ހަރުކަށިކަން ދައްކައިގެން ކުދިންގެ ކިބައިން ރަނގަޅު ނަތީޖާއެއް ނެރެވިދާނެބާ؟
20 އެޕްރީލް 2022 - 9:13
މިޒަމާނުގައި ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ގެންގުޅުމަށް އޮތް ބޮޑު އެއް ގޮންޖެހުމަކީ މީސް މީޑިއާ އާއި ‘ވަރޗުއަލް’ މަސްނޫޢީ ދުނިޔެއެއްގައި ކުދީން އުޅޭނެ މާހައުލެއްގައި ކުދިން ބޮޑުކުރަން ޖެހިފައިވުމެވެ. މިތަކެއްޗާއި ދުރުން ކުދިން ގެންގުޅޭ މައިންބަފައިންނަށް ވެސް، މިތަކެއްޗާއި އެއްކޮށް ހެދިބޮޑުވާ އެހެން ކުދީންގެ ނުފޫޒުން ތިމާގެ ދަރިން ސަލާމަތްކުރުން ވާނީ ބޮޑު އިތުރު ގޮންޖެހުމަކަށެވެ. ގެއިން ބޭރުން އަންނަ މިނުފޫޒުތައް ކޮންޓްރޯލް ކުރުމުގައި ބެލެނިވެރީންނަށް ބޭނުންކުރެވެނީ އަނެއްކާވެސް ހަރުކަށިކަމާއި ބާރުގެ ބޭނުމެވެ. ކުދީން ތަންތަނަށް ނުފޮނުވައި ހިފެހެއްޓުމާއި ބައިވެރިވުމަށް ބޭނުންވާ ހަރަކާތްތަކުން ބާކީކޮށް ގޭތެރޭގައި ހިފެހެއްޓުން ފަދަ ކަންކަމުން އެދެވޭ ބަދަލެއް ކުދީންގެ އުޅުމަށް އާދޭތޯ ބެލެނިވެރިން އަމިއްލައަށް ވަޒަންކޮށްލައްވާށެވެ. ކުދިންނާއި ދޭތެރޭ ހަރުކަށި ގޮތްގޮތް ގެންގުޅޭ ބެލެނިވެރިންގެ ކުދިން ގެއިން ބޭރުގައި އުޅޭ އުޅުމުގައި އެހެން ކުދީންނާއި އެކު އޮންނަ ދޭދޭ ގުޅުންތަކުގައި ހަރުކަށިކަން އިސްކުރާކަމަށް ކަމާއިބެހޭ މާހިރުންނާއި ހޯދިފައިވާ ހޯދުންތަކުން ހެކިދެއެވެ.
ހަރުކަށި އަދަބުތަކާއި ދުރުވެ ކުދީންގެ ދިރިއުޅުމުގައި ދިމާވާ އެންމެހައި ކަންކަމަށް ކުރިމަތިލުމުގަޔާއި ކަންކަން ނިންމުމުގައި އެކުދީންނަށް ފުރިހަމަ އިޚްތިޔާރުދީ އެކުދިންގެ ނިންމުންތަކަށް މަގުކޮށައިދޭ މަދަދުގާރުންނަށް ބެލެނިވެރިން ވުމުން، ކުދިން ބޮޑުވެގެން އަންނައިރު ކުދިންގެ ދިރިއުޅުމުގައި ތަފާތު ފެންނަން ފަށާނެއެވެ. ހެވާއި ނުބައި ބުނެދީ ކަނޑައެޅިފައިވާ ހައްދުތަކާއި އިންތަކެއްގެ ތެރެއަށް މިނިވަންކަމާއި އެކު އުޅުމަށް ކުދިން ދޫކޮށްލުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ ކުދިންނަށް ހެޔޮ ބަދަލުތައް އަންނަކަމަށް ދިރާސާވެރިން ހާމަކޮށްފައިވާ ދިރާސާތަކާއި ޖާނަލްތަކުން ސާފުވެއެވެ.
ކުދީންނަށް ގަނާކުރުން ހުއްޓާލާށެވެ.
