މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

27 އެޕްރީލް 2022 - 17:33

މިހާތަނަށް 1،323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

މިއަދު މިހާތަނަށް 1،323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ.

ޒަކާތް ދައްކާފައިވާގޮތް:

  • އާދައިގެ ހަނޑޫ- 372 މީހުން، 892.8 ކިލޯ
  • ރަތް ހަނޑޫ- 11 މީހުން، 26.4 ކިލޯ
  • ބާސްމަތީ ހަނޑޫ (އާދައިގެ) 258 މީހުން، 619.7 ކިލޯ
  • ބާސްމަތީ ހަނޑޫ (މޮޅު) 310 މީހުން، 744 ކިލޯ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 312 މީހުން، 748.8 ކިލޯ
  • އާދައިގެ ފުށް – 44 މީހުން، 105.6 ކިލޯ
  • އާޓާ ފުށް – 16 މީހުން، 38.4 ކިލޯ

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ރައީސް ތަސްދީޤްކުރައްވައިފި

ވިޔަފާރީގެ މުޢާމަލާތްތައް އިލެކްޓްރޯނިކް ޒަރީޢާއިން ކުރުމާއިގުޅޭ އުސޫލުތައް ބަޔާންކުރާ އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފި.

advertisement

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޞައްޙަކަން ޤާނޫނީގޮތުން ކަށަވަރުކޮށްދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ހިމެނޭ.

މިފްކޯގެ “ޖަޒީރާ ރީފާރ” ބޯޓުން މަސް އެކްސްޕޯޓު ކުރަން ފަށައިފި

މިފްކޯއަށް އަލަށް ގެނައި 2500 މެޓްރިކް ޓަނުގެ ރީފާރ ވެސަލް “ޖަޒީރާ ރީފާރ” އިން މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތް ފަށައިފި.

މިފްކޯގެ އެންމެ ބޮޑު އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވި.

މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެފައިވާއިރު މަސް އެކްސްޕޯޓުކުރަން ބޭރުން ޗާޓަރ ކޮށްގެން 7 ރީފާރ ވެސެލްވަނީ ގެނެސްފައި.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަންނަ ޖެނުއަރީއަށް ނިމޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފުރަތަމަ ސްކޫލް “ޞަލާޙުއްދީން ސްކޫލު”ގެ ކިޔެވުން ފަށާނީ ދިރާސީ އާ އަހަރުގެ ދެވަނަ ޓަރމާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައިފި.

މިއީ 1000 އާއި 1200އާއި ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެއް.

މި ސްކޫލަކީ 118 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރާ ސްކޫލެއް.

ޑެންގީ އާއި ރޯގާ އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީގެ ކޭސްތައް ރިޕޯޓް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ކުރިއަށް އޮތީ ޗުއްޓީ ބަންދު ދުވަސްތަކަކަށް ވާތީ ރާއްޖޭގެ އެކިހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރު ވާނެ ކަމަށް. އަދި މިއީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މަދިރީގެ ޒަރިއްޔާއިން ފަސޭހައިން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުޞަތު ބޮޑު ދުވަސްވަރެއްކަމަށްވެސް ވިދާޅުވި.

ރިއެކްޝަންސް
0
0
0
0
0
0
0