލީހުގެ ތެރެއިން ބަޖެޓް ފާސްކޮށްގެން ކުރާ ކަމަކަށްވުމުން އެވާހަކަ ދައްކާ މާ ގިނަ ބަޔަކު ނެތެވެ. އޭގެ ބަދަލުގައި އެއީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދައެއް ކަމަށް ގަބޫލުކުރާ މީހުން ވެސް މިހާރު މަދެއް ނޫނެވެ.
ސުވާލަކީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ހޭދަކުރާ އިރު މީޑިއާތަކުގެ ކުރިއެރުމަށް ދައުލަތުގެ ބަޖެޓުން ހޭދަނުކުރަންވީ ކީއްވެހެއްޔެވެ؟ މި ފަހުން އާންމު ރިޕޯޓްގައި އެ ހުރި އަދަދުތަކަކީ މި މައުލޫއާ ގުޅޭ ކަމެއް ނޫނެވެ. އެއީ ވިޔަފާރި އުސޫލުން ކޯޓޭޝަން ހޯދައިގެން އަގު ބަލައިގެން ކުރި ވިޔަފާރީގެ މުއާމަލާތެކެވެ. ދައްކަން މިއުޅެނީ އެ ގޮތަށް ކުރާ ހޭދައިގެ ވާހަކައެއް ނޫނެވެ. މީޑިއާތަކުގެ ކުރިއެރުމަށް ކުރާ ހޭދައިގެ ވާހަކައެވެ.


މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގައި މިހާރު ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޮންމެ އަހަރަކު ވެސް ޖަހައެވެ. ތަފާތަކީ އެއީ ހަމައެކަނި ދައުލަތުގެ މީޑިއާ ކުންފުނީގެ ދަށުން ހިންގާ މީޑިއާތަކަށް އެކަނި ކުރާ ހޭދައަކަށް ވުމެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއި ބޭއިންސާފެކެވެ. އަދި މިއީ ނަތީޖާއެއް ނުނެރެވޭ ނުވަތަ ކުރާ މަސައްކަތާ ނުބައްދަލު ބޮޑު ހޭދައެކެވެ. އެހާ ބޮޑު ހޭދައެއް ކުރާ އިރު އެކަށީގެންވާ ގޮތެއްގައި ނުވަތަ އެއާ ގާތް މިންވަރަށް ވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ދައުލަތުގެ މީޑިއާ އަށް މަސައްކަތްތަކެއް ނުކުރެވޭކަން ބައެއް ފަރާތްތަކުން ދެކެއެވެ. އެ ފައިސާ ހުރިހާ މީޑިއާތަކެއް ހިމެނޭހެން ނުވަތަ ގިނަ ބަޔަކަށް އޭގެ މަންފާކުރާނެ ފަދައިން ވަކި އުސޫލެއްގެ ތެރެއިން ހޭދަކޮށްފި ނަމަ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.


ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެންވީ ސަރުކާރު ޕްރޮމޯޓްކުރުމަކަށް ނޫނެވެ. އަދި އެއީ ޝަރުތެއް ކަމަށް ބަލައިގެން ވެސް ނުވާނެއެވެ. އެކަން ކުރާ ނަމަ ކުރަންޖެހޭނީ މީޑިއާގެ މިނިވަންކަން މިހާރަށް ވުރެ ފުޅާކުރުމަށާއި އިޖްތިމާއީ ކުރިއެރުމަށާއި، މީޑިއާގެ މާލީ މިނިވަންކަން އިތުރުކޮށްދިނުމަށެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ނަމަ މީޑިއާތައް އަޅުވެތިވެދާނެ ކަމަށް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް ފެންނަން ހުރި މިސާލުތަކަށް ބަލާއިރު އެކަން އެހެން ވާންނުޖެހޭކަން ސިޔާސީ ޕާޓީތަކުން އެދަނީ ހާމަކޮށްދެމުންނެވެ. އިދިކޮޅު ޕާޓީތަކަށް ވެސް ދައުލަތުގެ ބަޖެޓުން މިލިއަނުން ހޭދަކުރެއެވެ. ނަމަވެސް އެ ޕާޓީތައް އޮތީ ސަރުކާރަށް ސަނާ ކިޔުމުގައެއް ނޫނެވެ. ނުވަތަ އަޅުވެތި ވެފައެއް ވެސް ނޫނެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އަޅުވެތިވާންޖެހޭ ކަމެއް ނޫންކަން އެކަމުން ވެސް ހާމަވެއެވެ. ގާނޫނީ ގޮތުން އަދި ގަވާއިދުން ބަޖެޓް ފާސްކޮށްގެން އެކަން ކުރާ ނަމަ ފައިސާ ދިނަސް ސަރުކާރަށް މީޑިއާތައް އަޅުވެތިކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.


ރާއްޖޭގެ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު އޮތީ ވަރަށް ހާލުގައެވެ. ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ހާލަތު ގޯސްވި އެއްބަޔަކަށް މީޑިއާތައް ވާނެއެވެ. އެކަމަށް އެހީތެރިވުމަށް މި ސަރުކާރުން ހުރިހާ ވިޔަފާރިތަކަށް މީޑިއާ ހިމެނޭގޮތަށް ލޯނު ތަކެއް ދޫކުރިކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ އަނބުރާ ދައްކަންޖެހޭ ފައިސާއެކެވެ. ދައުލަތުން ކަށަވަރުކޮށްދޭ ބަޖެޓަކުން މީޑިއާތަކުގެ ހަރަދުގެ ބައެއް ހަމަޖެއްސޭނަމަ، މީޑިއާ އަދި ނޫސްވެރިން ޒިންމާދާރު ކުރެވި، މީޑިއާގެ މިނިވަންކަން އިތުރުވެގެންދާނެއެވެ. މީޑިއާ ޑިމްކޮރްސީގެ ހަތަރުވަނަ ބާރަކަށް ވާންވީ ހަމައެކަނި ފިޔަވަޅު އަޅައި ޒިންމާދާރު ކުރުވަންވީމާ އެކަނި ނޫންކަން ފާހަނގަ ކުރަންޖެހެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހަބަރުތައް ވަކިގޮތަކަށް ގެނެސްދީގެން ނޫނީ މީޑިއާ ނުހިންގޭ ދަރަޖައަށް ރާއްޖޭގެ ނޫސްވެރިކަން ދުއްވާލުމުގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަންޖެހެއެވެ. ހަމައެކަނި ވަކި މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ހޭދަކުރުމުގެ ބަދަލުގައި އޭގެ ފައިދާ ގިނަ ބަޔަކަށް ލިބޭނެ ގޮތަށް އެކަން ހަމަޖެއްސުން މުހިންމެވެ. އެއީ އިހްލާސްތެރިކަމެއް ހުރިނަމަ، ޑިމޮކްރަސީގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމެކެވެ.

ރިއެކްޝަންސް
3
0
1
0
1
0
0