ކުދީން ކުޑަވުމަކީ ބޮޑެތި މީހުން ބޭނުންވީމަ ބޭނުންހާ ގޮތަކަށް ކުދީންނާއި ދޭތެރޭ ކަންތައް ކުރުމަކަށް ލިބިދެވޭ ފާހެއް ނޫނެވެ. ގެއިން ބޭރުގައި ދަރިއަކަށް ގަނާކުރަން މީހަކަށް ފުރުޞަތު ނުދޭނެ ފަދައިން ގޭތެރެއިންވެސް އެފުރުޞަތު ދީގެން ނުވާނެ ނޫންތޯއެވެ؟ އަމިއްލަ ދަރިއަކަށް ވިއަސް ކުދިންނާއި ކުރިމަތިލާއިރު ކޮންމެ ކުއްޖަކީވެސް ވަކި މިޒާޖެއްގެ ވަކި ނަފްސެއްކަން އެނގެންޖެހެއެވެ. އަޑުއެހުމުގެ ފުރުޞަތު ކުދީންގެ ފަރާތުން ލިބޭނީ އެކުދިންގެ ވާހަކަތައް އަހަން ބޮޑެތި މީހުން ފުރުޞަތު ދިނުމުންކަން ދަންނަންޖެހެއެވެ. ކުއްޖަކާއި ދިމާލަށް ލަވާ ހަޅޭކަށް ޒުވާބުދީ ބަހުސްކުރުމުގެ ބަދަލުގައި ކުޑަކުއްޖަކު ނަމަ އެކުއްޖާއަށް ކުރެވޭނެ ކަމަކީ ރުއިމެވެ. އެއީ ފަހަރެއްގައިވެސް އެކުދީންގެ ނިކަމެތިކަމަކުން ނުވަތަ ފިނޑިކަމަކުން ވާގޮތެއް ނޫނެވެ. ކުދިން ރޮއެގަންނަނީ އެކުދިންނަށް އިޙްސާސްކުރެވޭ ބިރު ނޫނީ ތަދުންނެވެ. މިއީ ހަރުކަށިކަން ދައްކާ ބެލެނިވެރިއަކަށް ލިބޭ މޮޅެއް ނޫނީ ކާމިޔާބެއްވެސް ނޫނެވެ.
ކުދިންގެ އަޑު އިއްވަން ކުދިންނަށް ފުރުޞަތު ނުލިބޭނަމަ އެއީ ނޭނގި ނަމަވެސް ކުދިންނަށް ދެވޭ އެނިޔާއަކެވެ. ހަށިގަނޑުގެ ބޭރުފުށުން ފެންނަން ނެތަސް ނަފްސާނީގޮތުން ކުދިންނަށް ކުރާ ނޭދެވޭ އަސަރަކީ އެކުދިންގެ އުމުރުގެ ބާކި އޮތް ބައިގައި އޭގެ ސަބަބުން އެކުއްޖާއަށާއި އަދި ނުސީދާގޮތުން އެހެން މީހުންނަށް އޭގެއިން އުނދަގޫތައް ފޯރާނެ ކަމެކެވެ.
އަޅާކިޔުން ހުއްޓާލާށެވެ.
