ރިޕޯޓް: އެމްޑީޕީގެ އެތެރޭގެ އިންތިހާބުން 2023 ގެއްލިދާނެތަ؟

28 އެޕްރީލް 2022 - 17:17

އެމްޑީޕީއަކީ އަބަދު ވެސް އެތެރޭގެ އިންތިހާބުތަކުގައި ކޯޅުންތައް ބޮޑު ޕާޓީއެކެވެ. ނަމަވެސް ބޮޑު އިންތިހާބަކާ ޖެހިއްޖެނަމަ އެކަތިގަނޑެއްގެ ގޮތުގައި ތިބޭތަން މިހާތަނަށް ވަނީ ފެނިފައެވެ. ޕާޓީ ޗެއާޕާސަންގެ މަގާމު ހޮވުމަށް މެއި މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވެސް ޕާޓީގެ ކޯޓުން ވަނީ ބޮޑުވެފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި ކިތަންމެ ވަރަކަށް ކޯޅުނު ނަމަވެސް އިންތިހާބަށް ފަހު އަނެއް ވެސް އެމްޑީޕީ އެކަތިގަނޑަކަށް ވާނެއެވެ.

” އެދޭ ނަމަ ލޯބި ވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކަށް

advertisement

              އަދާވަތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށް”

ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި ދޮހޮއްކޮބެގެ ލަވައިގައި އެ ބުނާ މިންވަރަށް ވުރެ މިހާރު ޕާޓީގެ ތެރޭގައި ލާފައިވާ ރެނދުތައް ބޮޑެވެ. ދެން އަލުން ނުބެއްދޭ ވަރަށް އެ ރެނދުތައް ވަނީ ފުޅާވެފައެވެ. އަދި ކުރިއަށް އޮތީ ހައްތަހާ ވެސް އިތުރަށް ފުޅާވާނެ ކަންކަމެވެ.

އެމްޑީޕީ އެތެރޭގެ ވާދަވެރިކަން

މި ސަރުކާރު އައިސް މާ ގިނަ ދުވަހެއް ނުވެ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ފެށިފައެވެ. ޕާޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހޮވިވަޑައިގެންނެވި ހިސާބުން މި ރޭސް ފެށިއްޖެއެވެ. މަޖިލީހުގެ ރައީސްކަމުގެ އިންތިހާބާ ހަމައިން އެއްބަޔަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަޅިކަމަށް ކަނޑައެޅި އިރު އަނެއް ބަޔަކު ތިބީ ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރާވަޑައިގެންނެވެ. ރައީސް ސޯލިހްގެ ތާއީދު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށް ދެއްވި އިރު ރައީސް ނަޝީދު ތާއީދުކުރެއްވީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށެވެ.

މަޖިލީހުގެ އިންތިހާބު ނިމުނު ދުވަހުން ފެށިގެން މަޖިލިސް ހުޅުވުމާ ހަމައަށް ދެ ފެކްޝަނުގެ މެދުގައި ނުގޮވާކަށް އެއްޗެއް ނެތެވެ. މަޖިލީހަށް ހޮވުނު މެންބަރުންނާއި އާންމު މެންބަރުން ފެށިގެން ދެ ފަރާތުގެ އާއިލީ މެންބަރުންގެ މެދުގައި ވެސް މޫނު ކެނޑޭ ވަރަށް ވައިބާ ގްރޫޕްތަކުގަ އާއި ސޯޝަލް މީޑިއާގައި ޒުވާބު ކުރިއެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީން ނޮމިނޭޓްކުރާނެ މެންބަރަކު ކަނޑައެޅުމަށް ވޯޓުލާން އޮތް ރެއާ ހަމައަށް މަސްރަހު އޮތީ ވަރަށް ހޫނުވެފައެވެ. އެ ފަހަރު ވެސް ހީވީ އެމްޑީޕީގެ އޮޑި ދެ ބައިވެ އަޑިއަށް ދާނެ ކަމަށެވެ. ނަމަވެސް މުޅި މަންޒަރު ބަދަލުވީ ނޮމިނީއެއް ކަނޑައެޅުމަށް އެއްތަންވި ވަގުތު ކުއްލިއަކަށް މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް ނަޝީދު ނޮމިނޭޓްކުރެއްވި ހިސާބުންނެވެ.

