ޕްލާސްޓިކް ކޮތަޅު ގަންނަން ހަމަ މަޖުބޫރުތަ؟

29 މެއި 2022 - 10:49

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖް ކުރުމުގެ ބިލުގައި ވާ ގޮތުން، ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު ގަންނަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދަންޖެހެ އެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.

ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.

advertisement

މިއާއެކު ސޯޝަލްމީޑިއާގަ ވެރިން ހޫނުވާންފަށައިފި އެވެ. އެއްބަޔަކު ވިޔަފާވެރިންނަށް މުއްސަނދި ކުރުވަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށްބުނެ ޖަޒުބާތުތައް ބަންޑުން ކުރާއިރު އަނެއް ބަޔަކު ބުނަނީ ކޮތަޅު ގަންނަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ކޮންމެ އަކަސް އެންމެންނަކީ ހިޔާލު އެއްގޮތްވާނެ ބައެއް ނޫނެވެ. އަދި އެއްގޮތްވެގެންވާނެވެސް ބައެއްވެސް ނޫނެވެ.

ބަހުސްތައް އަދިވެސް ކުރިއަށްދާއިރު ތިމާވެއްޓާ ރައްޓެހި ނޫން ބައެއް ނެތެވެ. އެކަމަކު ޕްލާސްޓިކް ކޮތަޅާ ދުރުވެވޭނެ ބަޔަކުވެސް ނެތެވެ. އެހެން ކަމުން ދެ ގޮތަކަށް ވާހަކަ ދައްކައެވެ.

އެއްބަޔަކު ބުނަމުންދަނީ ފައިސާ ފޮއްޗެއް މިކަމަށް ހަރަދު ކުރުމުގެ ބަދަލުގައި ގެއިން ފޮތިކޮތަޅެއް އަމިއްލައަށް ފަހައިގެން ގެންދެވިދާނެ ކަމަށެވެ. އެ ކޮތަޅާކީ އެއްފަހަރު ބޭނުންކޮށް އުކާލާ އެއްޗެއް ނޫން ކަމަށާއި އެހެން ކަމުން ފިހާރައަށް ދާ ކޮންމެ ފަހަރަކު އެ ކޮތަޅު ބޭނުންކުރެވިދާނެ ކަމަށެވެ.

އެއީ ދެކޮޅު ހެދޭނެ ވާހަކައެއް ނޫނެވެ. ތިމާވެއްޓޭ ބުނެފި ނަމަ ތިމާވެށިގެ ކަންކަން ނޭނގޭނެ އެއްވެސް މީހެއް ނެތެވެ. އެކަމަކު ކުދި ކުދި ކަންކަން ކޮށްގެން ތިމާވެއްޓާއި ރައްޓެހި ވެވޭނެ ގޮތެއް ހޯދާކަށް ބޭނުމެއްނުވެ އެވެ.

ސޯޝަލް މީޑީއާގައި މިބަހުސް ހޫނުވެފައިވާއިރު އެއްބަޔަކު މިކަމަކީ ސިޔާސީ މަންފާއެއް ހޯދަން ރައްޔިތުންނަށް ތަކުލީފު ޖައްސަން ކުރާ ކަމެއް ކަމަށްވެސް ބުނެ އެވެ. އަނެއް ބަޔަކު މިއީ ވިޔަފާރިވެރިން އިތުރަށް މުއްސަނދިކޮށް ނިކަމތިން އިތުރަށް ނިކަމެތި ކުރަން ހަދާ ގާނޫނެއް ކަމަށްވެސް ބުނެ އެވެ. އެކަމަކު ދެ ރުފިޔާ ދީފައި ކޮތަޅެއް ގަތުމަށްވުރެ ހެދުން ކަނޑާފައި ބާކީ އޮންނަ ފޮތިކޮޅުން ފޮތި ކޮތަޅު ފަހައިގެން ބާޒާރު ކުރަން ދާއިރު އެ ހިފައިގެން ދިޔުން ކިހާ ހަރަދު ކުޑަ ހެއްޔެވެ؟ ގާނޫނެއް ހެދި ކަމުގައި ވީނަމަވެސް ކޮތަޅު ގަންނާކަށް މަޖުބޫރެއް ނޫނެވެ.

ރިއެކްޝަންސް
0
0
4
0
0
1
2