އަދިވެސް އެހެންކަމެކެވެ. ބެލެނިވެރީންގެ ބެލެނިވެރިން ނުވަތަ މައިންބަފައިން އެމީހުންނާއި މެދު ޢަމަލުކުރި ގޮތާއި އަޅާކިޔައިގެން އަމިއްލަ ކުދީން ނުވަތަ ބެލުމުގެ ދަށުގައިވާ ކުދިން ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމެވެ. އިލޮށިފަތީގެ ހޫނުކަން ދައްކައިގެން މީގެކުރިން ތިމަންނާމެންގެ މައިންބަފައިން ކުދިން ބެލިގޮތަށް ބެލީމަ މާ ރަނގަޅުވާނެއޭ ބުނާ އަޑު އިވޭހެއްޔެވެ؟ ހަޤީޤަތުގައި އެހެން އެބުނެވެނީ އެމީހުން ކޮށްފައިވާ ތަޖުރިބާއިން ނޭދެވޭ އަސަރުތަކެއް އެމީހުންނަށް ކޮށްފައިވާތީއެވެ. ޖީލުތަކަކަށް އެއިޙްސާސްތަކުގެ އަސަރު ދެމިގެންދަނީ އަދުގެ ބެލެނިވެރީން މާދަމާގެ ބެލެނިވެރީންނަށް އެއިޙްސާސްތައް ފޯރުކޮށް ދިނީމައެވެ. ލިބިފައިހުރި ތަޖުރިބާއަކަށް ބިނާކޮށް ކުދީން ބެލެހެއްޓުމުގައި ހުންނަ އިހުގެ ނުރަނގަޅު އާދަކާދަ ނައްތާލުމުގެ ވިސްނުމުގައި ކުދިން ތަރުބިއްޔަތު ކުރަން މަސައްކަތް ކުރުމުން ތަރުބިއްޔަތު ކުރުމުގެ ހެޔޮ އުކުޅުތައް ދެން އަންނަ ޖީލަކަށް ފޯރުކޮށްދެވުނީއެވެ.
ނަފްސު ކޮންޓްރޯލްކޮށް ނަމޫނާ ދައްކާށެވެ.
ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ބޭނުންކުރެވޭނެ އެންމެ މޮޅު އުކުޅަކީ ނަމޫނާ ދެއްކުމެވެ. ރުޅިއަކީ ކޮންޓްރޯލް ކުރެވޭނެ އިހްސާސެއްކަން ނަމޫނާއިން ދައްކާށެވެ. އޯގާތެރިކަމަކީ ކޮބައިކަމާއި އޯގާތެރިވާން ނަމޫނާއިން ދައްކާށެވެ. މައިންބަފައިންނަށާއި އަނބިންނަށް ނުވަތަ ފިރީންނަށް އޮންނަންޖެހޭ ޤަދަރާއި ކުލުނު ނަމޫނާއިން ދައްކާށެވެ. އިންސާނިއްޔަތު ކަމަކީ ކޮބައިކަމާއި އިންސާނިއްޔަތަށްޓަކައި ވާންޖެހޭ ޤުރުބާނީތައް ނަމޫނާއިން ދައްކާށެވެ. އެންމެ އިސްކަމަކަށް ކުދީންނަށް ދޭންޖެހޭ އަޅާލުމާއި އޯގާތެރިކަން ދީގެން އިޙްތިރާމް ހޯދަން ދަސްކޮށްދޭށެވެ.
ކުދިން ތަރުބިއްޔަތު ކުރުމަކީ ފަހަރެއްގައިވެސް ފަސޭހަކަމެއް ނޫނެވެ. އުމުރުގެ އޮތްހާ ދުވަހެއް އެކަމެއްގައި ދެމިތިބެންޖެހޭ ކަމަކަށް ޝޯޓްކަޓެއް ނޯންނާނެއެވެ. ގިނަގުނަ ދަތިތަކަކާއި ގިނަގުނަ ހުރަސްތައް ގިރާކުރަން ނަފްސު ތައްޔާރުވެފައި ހުރެގެން ނޫނީ މިކަމެއް ނުވާނެއެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެދެވޭ ގޮތެއްގައި ކުދިން ތަރުބިއްޔަތު ކުރަން ބޭނުންވާނަމަ ސްޓްރެސް މެނޭޖްކުރަން ދަސްކޮށް ތިމާގެ ނަފްސު ކޮންޓްރޯލްގައި ބަހައްޓައިގެން މެނުވީ އެހެން މީހެއްގެ ކަންކަން ނުބެލެހެއްޓޭނެކަން ސިކުނޑިއަށް ނަގައިގަނެވެން ޖެހެއެވެ. ތިމާއަށް ނަފްސާނީ އެހީ ބޭނުންވާނަމަ އެ އެހީ ހޯދާށެވެ. ނުވަތަ ގަސްތަކާނުލައި ތިމާގެ ފުށުން ލޯބިވާ މީހުންނަށް ނަފްސާނީ އަނިޔާ ދެވުން ގާތެވެ.