ރިޕޯޓު: ގާނޫނަށް ގެނެވެނު ބަދަލު — ކުޑަކުދިން އިތުރު އަނދިރިކަމެއްގެ ތެރެއަށް!
19 މެއި 2022 - 14:32
ހެނދުނު ހައްޔަރުކުރަނީ ކޮންމެ ވެސް ތަނަކުން ވައްކަން ކުރުމުގެ މައްސަލައެއްގައެވެ. މެންދުރު ނުވަނީސް އެ ކުއްޖާ ދޫކޮށްލައެވެ. މާގިނައިރު ނުވެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރަނީއެވެ. ހަވީރު ވާންވާ އިރަށް ދޫކޮށްލައެވެ. އިރާކޮޅު ދެން އިވެނީ މާ ބިރުވެރި ޚަބަރެކެވެ. ބޮޑު މާރާމާރީއެކެވެ. ހައްޔަކުރި މީހުންގެ ތެރޭގައި އެ ދުވަހު ދެ ފަހަރު ހައްޔަރުކުރުމަށް ފަހު ދޫކޮށްލި 15 އަހަރު ނުވާ ކުޑަކުއްޖާ ވެސް ހިމެނެއެވެ. އެ ދުވަހެއްގައި ތަކުރާރުކޮށް އެތައް ކުށެއްގެ ތުހުމަތުގައި އެއް ކުއްޖެކެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟
އެންމެ ސަބަބެކެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނަށް 2019 ވަނަ އަހަރު އަމަލުކުރަން ފެށުމާ އެކު ކުރިން އޮތް ބޮޑު މައްސަލަ އިތުރަށް ބޮޑުވީއެވެ. އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނީ ގޮތުން ކުށުގެ ޒިންމާ އުފުލޭ އުމުރު 15 އަހަރަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. ދިހަ އަހަރު މަތީގެ ކުޑަކުދިން ބޮޑެތި ކުށްތަކުގައި ބައިވެރިވާ ނަމަ އަދަބު ދެވޭނެ ގޮތްތައް ކުރިން އޮތް ނަމަވެސް ފަހުން ގެނެވުނު ބަދަލާ އެކު، މީހަކު މެރުން ފަދަ ބޮޑު ކުށެއް ކުރި ނަމަވެސް 15 އަހަރު ނުވާ ނަމަ ކުރެވޭނެ ކަމެއް ނެތެވެ.
ގާނޫނުގައި އޮތީ ކިހިނެއް؟
ކުރިން ގާނޫނުގައި އުމުރާ ގުޅިގެން ކުށުގެ ޒިންމާ އުފުލުމުގައި އިސްތިސްނާތަކެއް ހިމަނާފައި ވެއެވެ. އެ ގޮތުން އުމުރުން 10 އަހަރު ފުރިއްޖެ ނަމަ މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގައި އެ ކުދިން ކުށުގެ ޒިންމާ އުފުލަންޖެހެއެވެ. އަދި 15 އަހަރު ވުމުން އެހެން ކުށްތަކުގެ ޒިންމާ އުފުލަންޖެހެއެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާ އެކު އެއްވެސް އިސްތިސްނާއެއް ދީފައެއް ނުވެއެވެ. ކުށުގެ ޒިންމާ އުފުލަންޖެހެނީ 15 އަހަރު ފުރުމުން ކަމަށް ބުނުން ފިޔަވައި އެ އުމުރުން ދަށުގެ ކުދިން ކުރާ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކަންކުރާނެ ގޮތެއް ބުނެދީފައެއް ނުވެއެވެ. އެ ކުދިން އިސްލާހުކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ވެސް ކުރިއަކަށް ނުދެއެވެ.
