މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
8 މެއި 2022 - 17:29
ތަމްރީން ހޯދުމަށް ސިވިލް ސަރވިސް މުވައްޒަފުންގެ ޓީމެއް އިންޑިއާއަށް
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް ފުރައިފި.
މީގެތެރޭގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ.
ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި.
މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މީގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނޭ.
އޭއޭއީއޭގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން
އެސޯސިއެޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީ، އޭ.އޭ.އީ.އޭގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ހޮވިއްޖެ.
މިއެސޯސިއެޝަންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ހޮވުނީ އެއޮތޯރިޓީގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި މެމްބަރު ޤައުމުތަކުގެ އިއްތިފާގުން.
ށ.ފޭދޫއާއި ދިއްގަރު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރަނީ
މ.ދިއްގަރާއި ށ.ފޭދޫގެ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި.
މ.ދިއްގަރު ޞިއްޙީ މަރުކަޒުގެ އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން، ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާ.
ށ. ފޭދޫ ޞިއްޙީމަރުކަޒުގެ އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ، 4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން، ރައިސަރ ޕްރައިވެޓް ލިމިޓެޑާ.
ރާއްޖެ އެތެރެކުރި 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެ އެތެރެކުރި 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
ކަސްޓަމްސްއިން ވިދާޅުވީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 21,000,000.00 (އެކާވީސް މިލިއަން) ރުފިޔާއަށް އަރާކަމަށް.