އެތައް ޒުވާބަކާއި ކޯޅުންތަކެއް ކުރިއަށް ދިޔަ ނަމަވެސް އެރޭ އަނެއްކާ ވެސް އެމްޑީޕީ ފެނުނީ އެކަތިގަނޑެއްގެ ގޮތުގައެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު އުޅުއްވި ގޮތުން އެ ދެ ދެމެދުގައި އޮތް އާއިލީ ގުޅުމާއި ޒަމާނުއްސުރެ އޮތް ގާތް އެކުވެރިކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެ ކެމްޕެއިންގެ ތެރެއިން ލީ ރެނދުތައް ބެދޭހާ ދުވަހެއް ނުވެއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު މަންޒަރު ރީތިކުރެއްވުމަށް އެކުގައި އާންމުންގެ ކުރިމަތީގައި ފޮޓޯ ނެންގެވި ނަމަވެސް އާންމު މެންބަރުންނާއި މަޖިލީހުގެ ތެރޭގައި ދެ ފަޅި ނަންގަވައިގެން ތިއްބެވި ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ދިޔައީ ބަދަލުކުރަމުންނެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި ވެސް ފެނުނީ އެ މަންޒަރެވެ. ސޯޝަލް މީޑިއާގެ ކޯޅުންތައް ވެސް ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. މި ކޯޅުންތަކުގެ ތެރެއިން ޕާޓީގެ ކޮންޓްރޯލް ރައީސް ސޯލިހް ގެންދެވީ ނަންގަވަމުންނެވެ. ގައުމީ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބުކުރައްވައި ބޮޑު އަގުލަބިއްޔަތެއް އޮތީ އެ ފަޅިއަށެވެ. ގައުމީ މަޖިލީހަކީ އާންމު މެންބަރުންގެ ތާއީދު އޮތް ގޮތް ދައްކުވައިދިން އިންތިހާބަކަށް ވުމުން ޕާޓީގެ އާންމު މެންބަރުންގެ ތާއީދު އޮތް ގޮތް ވެސް ކޮންމެ ވެސް މިންވަރަކަށް ވަނީ ސާފު ވެފައެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދު ބޭފުޅަކު ފިވައި ތިއްބެވީ ރައީސް ސޯލިހް ފަޅީގައެވެ. އަދި ސިޕީގެ ކެމްޕެއިނާ ހަމައަށް އައިއިރު ކުރިން ރައީސް ނަޝީދުގެ އަރިހުގައި ތިއްބެވި އެތައް މެންބަރުންނެއް މިހާރު ތިއްބެވީ ރައީސް ސޯލިހުގެ ފަޅީގައެވެ.

