ފުރަތަމަ ކުއާޓަރުގައި ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައީ ކައިވެނިކޮށްގެން އުޅޭ މީހުންގެ މެދުގައި

11 މެއި 2022 - 11:07

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެވެށި އަނިޔާގެ 244 މައްސަލަ ފެމިލީ ޓްރޮޓެކްޝަން އޮޓޯރިޓީއަށް ހުށައަޅާފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާއިން ހުށަހެޅިފައިވާ މައްސަލަތައް ކަމުން ފުރަތަމަ ކުއާރޓާރގައި ޖުމްލަ 264 ރިފަރަލް އެ  އޮތޯރިޓީއަށް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

މިގޮތުން، އެންމެ ގިނަ ރިފަރަލް ހުށަހަޅާފައިވަނީ ފުލުހުންގެ ފަރާތުންނެވެ. އެއީ ޖުމްލަ 148 ރިފަރަލްކަމަށް އެ އޮޓޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން 102 ރިފަރަލް ލިބިފައިވާއިރު ސިއްހީ ހިދުމަތްތެރިންގެ ފަރާތުން 11 ރިފަރަލް، އަދި 3 މައްސަލައެއް ސީދާ އޮތޯރިޓީއަށް ހުށަހެޅިފައިވެއެވެ. %66 ރިފަރަލް ލިބިފައިވަނީ ގްރޭޓަރ މާލޭ ރީޖަންގެ މުއައްސަސާތަކުންނެވެ.

advertisement


ފާއިތުވެގެންދިޔަ ދެ އަހަރުގެ ފުރަތަމަ ކުއަރޓަރއަށް ވުރެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެ އޮތޯރިޓީއަށް ލިބިފައިވާ ރިފަރަލްގެ އަދަދު ވަނީ އިތުރުވެފައެވެ. ފުރަތަމަ ކުއަރޓަރގައި ލިބުނު ރިފަރަލްތަކުގެ ތެރެއިން %53 މައްސަލަތަކުގައި އަނިޔާގެ ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ބާކީ ހުރި %47 މައްސަލަތަކުގައި އަނިޔާގެ ހާދިސާ ހިނގާފައިވަނީ ކުރީގެ ތާރީހެއްގައެވެ. އެއީ 2021 ވަނަ އަހަރުން 2016 ވަނަ އަހަރަށެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ޖުމްލަ 290 މީހުންނަށް ގެވެށި އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ.


މީގެތެރޭގައި، 18 އަހަރުން މަތީގެ 173 އަންހެނުން، 40 ފިރިހެނުން، އަދި 18 އަހަރުން ދަށުގެ 42 އަންހެންކުދިން އަދި 26 ފިރިހެންކުދިން، އަދި ޖިންސުގެ މައުލޫމާތު ލިބިފައިނުވާ 8 ކުޑަކުދިން ހިމެނެއެވެ.

ގެވެށި އަނިޔާގެ އަމަލެއް ހިންގައިގެން ރިޕޯޓުކުރެވުނު މީހުންގެ ޖުމްލަ އަދަދަކީ 257 އެވެ. މީގެ ތެރޭގައި 217 ފިރިހެނުން، 38 އަންހެނުން އަދި ޖިންސުގެ މައުލޫމާތު ލިބިފައިނުވާ 2 މީހުން ހިމެނެއެވެ.


2022 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި އެންމެ ގިނަ އަދަދަކަށް ހިނގާފައިވާކަމަށް ރިޕޯޓުކުރެވިފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާ (182 ހާދިސާ)، ޖިސްމާނީ އަނިޔާ (136 ހާދިސާ)، އަދި ބިރުދެއްކުމުގެ މައްސަލައެވެ (124 ހާދިސާއެވެ). މި ތިން ބާވަތުގެ އަނިޔާއަކީ ފާއިތުވި ތިން އަހަރު ތެރޭގައިވެސް އެންމެ ގިނަ އަދަދަކަށް ހިންގާފައިވާކަމަށް ރިޕޯޓުކުރެވިފައިވާ ގެވެށި އަނިޔާގެ އަމަލުތައްކަން ފާހަގަކުރަމެވެ.


2022 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ ކައިވެނިކޮށްގެން ނުވަތަ
އިނދެވަރިކޮށްފައިވާ މީހުންގެ ދެމެދުގައެވެ. އެއީ 37.3 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ ނަސަބުގެ ގޮތުން ނުވަތަ ގާތްތިމާގެކަމުގެ ގޮތުން، ނުވަތަ ކައިވެނީގެ ގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުންގެ ދެމެދުގައެވެ. އެއީ 31.1 އިންސައްތައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0