ސާރާއާއި އޭނާގެ އާއިލާއަށް އެހީތެރިވެދީ

18 މެއި 2022 - 9:43

މަމްސް އެންޖީއޯއަކީ އެކަނިވެރި މައިންނާއި އެމީހުންގެ އާއިލާތަކަށް ދިމާވާ އެކިއެކި ކަންކަމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. މީގެކުރިންވެސް ގިނަ އާއިލާއަކަށް އެ ޖަމިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މަމްސް އެންޖީއޯއިން މިހާރު ވަނީ ސާރާއާއި އޭނާގެ އާއިލާއަށް އެހީތެރިވުމަށް ހުޅުވާލާފައެވެ.

ސާރާ އަކީ އެންމެ ކުޑަ އިރުއްސުރެވެސް ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެމުން އައި މީހެކެވެ. ޢާއިލާގެ އެންމެ
ހަގަށް ހުރި ކުއްޖާއަކީ ސާރާކަމުގައި ވީނަމަވެސް، އޭނާ ބޮޑުވެގެން އައީ ޢާއިލާގެ ފަރާތުން ލިބެންވާ ފުރިހަމަ
ލޯތްބާއި އަޅާލުން ނުލިބިއެވެ. ބައްޕަ އަކީ މަސްވެރިއެށް ކަމުން، ބައްޕަގެ ގިނަ ވަޤުތު ހޭދަ ވެގެން ދިޔައީ ޢާއިލާއާއި
ދުރުގައި ކަނޑުމަތީގައެވެ. މަންމައަކީ ފެށުނީއްސުރެ ބަލިކޮށް އުޅޭ މީހެއް ކަމުން ސާރާމެންގެ ކަންތައް ކޮށްދީ،
އެމީހުން ބޭނުންވި އަޅާލުމެއް އެ މަންމަގެ ފަރާތުން ނުލިބެއެވެ. ތަނަވަސްކަން ނެތުމުންނާއި، ދިރިއުޅުމުގެ ޙާލަތު
ހުރިގޮތުން ސާރާއަށް އެންމެ ބޭނުންވި ވަރަށް ތަޢުލީމު ލިބިފައެއް ނުވެއެވެ. ޅައުމުރުގައި، ރަނގަޅު މުސްތަޤްބަލެއް
އެދުމުގެ ފޮނި އުންމީދުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް، ސާރާގެ ފުރަތަމަ ކައިވެނި ކުރިއެވެ.


ސާރާގެ އުމުރުން 26 އަހަރުގައި ފުރަތަމަ ކައިވެނިކުރެވިގެން ދިޔައީ ސާރާއަށްވުރެ ހަތަރު އަހަރު ހަގު މީހަކާއެވެ.
އުންމީދު ކުރެވުނުގޮތާ ޚިލާފަށް މިކައިވެނި ވެގެންދިޔައީ އެތައް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނު
ކައިވެންޏަކަށެވެ. އުފާވެރި ދިރިއުޅުމެއް އުޅުމަށް ދެކެމުންއައި ހުވަފެންތައް ފުނޑުފުނޑުވެ އެންމެ ފުރަތަމަވެސް
ކުރިމަތިލާން ޖެހުނީ ދުވަހަކުވެސް އުންމީދު ނުކުރާވަރުގެ އަނިޔާވެރި ދުވަސް ތަކަކާއެވެ.

ކޮންމެ ދުވަހަކުވެސް ޒުވާބު ސާރާއާއި ދިމާލަށް ހުތުރު ބަހުން އެއްޗިހި ކިޔުމަކީ ފިރިމީހާގެ އާންމު ކަމަކެވެ. ކައިވެނިން ބޭރުން އެހެން އަންހެނުންނާއި ގުޅުންބޭއްވުމާއި، ސާރާގެ ކައިރީގައި އޮވެ ހިލޭ އަންހެނުންނަށް ގުޅާ ވާހަކަ ދެއްކުމާއި، އެހެން
އަންހެނުންގެ ނަމުންގޮވާ ނަފްސާނީ ގޮތުން ސާރާ ބަލިކަށި ކުރުމުގެ ގޮތުން ތަކުރާރުކޮށް ވަނީ އެތައް ކަމެއް
ކޮށްފައެވެ. މި ކައިވެނިވެގެން ދިޔައީ ދުވަހަކުވެސް ސާރާ އުންމީދު ނުކުރާވަރުގެ އެތައް އަނިޔާވެރި އަމަލެއް
ކުރަންޖެހުނު ކައިވެންޏަކަށެވެ. މިގޮތުން ރުޅިގަދަވާ ވަގުތު ސާރާގެ ކަރުގައި ހިފާ ފިއްތުމަކީ އާދައެކެވެ.
އަދި ކަރުގައި އަޅާފައި އޮންނަ ފަށްވެސް ކަރަށް ބާރުކޮށް ފިއްތާ ހެދުމުގެ ސަބަބުން ކަރު ވަށައިގެންވަނީ
ކަނޑައިގެން ގޮއްސައެވެ. މިކަމުގެ ސަބަބުން މިހާރުވެސް ސާރާއަށް ކާތަކެތި ދިރުވަން އުނދަގޫވެ މިކަންމިވަނީ
ދާއިމީ ބޮޑު ވޭނަކަށްވެފައެވެ.