ގައުމީ މަޖިލީހުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ މެދު ވެސް ރައީސް ނަޝީދު ގެއްދެވީ ނުހަނު ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. އަދި މަގާމުން ދުރުކުރެއްވުމަށް ވެސް މަސައްކަތް ކުރެއްވިއެވެ. ވަކި ހިސާބަކުން ކުރިއެރުން ލިބިވަޑައިނުގަންނަވާނެ ކަން ޔަގީންވުމުން ހުއްޓަވާލެއްވި ނަމަވެސް ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ގެންދެވީ ދެއްވަމުންނެވެ. އެ ކަމުގައި ވެސް ދެ ފަޅީގެ ކޯޅުން ބޮޑުވިއެވެ. އޭގެ ފަހުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމުގެ ވާހަކަފުޅު ދައްކަވައި ބޮޑުވަޒީރަކަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ހިސާބުން ވެސް އާންމު މެންބަރުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުން ބޮޑުވެގެން ދިޔައެވެ. މަތި އޮމާންކުރެއްވުމަށް ރައީސް ނަޝީދާއި ރައީސް ސޯލިހް ބައެއް ހަފުލާތަކުގައި އެކުގައި މަދު ފަހަރަކު ފެނުނު ނަމަވެސް އަޑީގައި އޮތް އަނގުރުގަނޑު ތިޔައީ ދުވަހެއް ދުވަހަކަށް ދޮން ގަދަވަމުންނެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދު އޮތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށެވެ. ރައީސް ސޯލިހުގެ ފަޅީގެ މީހުން ތިބީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ނަގައިގެންނެވެ. އިންތިގެ ކެމްޕެއިންގެ މޮޓޯއަކީ ހަގީގީ އެމްޑީޕީ ފަޅިއެވެ. ފައްޔާޒު ކުރިމަތިލައްވައިގެން އުޅުއްވަނީ މަޑުޖެހިފައި އޮތް އެމްޑީޕީ ފިސާރި ރަނގަޅަށް ހިންގަވާލެއްވުމަށެވެ. އިންތިގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުން ހަގީގީ އެމްޑީޕީއަކީ އެ މީހުންނެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ ތާއީދު އޮތީ ވެސް އެގޮތަށެވެ. ފައްޔާޒުގެ ފަޅީގައި ތިބީ ޕާޓީގެ އަސާސްތަކާ ދުރު ބައެއް ކަމަށް އިންތިގެ ޓީމުން ސިފަކުރެއެވެ. އަދި ފައްޔާޒުގެ ޓީމުން މަސައްކަތްކުރަނީ ރައީސް ނަޝީދު ޕާޓީން އެކަހެރިކޮށްލުމަށް ކަމަށް ވެސް ތުހުމަތު ކުރެއެވެ.

ފައްޔާޒުގެ ޓީމުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ބާރު ޕާޓީގެ ތެރޭގައި އަބަދު އޮންނާކަށް ނުޖެހެއެވެ. އަދި ހުރިހާ ކަމެއް ވާންޖެހޭނީ ވެސް ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ނުވަތަ އެ މަނިކުފާނަށް ވެރިކަމަށް އާދެވޭނެހާ ގޮތަކަށް ނޫންކަން ވެސް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ކޯޅުންގަނޑުގެ ތެރޭގައި ފައްޔާޒުގެ ޓީމަކީ ވަގުންގެ ބައިގަނޑެއްގެ ގޮތުގައި އިންތި އަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި އެއީ ޕާޓީން ބޭރުން އައިސް ތިބި ބައެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެހެން ޕާޓީތަކުން އައިސް ތިބި މެންބަރުންގެ ގޮތުގައި ސިފަކުރަނީ ހަމައެކަނި އެތެރޭގެ އިންތިހާބަކާ ޖެހުމުން ކަމަށެވެ. ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާތައް ކުރުމާއި މަގުމަތީ ހަރަކާތްތަކާއި އަދި ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންގައި އެ ބުނާ ޕާޓީން ބޭރު މީހުން ވެސް ތިބީ ކުރީ ސަފަށް ނެރެފައެވެ. އޭރު އެކަތިގަނޑެކެވެ. ހަށިގަނޑުގައި ހިނގަނީ ވެސް ރީނދޫ ލެޔެވެ.