ކުޑަކުދިން އިސްލާހްކުރުމަށް އަމާޒުކޮށް މިހާތަނަށް ހަދާފައި ވަނީ އެންމެ މަރުކަޒެކެވެ. އެއީ 16 ކުދިންގެ ޖާގައިގެ ތަނަކަށްވާއިރު ރެކޯޑްތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް 125 މައްސަލައެއްގައި ކުޑަކުދިންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިއީ އަދި ހަމައެކަނި ކޯޓު މަރުހަލާގައި ހުރި މައްސަލަތަކެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކުގައި ހިމެނޭ ތިން ކުއްޖަކާއި މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ އަށް ކުއްޖަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ 70 ކުއްޖެއް ވެސް ހިމެނެއެވެ. އެއީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ. އެ އުމުރަށް ނުފެތޭ އެތައް ސަތޭކަ ކުޑަކުދިންނެއް ހައްޔަރުކޮށް ދޫކޮށްލާފައި ވެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުން 15 އަހަރު ނުފުރޭ ކުދިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައާއި މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގައި ޝާމިލްވެއެވެ. ނަމަވެސް ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ވެސް 15 އަހަރު ނުވާ ކުދިންނާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ. އަދި 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަކީ ކުށްކުރާ ކުދިން ކަމަށް ބަލައިގެން ނުވާނެ ކަމާއި އެ ކުދިންނަށް ވެސް އަދަބު ދިނުމުގެ ބަދަލުގައި ހިންގަންޖެހޭނީ އިސްލާހު ކުރުމުގެ ޕްރޮގްރާމްތައް ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ. ނަމަވެސް އެފަދަ އިސްލާހުކުރުމުގެ ޕްރޮގްރާމެއް ހިނގާތަނެއް ނުފެނެއެވެ. އެފަދަ އެއްވެސް ވަސީލަތެއް ގާއިމުވެފައެއް ނެތެވެ. އަނެއްކޮޅުން ބޮޑެތި ކުށްތަކުގައި ބައިވެރިވާ 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ފުލުހުންނަކަށްވެސް ކުރެވޭނެ ކަމެއް ނެތް
އުމުރުން 15 އަހަރު ނުވާ ކުދިން މަސްތުވަތަކެއްޗާއި މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރި ނަމަވެސް އެ ކުދިންނާ މެދު އަމަލުކުރަން ގާނޫނުގައި ބުނެފައި އޮންނަ ގޮތުން އެ ކުދިންގެ ބެލެނިވެރިންނާ ވާހަކަ ދެއްކުމަށް ފަހު ދޫކޮށްލުން ނޫން ގޮތެއް ފުލުހުންނަކަށް ވެސް ނޯވެއެވެ. އަދި މިފަދަ ގިނަ ކުދިންނަކީ މައިންބަފައިންގެ މާބޮޑު އަޅާލުމެއް ނެތް ކުދިންނަށް ވުމުން އެއް ދުވަހެއްގެ ތެރޭގައި ތަފާތު އެތައް ކުށެއްގެ ތުހުމަތުގައި ވެސް ހައްޔަރުކުރަންޖެހޭ ކަމަށް ފުލުހުން ހަމަކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ. އެހެންކަމުން އެ އުމުރު ފުރައިގެ ކުދިން ލައްވާ އެފަދަ ކުށްތައް ކުރުވާކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
ގާނޫނީ ގޮތުން ގެނެވުނު ބަދަލަކީ ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާއާ އެކު އެތައް ގޮތަކުން ބެލުމަށް ފަހު ގެނެސްފައިވާ ބަދަލެކެވެ. ނަމަވެސް އެ ބަދަލާ އެކު އެ ކުދިން އިސްލާހުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމުގެ ނިޒާމު ވެސް ހަރުދަނާ ވާންޖެހެއެވެ. ވިއްސަކަށް ކުދިންނަށް އެކަނި ވިސްނައިގެން މަރުކަޒުތައް އެޅުމަކުން ނުފެދެއެވެ. އިސްލާހީ ޕްރޮގްރާމްތައް ވަރުގަދަވާންޖެހެއެވެ. މުޅި ނިޒާމު ބަދަލުވާންޖެހެއެވެ. އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާ ވެގެން ނޫނީ މުޅި މައްސަލައަށް ހައްލެއް ނުލިބޭނެއެވެ.
ކުށެއްގެ ތުހުމަތުގައި ކޮންމެ އުމުރެއްގެ ކުއްޖަކު ހައްޔަރުކުރި ނަމަވެސް ނަސޭހަތް ދީފައި ދޫކޮށްލެވިގެން ނުވާނެއެވެ. ދެ ވަނަ ފަހަރަށް ކުށަށް އަރައިގަތުމަށް އޮންނަ މަގު ބަންދުވާނެ ގޮތަކަށް ނިޒާމު ބަދަލުވާންޖެހެއެވެ. އެ ކުދިންގެ މައިންބަފައިން ޒިންމާ ނުވާ ނަމަ އެ ފަރާތްތަކަށް އަދަބު ދެވޭނެ އުސުލުތައް ކަނޑައަޅަންޖެހެއެވެ. އިހްމާލުގެ ޒިންމާ ބެލެނިވެރިން ވެސް އުފުލަންޖެހޭނެއެވެ. އެ ކުދިން އިސްލާހުކުރުމަށް މަރުކަޒުތައް އިތުރުކުރަންޖެހެއެވެ. ޕްރޮގްރާމްތައް ހަރުދަނާކޮށް ފުޅާކުރަންޖެހެއެވެ. އެއަށް ވުރެ ވެސް މުހިންމުކަމަކީ އެ ކުދިން ކުށްތަކަށް އަރައިގަތުމަށް އޮތް މަގުތައް ބަންދުކުރުމެވެ. ކުޑަކުދިން ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަންޖެހެއެވެ.