މީހަކާ އިނދެގެންތަ؟
30 މެއި 2022 - 16:55
ނަން ހާމަނުކުރާ އޮޕީނިއަން ޕީސް
އަހަރެން ގައިނީ ޑޮކްޓަރުންނަށް ދައްކަން އެންމެ ފޫހިވާ ސަބަބަކީ ކައިވެނިކޮށްގެން އުޅޭތޯ އަހާތީ އެވެ. މި ސުވާލުގެ ބޭކާރު ކަމުންނެވެ. ގައިނީއިން ބަލިމީހާ ކައިރިން ކައިވެނީގެ ރޮނގު ނުވަތަ މީހަކާއި އިނދެގެންތޯ ނޫންތޯ އަހަނީ އެމީހާ އަކީ ސެކްޝުއަލީ އެކްޓިވް މީހެއްތޯ ބެލުމަށެވެ. އަންހެނުންގެ ދަރިމައިވުމުގެ ސިއްހަތާއި ޖިންސީ ގޮތުން ދިމާވާ އެކި ސިއްހީ މައްސަލަތަކާއި މީހާގެ ކައިވެންޏާއި ގުޅުމެއް ނޯވެ ވެސް ހިނގައިދާނެއެވެ.
މިސާލަކަށް ބަލާ ނަމަ ރާއްޖޭގެ މަސައްކަތު އާބާދީގެ ބައި ލައްކަ އެއްހާ ފިރިހެނުން މަސައްކަތް ކުރަނީ ރިޒޯޓު ތަކުގައެވެ. އެ މީހުންގެ އަނބިންނަކީ ސެކްޝުއަލީ އެކްޓިވް ބައެއް ކަމުގައި ނުބެލޭނެ ހާލަތްތައް ވެސް ހުންނާނެއެވެ. ހަ މަހުން ފަހަރަކު ތިން މަހުން ފަހަރަކު އަނބިމީހާ އާއި އެކު ރޭކުރިއަސް އެއީ ސެކްޝުއަލީ އެމީހާ އެކްޓިވް ކަމުގައި ބެލެވިދާނެ މިންގަނޑެއް ކަމުގައި ހީނުވެއެވެ. ދެން އޮތީ މީހުނާއި އިނދެގެން އެކަމަކު އެއްވެސް ޖިންސީ ގުޅުމެއް ނުހިންގާ މީހުންނެވެ. މިފަދަ މީހުން ވެސް ޑޮކްޓަރަށް ދެއްކީމާ މެޑިކަލް ރެކޯޑަށް އަރުވާނީ ހަމަ “ސެކްޝުއަލީ އެކްޓިވް” ކަމަށް ތޯ އެވެ. ކައިވެނި ކޮށްގެންތޯ ނުކޮށްތޯ ސުވާލު ކުރުމަށް ފަހު ޖިންސީގުޅުން ހިންގާ ކަމަށް ނުވަތަ ނޫން ކަމަށް އެސިއުމްކޮށް ބަލިމީހާގެ މެޑިކަލް ރެކޯޑް ގައި ލިޔުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ.
15 އަހަރާއި 17 އަހަރާއި ދެމެދުގެ 85% އަންހެން ކުދިން ރުހުމުގައި ޖިންސީ ގުޅުން ހިންގާ
އަހަރެމެން ގަބޫލު ކުރިއަސް ނުކުރިއަސް، ގަޔާވިޔަސް ނުވިޔަސް ހަގީގަތަކީ މިއީ އެވެ. ޔޫއެން.އެފް.ޕީ.އޭ ގެ ވިމެންސް ހެލްތް އެންޑް ލައިފް އެކްސްޕީރިއަންސެސް ސާވޭ ދައްކާގޮތުން އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ އަންހެން ކުދިން އެމީހުންގެ ރުހުމުގައި ޖިންސީ ގުޅުން ހިންގައެވެ. ކައިވެނި ކުރާ އުމުރުފުރާ، 18 އަހަރުން މަތީގެ އަންހެނުން ވެސް ކައިވެނީގެ ކުރިން ރުހުމުގައި ޖިންސީގުޅުން ހިންގައެވެ. ވީމާ ޖިންސީ ގުޅުން ހިންގުމަކީ ހަމަ އެކަނި ކައިވެނި ކޮށްގެން ކުރާ ކަމެއް ނޫން ކަން ސާފެވެ. މިއީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ.
މި ބޭކާރު ސުވާލު އަހާތީވެ ކައިވެނި ނުކޮށް ތިބޭ އަންހެނުންނާއި އަންހެން ކުދިން ޖިންސީ ގޮތުން ދިމާވާ ސިއްހީ ކަންކަމަށް ފަރުވާ ހޯދަންވެސް ފަސް ޖެހެއެވެ. ކައިވެނި ކުރިއަސް ނުކުރިއަސް އެވާހަކަ މީހާގެ މެޑިކަލް ފައިލަށް އެރުމަކީ މި ކޮންޓެކްސްޓުގައި އެތަކެއް އޮޅުންބޮޅުންތަކެއް އަރައި، މީހާގެ މެޑިކަލް ހިސްޓްރީ ފަހުން ބަލާ މީހަކަށްވެސް ކަންކަން އޮޅޭނެ ސަބަބެކެވެ. ޒާތީ މައުލޫމާތު، ކޮންފިޑެންޝަލްކޮށް ޕްރޮފެޝަނަލް ޑޮކްޓަރަކާއި ހިއްސާކުރުމަށް އަންހެނުންނަށް ބޭނުންވާ ސޭފް ސްޕޭސް އަކަށް އަންހެނުންގެ ޑޮކްޓަރުންގެ ކޮޓަރިތައް ވާން ޖެހެއެވެ.