ކަދުރުކުގެ ބަހުސް ސޯޝަލް މީޑިއާގައި!
30 މެއި 2022 - 12:39
މާލޭގެ އެކި ސަރަހައްދުތަކުގައި ކަދުރު ރުއް އިންދުމުގެ މަޝްރުއު މިހާރު ކުރިއަށްދާއިރު، މިވެސް ގިނަ ދިވެހިން ލޮލަށް ނިދި އައި ކަމަކަށް ނުވި އެވެ. އެންމެންވެސް ސުވާލު ކުރަނީ މިއީ ކީއްކުރަން އިންދާ ރުއްތަކެއްތޯ އެވެ. މީގެއިން ވާނީ ކޮން ފައިދާއެއްތޯ އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި މިވާހަކަ އެކި ގޮތްގޮތަށް އެކި ސިފަ ސިފައިގައި އެކި ކުލަ ކުލައިގައި ދެކެވޭއިރު އެއްބަޔަކު މިއީ 2023ގެ އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕީއެމުން ސިހުރު ހަދަން ބޭނުން ކުރާ އެއްޗެއް ކަމަށް ދަނީ ބުނަމުންނެވެ. އަނެއް ބަޔަކު ދީނާ ގުޅުވަމުންދާއިރު އިރު މިއން ލިބޭނީ ކޮން ފައިދާއެއްތޯވެސް ގިނަ ބަޔަކު ސުވާލު އެބަކުރެ އެވެ.
ދިވެހިންނަކީ ހުރިހާ ކަމަކާވެސް ބެހޭ ބައެކެވެ. ބެހެންވެސް އެބަޖެހެ އެވެ. ސިޔާސީ ކުޅިގަނޑުން އަރައިގަނެވޭތޯ ކޮންމެވެސް އެހެން ކަމެއްވެސް ކުރަން އެބަޖެހެ އެވެ. އެ ކުޅިގަނޑު ކުޅެން އޮންނަ ތަނަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމްތަކެވެ.
ކަދުރު ރުއްތަށް އިންދަން ފެށި ހަބަރު މީޑިއާގައި ދައުރުވާން ފެށުމުން މީހަކު ޓުވީޓެއް ކުރީ އޭގެ ބަދަލުގައި ހިޔާވާ ކަހަލަ ގަހެއް ނުއިންދީ ކީއްވެތޯ އެވެ. އަނބުގަސް، ނޫނީ އެހެން ކޮންމެވެސް ކަހަލަ ގަހެއް ނުއިންދަނީ ކީއްވެތޯވެސް އެހި އެވެ.
ކޮންމެއަކަސް ހުރިހާ ކަމެއް ދަންނަ ކަމަށް ހެދިގެން ތިބެ ބަޔަކު އެ ޓުވީޓަށް ރައްދު ދޭން ފަށައިފި އެވެ. އެކަކު ބުނެފައިވަނީ އެއީ ސިހުރު ހަދަން ވެގެން ކަމަށެވެ. އަނެކަކު ބުނެފައިވަނީ ސައުދީން ކަދުރު ލިބުން ދަތިވާތީ ކަދުރު ހޯދަން ފަސޭހަކޮށްލުމަށް ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުންދަނީ ކަދުރަކީ އިސްލާމްދީނުގައި މާތް އެއްޗަކަށްވުމުން އެ ރުއް އިންދުމަށްފަހު އެ ކަނޑާލާފައި މިހާރު ވެރިކަން ކުރާ ޕާޓި އެމްޑީޕީ ބޮލުގައި އަޅުވަންވެގެން ކަމަށެވެ. އެހެނީ އެމްޑީޕީ އަކީ އަބަދުވެސް ލާދީނީ ޓެގުގައި އޮންނަ ޕާޓީއަކަށްވުމުން ކަމަށެވެ.
މާލެސިޓި މޭޔަރުގެ އިސްނެގުމުގެ މަތިން މިކަން ކުރާއިރު ދިވެހި ރުއްތަކާއި ހިޔާ ލިބޭ ބޮޑެތި ގަސްތައް އިންދަން ބައެއް މީހުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް މިއީ ގެއްލުން ބޮޑު ކަމަކަށް ވެދާނެ އެވެ. ބޮޑެތި ހިޔާ ލިބޭ ގަސްގަހާއި ދިވެހި ރުއް އަދި އަނވުގަސް ގަހަކީ އޭގެ މޫ ވަރަށް ދުރަށް ފެތުރޭ ގަސްގަހެވެ. އެހެން ކަމުން ތާރު އަޅާފައިވާ މަގުތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ދިމާވެދާނެވެ.
މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ “އެއް ލައްކަ ގަސް” ޕްރޮގްރާމުގެ ދަށުން 180 ކަދުރު ރުއް އަދި 320 އެހެނިހެން މޭވާ އަޅާ ގަސް އިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ކަދުރު ރުއްތަށް ވަނީ އިންދާފަ އެވެ.