މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
23 މެއި 2022 - 17:49
ރައީސުލްޖުމްހޫރިއްޔާ ލ. މާބައިދޫ ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާބެހޭ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ޤާއިމްކުރުމުގައި ދިމާވެފައިވާ މައްސަލައިގެ އިތުރުން ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނެއެވެ.
މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރަނީ
މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު / ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށްދަނީ ހުށަހެޅެމުންނެވެ.
އެގޮތުން، މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގައެވެ. އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަން ފާހަގަކުރެވިފައިވެއެވެ.
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޮބިލައިޒްކޮށްފި
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 23 މެއި 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.
މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 1080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 105.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރާއްޖެއަށް ލިބުނު ޙައްޖު ކޯޓާ ޙައްޖު ކޯޕަރޭޝަނަށް
ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމަށް ލިބުނު ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާ ފައްޔާޒު ހަވާލުވެއްޖެ
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ވެފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް، އެމަޤާމާ ޙަވާލުވެ ވަޑައިގެންފިއެވެ.
ފައްޔާޒު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު މިއަދު ވަނީ އެމްޑީޕީގެ ސެކެޓްރިއޭޓްގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.