ގެވެށި އަނިޔާގެ މިފަދަ ރަހުމުކުޑަ އަނިޔާތައް ސާރާ ތަހައްމަލު ކުރަމުންދިޔައީ ފިރިމީހާގެ އާއިލާގެ ވެސް ކުރިމަތީގައެވެ. ނަމަވެސް މިކަން ހުއްޓުވާނޭ ފަރާތެއް ނެތި މިއަނިޔާތަކުން ސާރާ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އޭނާ އެހާލަށް ދޫކޮއްލީއެވެ. ހަމްދަރުދީގެކަންފުޅެއް ނެއްތަނުގައި އެމީހުންވެސް ދިޔައީ ސާރާއަށް އިތުރަށް ޖެއްސުންކޮށް ކުދި އަނިޔާދީ އެތަނުގައި އުޅެން މީހާއަށް ކުރަމުންނެވެ. މާބަނޑު ދުވަސްވަރު ވެސް ހޫނުގަދަވެ ސާރާ ކޮޓަރީގައި ނުތެދުވެވި އޮންނައިރު އެތަނަށް ވަދެ ފަންކާ ނިއްވާ އެކި އުނދަގޫ ކުރިއެވެ.

ފިރިމީހާއާއި އާއިލާގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެން
ވަރިކޮށްދިނުމަށްއެދި އެތަށް ފަހަރަކު ސާރާ އާދޭސް ކުރިއެވެ. ނަމަވެސް ފިރިމީހާ އެކަމަށް އެއްބަސް ނުވުމުން
ލޯބިވާ ދަރިފުޅު އެޖަލުން ސަލާމަތް ކުރުމަށްޓަކައި އަމިއްލައަށް ވަރިވާން ކޯޓަށް ހުށައެޅިއެވެ. ސާރާއަށް
މިއަނިޔާވެރި ދުނިޔެއިން ނުކުމެ ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ކައިވެންޏަށް ހަ އަހަރުވީ ފަހުންނެވެ. އޭރު
މިކައިވެންޏަށް ފަސް އަހަރުގެ ކުޑަ ފިރިހެން ދަރިއެއް ވެސް ވަނީ ލިބިފައެވެ.


ވަރިވެގެން ސާރާގެ ދިރިއުޅުން ބަދަލު ކުރީ އެއްބަނޑު ދައްތައެއްގެ ކައިރިއަށެވެ. ދަރިފުޅާއެކުގައި ހިތްހަމަ ޖެހޭ
ދުވަސްތަކެއް ހޭދަކުރުމަށް ސާރާ ކިތަންމެ ބޭނުންވިޔަސް މިގޭގައިވެސް ހޭދަކުރަން ޖެހުނީ ހިތްދަތި ދުވަސްތަކެކެވެ.
ޢާއިލާއަކީވެސް އެހާފުދުންތެރި ބަޔަކަށްނުވެފައި އިތުރު ބަޔަކަށް ޚަރަދުތައް ކުރަން ޖެހުމުގެ ސަބަބުން
ހިތްހަމަނުޖެހުމުގެ ބަސްތައް އަޑުއަހަން މެދުކެނޑުމެއްނެތި ސާރާއާއި ދަރިފުޅަށް ޖެހުނެވެ. މި ކަންތަކުންމިންޖުވެ
ދަރިފުޅަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމުގެ އުންމީދުގައި ދެވަނަ ކައިވެންޏެއް ކުރުމުގެ ވިސްނުމަކަށް ސާރާ
ދިޔައެވެ.


ކައިވެނިކުރަން ވަރަށް ގާތްވެފައި އޮއްވާ އެއްދުވަހު ދަރިފުޅު ކުޅެންއުޅެނިކޮށް ވެއްޓި އަތްބިންދައިގެން ދިޔައެވެ.
އެދުވަހު ދަރިފުޅު އަތުގައި ބޭސް އަޅަން ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ސާރާގެ އަތުން ދަރިފުޅު އަތުލިއެވެ.
ދަރިފުޅު އަނބުރާ ދޭން އެދި އާދޭސްކޮށް ސާރާ އެމީހުންގެ ފައިދަށަށް ވެއްޓި ސަލާންވެސް ޖެހިއެވެ. ނަމަވެސް
އެމީހުން ސާރާ އާއި ދަރިފުޅު ވަކިކޮއްލީ ދަރިފުޅު ވަކިކޮއްލީ ސާރާގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާފައެވެ.


ސާރާއަށް ދަރިފުޅު ގެއްލުނީ އޭނާގެ ނިކަމެތި ކަމުން ކަމުގައިވާތީ އެ ދަރިފުޅު އަނބުރާ ހޯދުމުގެ އުންމީދުގައި
އޭނާގެ އުމުރުން 35 އަހަރުގައި ދެވަނަ ކައިވެންޏެއް ކުރިއެވެ. މިފަހަރު ސާރާ ކައިވެނީގެ ގޮތުން ގުޅުނީ ކުރިން
ކައިވެންޏެއްކޮށް، އެހެން ބަނޑަކަށް ދެކުދިން ލިބިފައިވާ އުމުރުން 47 އަހަރުގެ ފިރިހެނަކާއެވެ. ކުރެވިގެން ދިޔަ
އުއްމީދުތަކާ ހިލާފަށް ދެވަނަ ކައިވެނި ވެސް ވެގެންދިޔައީ ހަމައެހާމެ އަނިޔާވެރި ކައިވެންޏަކަށެވެ. ކުޑަދުވަސް
ތެރޭގައި ފިރިމީހާގެ އަނިޔާވެރިކަންފެނި ސާރާ އަށް ނަފްސާނީ ގޮތުން އެތައް ކަމެއް ތަހައްމަލު
ކުރަންޖެހުނެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެއަނިޔާވެރި މީހާގެ ދަރިއަކަށް ސާރާ ބަލިވެއިނެވެ.

ހައެއްކަ މަސް ދުވަހުގެތެރޭގައި ސާރާ އަށް ލިބިގެން ދިޔައީ ދުވަހަކުވެސް ހިތުން ނުފިލާވަރުގެ ބޮޑެތި އަނިޔާތަކެކެވެ.
ކުރީގެ އަނބިމީހާއާއިކު ސާރާގެ ކުރިމަތީގައި ގުޅުންހިންގާ، އެއްތަނެއްގައި ނިދާ، އޭނާއަށް ކުދި އަނިޔާތައް ކުރަން
އަނިޔާތަކަށް ކެތްނުކުރެވިގެން ސާރާ އެގެއިން ނުކުމެގެން ޢާއިލާ މީހެއްގެ ކައިރިއަށްދިޔައެވެ.
އޭގެފަހުން ދަރިފުޅު ލިބުމާއި ހަމަޔަށް އެދެމައިންނަށް އެއްވެސް ޚަރަދެއް އޭނާ ނުކުރެއެވެ .

ވަންނާނެ ތަނެއް ނެތުމުން ސާރާ ހަގު ދަރިފުޅުގެ ބައްޕަ ކައިރިން އެހީއަށް އެދުނެވެ. އޭނާގެ ޝަރުތަކަށްވީ
ދަރިފުޅަށް ޚަރަދު ހޯދަންބޭނުން ކަމުގައި ވާނަމަ އޭނާ ދިރިއުޅެމުންދިޔަ އެޕާރޓްމެންޓަށް ސާރާ ދަރިފުޅު ގޮވައިގެން
ބަދަލު ވުމެވެ. އެވަގުތު ސާރާއަށް އިތުރު އެއްވެސް ގޮތެއް ނެތުމުން ދަރިފުޅުގެ ބައްޕަގެ ގެޔަށް، ހިތާދެކޮޅަށްވެސް
ބަދަލުވިއެވެ. އޭރު އެތަނުގައި އޭނާގެ ކުރީގެ އަނބިމީހާވެސް ކައިވެނި ނުކޮށް ކުދިންނާއިއެކު
ދިރިއުޅެމުންދިޔައެވެ. މިފަހަރު މިތަނުގައި ސާރާއަށް ކުރިމަތިލާން ޖެހުނީ މުޅިން ތަފާތު އަނިޔާތަކަކާއެވެ. ސިހުރުގެ
އުނދަގޫޖެހި މީހާ މަޑުނެގެންފެށިއެވެ . ދަރިފުޅުގެކަންކަން ނުކުރެވި ބިރުވެރި ރޭތަކެއް ހޭދަކުރަންޖެހި ސާރާ މުޅިން
ބަލިވާންފެށިއެވެ.

ސާރާއާއި އޭނާގެ 3 ކުދިން މިހާރު އުޅެމުންދަނީ ވަރަށް ނިކަމެތި ދިރިއުޅުމެކެވެ. މިއާއިލާއަށް އެހީތެރިވުމަށް މަމްސް އެންޖީއޯއިން މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން ކުޅޭސާމާނު، ފޮތް، އަންނައުނުވެސް ހަދިޔާކުރެވޭނެއެވެ. މި އާއިލާގައި ހުންނަނީ އުމުރުން 14 އަހަރާއި، 7 އަހަރާއި އަދި 6 އަހަރުގެ ފިރެހެން ކުދިންނެވެ. މާލެއިން ތަކެތި ހަދިޔާކުރުމަށް ގުޅާނީ 7762160 / 7688122 ހުޅުމާލޭ ފޭސް 1 އިން ގުޅާނީ 7849393 އަދި ހުޅުމާލެ ފޭސް2 އަކުން ގުޅާނީ 9851477 ނަންބަރަށެވެ. މިމަހުގެ 21 ގެ ނިޔަލަށް ތަކެތި ހަދިޔާކުރެވޭނެއެވެ. ފައިސާގެ އެހީތެރިކަން ދޭންބޭނުންވާ ފަރާތްތަކަށް މަމްސް އެންޖީއޯގެ އެކައުންޓް ނަންބަރު 7730000294482 މެދުވެރިކޮށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ރިއެކްޝަންސް
0
1
1
13
0
0
0