މި ކެމްޕެއިންގެ ތެރެއިން ދެ ފެކްޝަންގެ ކޯޅުން ވަނީ މިއިން ޒަމާނެއްގައި ނުދާ މިންވަރަށް ބޮޑުވެފައެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހް އެއްވެސް ފަރާތަކަށް ރައްދު ނުދެއްވި ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް ބަސް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރަކީ ފެތެމުންދާ އޮޑިއެއްގެ ގޮތުގައި ސިފަކުރައްވައި އެމްޑީޕީން އޮޑިއާ ފެއަށް ޖެހުމަށް ވަނީ ގޮވާލައްވާފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ނަޝީދުގެ ކޮންޓްރޯލް ޕާޓީގައި މި ވަގުތު އޮތް ނަމަ މި ކޯލީޝަނުން އެމްޑީޕީ ވަކިވީހެވެ. އަދި ރައީސް ނަޝީދުގެ ބޭނުންފުޅަކީ 2023 އިންތިހާބު ސަރުކާރަށް ގެއްލުވާލައި, ކުރިއަށް އޮތް ފަސްއަހަރު އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި އޮވެ, 2028 ގައި އިންތިހާބުގައި ވާދަކޮށް އަލުން ވެރިކަމަަށް ވަޑައިގަތުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އަނެއްކޮޅުން އާންމު މެންބަރުންނާއި ރައްޔިތުންގެ މަޖިލިސް އަދި ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި އެތައް ޒުވާބެއްކޮށް ޒާތީ އެތައް ވާހަކައެއް ދައްކައި އަބުރު ގެއްލުވާލައި، ބޮޑެތި ތުހުމަތުތައް ކުރަމުންދާ އިރު އެކަން ހުއްޓުވުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އަލިފާންގަނޑަށް ތެޔޮ އެޅުއްވުށް މަސައްކަތްކުރައްވަތީ ވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިނިސްޓަރު ފައްޔާޒު ވަނީ އެކަން ފާހަގަކުރައްވައި ޕާޓީގެ އެތެރޭގެ އިންތިހާބެއްގެ ސަބަބުން ދެން އަލުން އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ކަންކަން ނުގެންދިއުމަށް އިލްތިމާސް ވެސް ކުރައްވާފައެވެ. އަދި އެކަން ހުއްޓުވުމަށް ޕާޓީގެ ލީޑާޝިޕުން މަސައްކަތް ނުކުރާކަން ވެސް ފައްޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ފަހަރުތަކެކޭ އެއްގޮތަށް ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބަށް ފަހު އަނެއްކާ ވެސް ޕާޓީ އެކަތިގަނޑަކަށް ވާނެ ކަމަށް މި ފަހަރު ބެލެވޭކަށް ނެތެވެ. ދެން ވެސް އޮތީ މި ހުޅުގަނޑު އިތުރަށް ފަޅައިގެންދާނެ ކަންކަމެވެ. ރިޔަސީ ކެންޑިޑޭޓެއްގެ ވާހަކަ ރައީސް ނަޝީދު ގެންދަވަނީ ދައްކަވަމުންނެވެ. އަދި އެމަނިކުފާނު ޕްރައިޕަރީގައި ވާދަކުރައްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ. އަނެއްކޮޅުން ރައިސް ސޯލިހްގެ ފަޅީގައި ތިއްބެވި ބޭފުޅުން ގަބޫލުކުރައްވާ ގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮތީ ޕްރައިމަރީއެއް ބާއްވަންނުޖެހޭ ގޮތަށެވެ. އަސާސީ ގަވާއިދުގައި ބުނަނީ އެމްޑީޕީގެ ރައީސްއަކަށް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޕްރައިމަރީއަކާ ނުލައި ކެންޑިޑެންސީ ދޭންޖެހޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތީ ވެސް ވަރަށް ވަރުގަދަ ހަނގުރާމައެކެވެ. އަދި ސީދާ ރައީސް ނަޝީދު ފާޅުގައި ނުކުންނަވާނެ ހަނގުރާމައެކެވެ. މިހާރު ޕާޓީގެ އެތެރޭގައި ލާފައިވާ ރެނދު އަލުން ބެދޭނެ ފުރުސަތެއް ވެސް ލިބޭކަށް ނެތެވެ. އަދި ދޮހޮއްކޮބެގެ ލަވައިގައި ބުނާ ފަދައިން މިހާރު ތިބީ ހިތަށް ކުޅަދާނަވާ ވަރަށް ވުރެ މާ ބޮޑަށް އަދާވަތްތެރިވެފައެވެ. އެކަމުން އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ވެރިކަން ދިފާއުކުރުމެވެ.

ރިއެކްޝަންސް
0
0
2
0
0
1
0